2019 ވަނަ އަހަރު ޖަލުގައި އަމިއްލައަށް މަރުވި ކަމަށް ރަސްމީ އިދާރާތަކުން ނިންމާފައިވާ މަހުޖަނު އަދި ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންގެ މަރަކީ އަމިއްލައަށް މަރުވުމެއް ނޫން ކަމަށާއި، އޭނާގެ އޮޓޮޕްސީ ފޮޓޯތަކުން ދައްކަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ގަސްދުގައި މަރާލާފައިވާކަމުގެ ހެކިތައް ކަމަށް ފޮރެންސިކް ސައިންސްގެ ދާއިރާގެ މަޝްހޫރު އިލްމުވެރިއަކު ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ މިޑްލް ޓެމްޕަލް ލީގަލް ސޮސައިޓީގައި ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މަރުގެ ތަޙުޤީޤުތަކުގައި ހެދޭ ގޯސްތަކާ ބެހޭ ޚާއްސަ މާހިރު ޑރ. މައިކަލް ފްރީމަން ވަނީ އެޕްސްޓީންގެ އޮޓޮޕްސީ ފައިލްތައް އެއް އަހަރު ދުވަހު ދިރާސާކުރުމަށްފަހު ހޯދުނު ހޯދުންތައް ހާމަކުރައްވާފައެވެ. އެޕްސްޓީންގެ މުޅި އޮޓޮޕްސީ ފައިލް މިދިޔަ ނޮވެމްބަރު މަހު ޑރ. ފްރީމަންއާ ހަވާލުކުރީ އެޕްސްޓީންގެ ކޮއްކޮ މާކް އެޕްސްޓީނެވެ. ހޯމަ ދުވަހުގެ ބައްދަލުވުމުގެ ކުޑައިރުކޮޅެއް ކުރިން މާކް އެޕްސްޓީން ވަނީ އެ އޮޓޮޕްސީ ފޮޓޯތައް އިންޓަނެޓުގައި އާންމުވެސް ކޮށްފައެވެ.
އެމެރިކާގެ ފެޑެރަލް ތަޙުޤީޤީ އިދާރާތަކާއި ނިއުޔޯކް ސިޓީގެ މެޑިކަލް އެގްޒެމިނަރުގެ އޮފީހުން ނިންމާފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ލޯވަރ މޭންހެޓަން ޖަލު ގޮޅީގައި އެޕްސްޓީން ދަންޖެހިގެން މަރުވީ ކަމަށެވެ. ނަމަވެސް ޑރ. ފްރީމަން ވިދާޅުވާ ގޮތުގައި، ޖިސްމާނީ ހެކިތައް ހުރި ގޮތަކީ އަމިއްލައަށް ދަންޖެހިގެން މަރުވާ މީހެއްގެ ހަށިގަނޑުގައި ހުންނާނެ ފަދަ ނިޝާންތަކާ މުޅިން ޚިލާފް ކަންތައްތަކެކެވެ.
މިގޮތުން، ދަންޖެހިގެން މަރުވާ މީހުންގެ ކަރުގައި އާންމުކޮށް ހުންނަ ފަދަ މައްޗަށް އަރައިގެންދާ އޮމާން ރޮނގެއްގެ ބަދަލުގައި، އެޕްސްޓީންގެ ކަރުގައި ހުރި ނިޝާނަކީ ވަރަށް ފުން، ރާޅު، އަދި އެއް ފަރާތުން "ވައި" އަކުރުގެ ބައްޓަމަށް ކަފިވެފައިވާ ނިޝާނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވާތު ކޮނޑުގެ މަސްގަނޑުގެ އެތެރެއަށް ފުންކޮށް ލޭ ފައިބާފައި ހުރުމާއި، ކަރުގެ ބުޑު މަށައިގެން ގޮސްފައި ހުރުމުގެ އިތުރުން، ކަރުގައި އެޅުވި ވާގަނޑުގެ ނިޝާނަށްވުރެ މަތީގައި ނިޔަފަތިން ވަކިއަޅާފައި ހުރި ފަދަ ނިޝާންތަކެއް ހުރުމަކީ، މަރުވުމުގެ ކުރިން ބަޔަކާ އެކު ކުރިމަތިލުމެއް ހިނގާފައިވާ ކަމުގެ ހެކިތަކެއް ކަމަށް ޑރ. ފްރީމަން ވިދާޅުވިއެވެ.
