ކަށްވަޅުގައި އޮތް މީހަކު 5 އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ނިންމައިފި

އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ވަނީ، އިނގިރެސިވިލާތުގައި ދިރިއުޅުނު މިހާރު މަރުވެފައިވާ މިސްރުގެ ބިލިއަނަރު މުޙައްމަދު އަލްފާއިދުގެ ފަރާތުން ޖިންސީ ގޯނާއާއި އަނިޔާ ލިބުނު ފަސް އަންހެނުންނަކީ އިންސާނީ ވަގުފާރިގެ ޝިކާރައަކަށްވި ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައެވެ.

މަރުހޫމް ނިޔައުވީ 2023 ވަނަ އަހަރުއެވެ. އޭނާގެ ފަރާތުން ޖިންސީ އަނިޔާއާއި ގޯނާ ލިބުނު ކަމަށް ބުނެ 400 އަށްވުރެ ގިނަ އަންހެނުން އިނގިރޭސި ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވެއެވެ.

އަދި 2024 ވަނަ އަހަރު އާންމުކުރި ޑޮކިއުމެންޓްރީއެއްގައި ފަސް އަންހެނަކު އަލްފާއިދުގެ ޖިންސީ ޢަމަލުތަކުގެ މަޢުލޫމާތު ހާމަކުރުމާ ގުޅިގެން މި މައްސަލަތައް ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ.

އަނިޔާ ލިބުނު ފަރާތްތަކުން ވަނީ ފުލުހުންގެ ތަޙުޤީޤުގައި "އިންސާނީ ވަގުފާރި" ގެ ޖަރީމާއަށް ޚާއްޞަ އިސްކަމެއް ދީގެން ބެލުމަށް އެދިފައެވެ. އަދި އެހެން ބައެއްގެ އެހީތެރިކަމާ ނުލައި އަލްފާއިދަށް މިފަދަ ބޮޑެތި ޖަރީމާތަކެއް ނުހިންގޭނެ ކަމަށްވެސް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުން މިހާރު ރަސްމީކޮށް ބަލައިގެންފައިވާ މައްސަލަތަކަކީ 1990 ގެ އަހަރުތަކުން ފެށިގެން 2000 ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް މަރުހޫމް ހިނގާފައިވާ ޖަރީމާތަކެކެވެ.

1960 ގެ އަހަރުތަކުން ފެށިގެން ލަންޑަންގައި ދިރިއުޅެމުންދިޔަ މުޙައްމަދު އަލްފާއިދަކީ މަޝްހޫރު ހެރޮޑްސް ސްޓޯރާއި ފުލަމް ފުޓްބޯޅަ ކްލަބުގެ ކުރީގެ ވެރިޔާއެވެ. އަދި އޭނާއަކީ ޕްރިންސެސް ޑަޔާނާއާއެކު ކާރުގައި އުޅެނިކޮށް ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި ޑޯޑީ އަލްފާއިދުގެ ބައްޕައެވެ.

ހިއްސާ ކުރައްވާ!