މާލޭ ވިޔަފާރި ބަނދަރުގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމުގެ އިންގިލާބީ ފިޔަވަޅެއްގެ ގޮތުން، އެ ޕޯޓުގެ ބައެއް މުހިންމު ހިދުމަތްތައް ކުރިއަށް އޮތް އޮކްޓޯބަރު މަހު ތިލަފުއްޓަށް ބަދަލުކުރަން ފަށާނެ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލޭ ޕޯޓަކީ 40 އަހަރުވެފައިވާ ތަނެއް ކަމަށާއި، ނަމަވެސް ފާއިތުވި އަހަރުތަކުގައި އެތަނުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
"މިހާރު ފަށައިގެން ހަމަ ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްދާކަން މިބޭފުޅުން ދެންނެވީ. އެހެންވީމަ އިރާދަކުރެއްވިއްޔާ ބައެއް އޮޕަރޭޝަންތައް އޮކްޓޫބަރު މަހު ތިލަފުއްޓަށް ބަދަލުކުރެވިގެންގޮސް އަންނަ އަހަރުގެ ނޮވެމްބަރާ ހަމަދާާއިރު، މިހާރު ޕޯޓަށްވުރެ އެތައް ގުނައަކަށް ބަދަލުވެގެން މިތަން މިއަންނަނީ،" ވަޒީރު ސައީދު ވިދާޅުވިއެވެ.
މި މަޝްރޫއު ހިންގުމާ ހަވާލުވެ ހުރި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝަފީގު ވިދާޅުވީ، އޮކްޓޯބަރު މަހަށް ތިލަފުށީގައި ގާއިމްކުރާ 100 މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި 80 މީޓަރުގެ ބާޖެއް ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއަރ ކުރުމުގެ މަސައްކަތްތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލޭގައިވެސް އަޅުގަނޑުމެން އިންނާނެ 100 މީޓަރުގެ ކީވޯލެއް. އަދި މިހާރު ތިލަފުށީގައިވެސް މިހެދީ އާޓިފިޝަލް 100 މީޓަރުގެ ކީވޯލެއް. އެހެންމަ އެއްފަހަރާ ދެ ބަނދަރުން މަސައްކަތް ކުރެވިގެންދާއިރުގައި، މިހާރު މާލޭގައި އަދި އޮކްޓޯބަރުގައި ތިލަފުށީގައި އެއްވަރަކަށް މަސައްކަތް ހިނގާނެ ދެ ބަނދަރުގައިވެސް އޭރުން،" ޝަފީގު ތަފުސީލުކޮށްދެއްވިއެވެ.
މީގެ އިތުރުން، ތިލަފުށިން ކްލިއަރކުރާ މުދާ ބޯޓަށް ލޯޑުކުރުމުގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށާއި، މާލެއަށާއި ހުޅުމާލެއަށް މުދާ ގެނެސް ކްލިއަރުކުރަން ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ ހިދުމަތް ތިލަފުއްޓަށް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓު ވިޔަފާރިއަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
މި ޒިޔާރަތުގައި އެމްޕީއެލްގެ އިސްވެރިންނާއެކު ރާއްޖޭގެ އިމްޕޯޓު ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާއިރު، ބަނދަރުގެ ހިދުމަތްތައް ބަދަލުވެގެންދާނެ ގޮތުގެ ފަންނީ މައުލޫމާތު ވަނީ ވިޔަފާރިވެރިންނާ ހިއްސާކޮށްފައެވެ. ކުރިއަށް އޮތް އަހަރުގެ ނޮވެމްބަރު މަހާ ހަމައަށްދާއިރު، ރާއްޖޭގެ މުދަލު އުފުލުމުގެ ނިޒާމު މުޅިންހެން ތަފާތު ޒަމާނީ މަރުހަލާއަކަށް ބަދަލުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.


