އިންފަންޓީނޯ މަގާމުގައި ހުންނަން ޓްރަމްޕްގެ އެހީތެރިކަމަށް އެދިއްޖެ

ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އޭނާގެ މަގާމު ދިފާއުކުރުމަށްޓަކައި އެމެރިކާގެ ޓްރަމްޕްގެ އެހީތެރިކަމަށް އެދެމުންދާ ކަމަށާއި، އެގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާއެކު ހޯމަ ދުވަހު ސިއްރު މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް "ނިއުޔޯކް ޕޯސްޓް" އަށް މައުލޫމާތު ލިބިއްޖެއެވެ. ކޮރަޕްޝަން އާ ހެދި އިންފަންޓީނޯއަށް މަގާމުން އިސްތިއުފާ ދިނުމަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުން މިދަނީ ވޯލްޑް ކަޕް، ޖޯޝް ކުޝްނާގެ ޕްރައިވެޓް އިކުއިޓީ ފާމަކަށް ވިއްކާލުމަށް އޭނާ ރާވަމުންދިޔަ ރޭވުމާ ގުޅިގެންނެވެ.

ޖިއާނީ އިންފަންޓީނޯ އާއި މާކޯ ރޫބިއޯގެ ފޯން ކޯލް

މިކަމުގެ މައުލޫމާތު އެނގޭ ދެ ފަރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އީސްޓަން ޓައިމުން ހެނދުނު 9:00 ގެ އިރުކޮޅެއް ފަހުން އިންފަންޓީނޯ އެމެރިކާގެ އެންމެ އިސް ޑިޕްލޮމޭޓާއެކު ފޯނުން ވާހަކަދައްކަވާނެއެވެ.

"އޭނާ ބޭނުންވީ ސެކްރެޓަރީއާ ވާހަކަދައްކައިގެން ފުޓްބޯޅައަކީ އެމެރިކާއަށް 'ސޮފްޓް ޕަވަރ' އެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ވަސީލަތެއްކަން ބުނެދޭން،" ނިއުޔޯކް ޕޯސްޓަށް މައުލޫމާތު ދިން އެކަކު ބުންޏެވެ. "ނަމަވެސް އަހަރެމެން އެންމެންނަށްވެސް އެނގޭ މިއީ އޭނާގެ މަގާމު ރައްކާތެރިކުރުމަށް ކުރާ ކަމެއްކަން.." އަދި 3 ވަނަ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، މީޑިއާގެ ނޭދެވޭ ޚަބަރުތަކުގެ ސަބަބުން ސްވިސް-އިޓަލީއަށް ނިސްބަތްވާ އިންފަންޓީނޯއަށް ވަނީ "އެކަނިވެރިކަން" އިހުސާސް ކުރެވިފައެވެ.

"އޭނާ ހޯދަމުން އެދަނީ އޭނާއަށް ފާޅުގައި ތާއީދުކުރާނެ ނުފޫޒުގަދަ ބައިވެރިން،" އެ ފަރާތުން ބުންޏެވެ.

ޓްރަމްޕާ ގުޅޭތޯ އިންފަންޓީނޯ ކުރި ގިނަ މަސައްކަތްތައް

ނިއުޔޯކް ޕޯސްޓަށް އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުން 56 އަހަރުގެ އިންފަންޓީނޯ ވަނީ އުމުރުން 80 އަހަރުގެ ޓްރަމްޕަށް ފޯނުން ގުޅުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ހުކުރު ދުވަހު، ކުޅިވަރުގެ ވިޔަފާރި އިންވެސްޓަރުންނަށް ކުޅިވަރުގެ އެސެޓްތައް ވިއްކާލުމަށް ހުށަހެޅި ހުށަހެޅުން ނާކާމިޔާބުވި ފަހުން އޭނާއާ ޓްރަމްޕާ ގުޅޭގޮތެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ސްވިޒަރލޭންޑްގެ ޒިއުރިކްގައި ހުންނަ ނޮން-ޕްރޮފިޓް ޖަމިއްޔާ (ފިފާ) ގެ އެތެރޭގައި އިންފަންޓީނޯގެ ލީޑަރޝިޕާ ދެކޮޅަށް ބޮޑެތި ނުރުހުންތަކެއް ވަނީ އުފެދިފައެވެ. ފިފާގެ އެގްޒެކެޓިވްއަކު ނިއުޔޯކް ޕޯސްޓަށް މައުލޫމާތު ދެމުން ބުނީ، އޮފިޝަލުން ބޭނުންވަނީ އިންފަންޓީނޯ މަގާމުން ވަކިކުރުމަށް ކަމަށާއި، މި ހަރަކާތަށް ދެވިފައިވާ ނަމަކީ "ޕްރޮޖެކްޓް ކިލް ދަ މޮންސްޓަރ" ކަމަށެވެ.

ހިއްސާ ކުރައްވާ!