ހުޅުމާލޭގެ އާބާދީ ބޮޑުވަމުން އަންނަ ވަރަކަށް، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލުގައި ޒަމާނީ ޑެންޓަލް ލެބޯޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ޑިރެކްޓަރ ޖެނަރަލް މޫސާ ކަލީމް ޤާސިމް ވިދާޅުވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ލެބޯޓަރީ މިއަހަރުގެ ތެރޭގައި ހުޅުވުމާއެކު، ދަތުގެ ފަރުވާއަށް ބޭނުންވާ ސާމާނު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ވެސް އެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގައި ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގެ ބޮޑެތި މަޝްރޫޢުތަކެއް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލަށް 250 އެނދުގެ އައު އިމާރާތެއް އެޅުމާއި، ހުޅުމާލެ ފޭސް 2 ގައި ކެންސަރާއި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ 500 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުން ހިމެނެއެވެ.
މި ބޮޑެތި މަޝްރޫޢުތައް ނިމެންދެން، މިހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ. އެގޮތުން، ހޮސްޕިޓަލަށް އިތުރު އެމްއާރްއައި މެޝިނެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ނަފްސާނީ ބަލިތަކަށް ޚާއްސަ އޯޕީޑީ ޚިދުމަތް އިތުރުކޮށް، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ ޚާއްސަ ވޯޑެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
"މިވަގުތު ބަލިމީހުން އެޑްމިޓްކޮށްގެން ނަފްސާނީ ފަރުވާ ދެވެނީ ހަމައެކަނި އައިޖީއެމްއެޗްގައި، މިއީ ބޮޑު ގޮންޖެހުމެއް. ހުޅުމާލޭގައި މި ޚިދުމަތް ފެށުމުން ބަލިމީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ،" ކަލީމް ވިދާޅުވިއެވެ.
ފާއިތުވި ދުވަސްތަކުގައި ހުޅުމާލެ ހޮސްޕިޓަލުން ވަނީ ގޮހޮރާއި މައިދާގެ ބަލިތަކަށް ޚާއްސަ ޚިދުމަތްތަކާއި، ޔޫރޮލޮޖީ، އީއީޖީ، ނާރުގެ ބަލިތައް އަދި ގްލޮކޯމާ ފަރުވާ ފަދަ އައު ޚިދުމަތްތަކެއް ތަޢާރަފުކޮށްފައެވެ.