ބިންމަތިން ގާތްގަނޑަކަށް އެއް އިންޗި މަތީގައި އެލިފައި އޮއްވައި އެޕްސްޓީންގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނު ޖަލު މުވައްޒަފުގެ ބަޔާންތަކަށް ބިނާކޮށް، ޑރ. ފްރީމަންއާއި އޭނާގެ ބައިވެރިން ވަނީ 3-ޑީ ކޮމްޕިއުޓަރ މޮޑެލްތަކެއް ތައްޔާރުކޮށްފައެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި، ހަށިގަނޑުގައި ހުރި އަނިޔާތަކުގެ ބައްޓަމާއި އެ އަނިޔާތައް ހުރި ތަންތަނަށް ބަލާއިރު، އެއީ ފަހަތުން އައިސް ކަރުގައި ހިފައި ނޭވާ ހާސްކޮށްލުމުން ލިބޭނެ ފަދަ އަނިޔާތަކެކެވެ. ހަމައެއާއެކު، އެޕްސްޓީންގެ ނިޔަފަތިތަކުން ޑީއެންއޭ ޓެސްޓު ނުހެދުމާއި، މެޑިކަލް އެގްޒެމިނަރަށް ޖަލު ގޮޅި ބެލުމުގެ ހުއްދަ ނުދިނުމުގެ އިތުރުން، ދަންޖެހެން ބޭނުންކުރި ކަމަށް ބުނާ އަސްލު ފޮތިގަނޑުގެ ބަދަލުގައި އެހެން ފޮތިގަނޑެއް ފޮނުވާފައިވާތީ، ފުރަތަމަ ހިންގި ތަޙުޤީޤަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޑރ. ފްރީމަންގެ މި ހޯދުންތަކާއެކު އެޕްސްޓީންގެ މަރާ ގުޅޭގޮތުން އުފެދިފައިވާ ތަފާތު ޚިޔާލުތަކާއި ޝައްކުތައް އަލުން ހޫނުވެފައިވާއިރު، ފޮރެންސިކް ދާއިރާގެ އެހެން ތަޖުރިބާކާރުންގެ މެދުގައި މިކަމާ މެދު ވަނީ ބޮޑެތި ދެބަސްވުންތަކެއް އުފެދިފައެވެ. ނިއުޔޯކް ސިޓީގެ މެޑިކަލް އެގްޒެމިނަރުގެ އޮފީހުން މި ހަފުތާގައި ބުނެފައިވަނީ އެޕްސްޓީން މަރުވީ އަމިއްލައަށް ކަމަށް އެ އޮފީހުން ނިންމި ނިންމުމުގައި އަދިވެސް ސާބިތުވެ އޮތް ކަމަށެވެ. އަދި އެޕްސްޓީންގެ އޮޓޮޕްސީ ހެއްދެވި ރިޓަޔަރޑް އެގްޒެމިނަރ ޑރ. ކްރިސްޓިން ރޯމަން މީގެ ކުރިން ފެޑެރަލް ތަޙުޤީޤީ އިދާރާތަކަށް ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އެޕްސްޓީންގެ ހަށިގަނޑުން އެއްވެސް ކުރިމަތިލުމެއް ހިނގިކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށާއި، އެއީ މީހަކު ކަރުގައި ހިފައި މަރާލާފައިވާ ކަމަށް ބެލެވޭ ފަދަ ހަށިގަނޑެއް ނޫން ކަމަށެވެ.
އެޕިޑެމިއޮލޮޖީއާއި ފޮރެންސިކް މެޑިސިންގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވާފައިވާ ނަމަވެސް، ބޯޑް-ސެޓިފައިޑް ފޮރެންސިކް ޕެތޮލޮޖިސްޓެއް ނޫން ޖަމަށްވާ ޑރ. ފްރީމަން އެއްބަސްވެވަޑައިގެންނެވި ގޮތުގައި، މި ދިރާސާ ކަރުދާސް ސައިންޓިފިކް ޖާނަލްތަކުގައި ޝާއިޢުކުރުމަށް ހުށަހެޅުމުން މިހާތަނަށް ވަނީ ބަލައި ނުގަނެ ބޭރުކޮށްލާފައެވެ. މި ފޮޓޯތަކުގެ ބައެއް ބެއްލެވި އެހެން ފޮރެންސިކް ޕެތޮލޮޖިސްޓުން ވިދާޅުވާ ގޮތުގައި، އެޕްސްޓީންގެ ކަރުގައި ހުރި ނިޝާނަކީ އާންމުކޮށް ދަންޖެހުމުން ހުންނަ ފަދަ ނިޝާނަކަށްވުރެ ތަފާތު ނިޝާނެކެވެ. ނަމަވެސް، އެއީ އަމިއްލައަށް ދަންޖެހުމުންވެސް ވެދާނެ ގޮތެކެވެ. އަދި ޖަލުގެ އިދާރީ އިހުމާލުތަކުގެ ސަބަބުން މިކަމުގައި އެންމެ ފަހުގެ ކަށަވަރު ނިންމުމަކަށް އައުމަށް ދަތިވެފައިވާ ކަމަށް އެ ބޭފުޅުން ފާހަގަކުރައްވައެވެ.
ޑރ. ފްރީމަންގެ މި ތަޤުރީރު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ ޔުނިވަރސިޓީ ކޮލެޖް ލަންޑަންގައެވެ. ނަމަވެސް، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެ ކަމަށް ބުނެ އެ ޔުނިވަރސިޓީން އާދިއްތަ ދުވަހު އެ ހޯލު ދިނުން ކެންސަލްކުރޖއެވެ. އެހެންވެ ބައްދަލުވުން މިޑްލް ޓެމްޕަލްއަށް ބަދަލުކޮށް އޮންލައިންކޮށް ބޭއްވީއެވެ.
އެޕްސްޓީން މަރާލީ ކޮން ބައެއް ކަމާ މެދު އެއްވެސް ނަޒަރިއްޔާއެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވަމުން ޑރ. ފްރީމަން ވިދާޅުވީ، އޭނާގެ ހަމައެކަނި އަމާޒަކީ ތަޙުޤީޤުގައި ދޫކޮށްލާފައިވާ ކަންކަން ފާހަގަކުރުން ކަމަށެވެ. އޮޓޮޕްސީ ފޮޓޯތައް ފެންނާނެ ކިއުއާރު ކޯޑެއް ހާޒިރީންނާ ހިއްސާކުރައްވަމުން، ހެކިތައް އަމިއްލައަށް ބެލުމަށް އާންމުންނަށް ގޮވާލެއްވުމަށްފަހު އޭނާ ވިދާޅުވީ، "އަހަރެން މަސައްކަތްކުރީ މޮޔައެއްގެ ގޮތުގައި ނުފެނި ވާހަކަދެއްކުމަށް" ކަމަށެވެ.






