މަސްނުއީ ބުއްދި އޭއައިގެ ހަލުވި ކުރިއެރުމާ އެކު އިންސާނީ ދިރިއުޅުމަށް ފަސޭހަތަކެއް ގެނެސްދެއެވެ. އަދި އޭއައި ނޭދެވޭ ގޮތަށް ބޭނުންކުރުމުގެ ސަބަބުން ސައިބަރ ކުށްތައް ވަނީ ނުރައްކާތެރި ހިސާބަކަށް ގޮސްފައެވެ. ފަހުގެ ރިޕޯޓުތައް ބުނާގޮތުން، އޭއައި މެދުވެރިކޮށް ހިންގާމަކަރާއި ހީލަތުން ފައިސާ ހޯދުންތަކުގެ ސަބަބުން އެކަނިވެސް އެއް އަހަރުގެ ތެރޭގައި އެމެރިކާގެ ރައްޔިތުންނަށް 248 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވެއެވެ.
އެމެރިކާގެ އެފް.ބީ.އައިއިން ބުނާގޮތުގައި، ހަމައެކަނި އިންވެސްޓްމަންޓްގެ ދާއިރާއިން އޭ.އައިގެ މަކަރާއި ހީލަތުގެ ސަބަބުން 1.75 ބިލިއަން ޑޮލަރު ގެ ގެއްލުމެއް ވެފައިވެއެވެ.
ޑީޕްފޭކް ޓެކްނޮލޮޖީއާއި އިތުރުވަމުންދާ ނުރައްކާތައް
ޑީޕްފޭކް ޓެކްނޮލޮޖީގެ ސަބަބުން މުޅި ދުނިޔެއަށް ސެކިއުރިޓީގެ ބިރުވެރިކަން ވަނީ ފެތުރިފައެވެ. މި ޓެކްނޮލޮޖީގެ އެހީގައި ކޮންމެ މީހެއްގެ މޫނާއި، އަޑާއި، ވީޑިއޯގެ ހަޤީޤަތާ އެއްގޮތްކޮށް ނަކަލެއް ތައްޔާރުކުރެވެއެވެ. ރިޕޯޓުތައް ބުނާގޮތުން، މިހާރު މަދު ސިކުންތުކޮޅެއްގެ އޯޑިއޯ ކްލިޕެއްގެ އެހީގައި ވެސް ކޮންމެ މީހެއްގެ އަޑުގެ 85 އިންސައްތައާ އެއްގޮތަށް އުފެއްދުން ވަނީ ފަސޭހަވެފައެވެ.
ޑީޕްފޭކް ޓެކްނޮލޮޖީއަކީ ކިއެއްހާ ނުރައްކާތެރި އެއްޗެއް ކަން ސާބިތުކޮށްދިނީ ތާރީޚުގައި ހިނގި އެންމެ އަގުބޮޑު ވީޑިއޯ ކޯލުން ނެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގި ޖަރީމާގައި ކުންފުންޏަކަށް 25 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވެއެވެ.
އެފް.ބީ.އައި އިން ހާމަކޮށްފައިވާ ގޮތުގައި، ސައިބަރ ކުށްވެރިން މިހާރު ދަނީ އޯޕަން އޭ.އައި ފަދަ އެންމެ ޒަމާނީ އޭ.އައި މޮޑެލްތަކަށް ވަނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.






