އިންޑޮނޭޝިޔާގެ ޖަޒީރާ ސުމާތުރާގައި މިދިޔަ ދެ ހަފުތާއާހަމައަށް ރައްޔިތުންނަށް ކުއްލި ގޮތަކަށް ހަމަލާދީ ބިރުވެރިކަން ފަތުރަމުންދިޔަ ރާމާ މަކުނެއް ވައިލްޑްލައިފް ޓީމުތަކުން ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފިއެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުގެ އާންމު ދިރިއުޅުން އަލުން ހަމައަކަށް އެޅިއްޖެއެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ޒުވާން ފުރައިގެ ނިގޫ ދިގު މަކާކް އާއިލާއަށް ނިސްބަތްވާ މި ރާމާމަކުނު، ސުމާތުރާގެ ރިއާވް ޕްރޮވިންސްގައި ކުޑަކުދިންނާއި މުސްކުޅިންނަށް އަމާޒު ކޮށް 18 މީހަކަށް ހަމަލާދީ، ދަތްއަޅައި އަދި ވަކި އަޅައި ޒަޚަމް ކޮށްލާފައި ވެއެވެ.
ޒަޚަމްވި ގިނަ މީހުންގެ ތަންތަން ފަހައި ދީ ދަތްއެޅި ބައެއް މީހުންނަށް ރެބީސް އިންޖިކްޝަން ޖަހާފައި ވެއެވެ.
ރާމާމަކުނުގެ ބިރު ދެއްކުމުގެ ސަބަބުން އެ ސަރަހައްދުގެ 40 ސްކޫލް ހުކުރު ދުވަހުވެސް ބަންދުކޮށްފައިބޭއްވިއެވެ. އަދި އެތައް ސަތޭކަ ދަރިވަރުންނަށް 3 ދުވަހުގެ މުއްދަތަކަށް އޮންލައިން ކޮށް ކިލާސްތައް ނަގާދީފައި ވެއެވެ.
ޖަންގަލީ ބަލަހައްޓާ ފަރާތްތަކުން މަކުނު ހައްޔަރުކޮށްފައި ވަނީ އެސޮރު ހިފަން ކޮށި ބަހައްޓައިގެންނެވެ. ތަޖުރިބާކާރުން ބުނީ އެ ސޮރަށް ނަފްސާނީ މައްސަލައެއް ކުރިމަތިވެފައި އޮތީ ކަމަށެވެ. އަދި އިތުރު ޓެސްޓްތައް ހެދުމަށް އެސޮރުގެ ލޭގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރަން ފަށާފައި ވެއެވެ.






