ރާއްޖޭގެ މައި ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ކާގޯ އުޅަނދަކުން ކަނޑަށް ވެއްޓުނު 17 ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ސްރީލަންކާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަށައިފި އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ކޮލޮމްބޯ ބަނދަރާ ހުޅަނގުން 17 ނޯޓިކަލް މޭލު ބޭރުން، "އެމްވީ އެމްއެސްއެސް ގްރެފީން" ނަމަކަށް ކިޔާ ބޯޓު ދަތުރުކުރަމުން ދަނިކޮށެވެ. މާލެއިން ފުރައިގެން ދަތުރުކުރި އެ ބޯޓުން ކޮންޓެއިނަރުތައް ވެއްޓިފައިވަނީ ކުއްލިއަކަށް މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުންނެވެ.
އެމްއެސްއެސްގެ ޗީފް ކޮމާޝަލް އޮފިސަރު ތޯޙާ މުޙައްމަދު ވިދާޅުވިގޮތުގައި، ކަނޑަށް ވެއްޓިފައިވަނީ ހުސް ކޮންޓެއިނަރުތަކެކެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ބޯޓުގެ ބާކީ ހުރި ކޮންޓެއިނަރުތައް މިހާރު ވަނީ ރައްކާތެރިކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ލަންކާގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ބާރުތަކާއި ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އަންގާފަ އެވެ. އަދި ކޮންޓެއިނަރުތައް ނެގުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދާނެގޮތުގެ ޕްލޭންތައް އެކުލަވާލަމުންދާ ކަމަށް އެމްއެސްއެސްއިން ބުނެ އެވެ.

