ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ މުހިންމު މަގުތަކުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، ރަޝިއާއިން އިންޑިއާއާ ރޭލު މަގުން ގުޅާލުމަށް ނިންމައިފިއެވެ.
ރަޝިއާގެ ނައިބު ބޮޑުވަޒީރު މަރާތު ޚުސްނުއްލީން ވިދާޅުވި ގޮތުގައި، ހުރުމުޒު ކަނޑުއޮޅިއާއި ބޮސްފޯރަސް ކަނޑުއޮޅި ފަދަ، ޖިއޮޕޮލިޓިކަލް ގޮތުން ނާޒުކު މަގުތަކަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި، މިފަދަ ބަދަލު މަގެއް ހޯދުން މުހިންމެވެ.
މި މަޝްރޫއުގެ ބޭނުމަކީ ކޮބާ؟
- މި ރޭލު މަގު ގާއިމުކުރަން ހުށަހަޅާފައިވަނީ ތުރުކުމެނިސްތާން، އީރާން، އަފްޣާނިސްތާން އަދި ޕާކިސްތާން މެދުވެރިކޮށެވެ.
- އިންޑިއާއާ ހަމައަށް ވިޔަފާރީގެ ލުއި ފަސޭހަ މަގެއް ހޯދުން.
- އެމެރިކާ، އިޒްރޭލް އަދި އީރާނުގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން، ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ތެޔޮ ރިފައިނަރީތަކަށް ޑްރޯން ހަމަލާތައް ދިނުމުގެ ސަބަބުން ތެލުގެ އުފެއްދުންތަކަށް ވަނީ ބުރޫތަކެއް އަރާފައެވެ. މީގެ ސަބަބުން ރަޝިއާގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ދަތިތައް ކުރިމަތިވެފައިވާއިރު، އެ ގައުމުން ވަނީ ދާޚިލީ ބޭނުންތަކަށް ތެޔޮ ރައްކާކުރުމަށްޓަކައި ޑީސަލް އެކްސްޕޯޓް ކުރުން ވެސް ވަގުތީ ގޮތުން މަނާކޮށްފައެވެ.
މީގެ އިތުރުން، އެމެރިކާއިން ރަޝިއާގެ ތެޔޮ ގަންނަ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، ބިމުގެ މަގުން އޭޝިއާގެ މާކެޓުތަކާ ގުޅުން ބަދަހިކުރުމަކީ ރަޝިއާއަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.







