ކާއިނާތުގެ ތަސްބީޙައާއި ދޫނިސޫފާސޫފީގެ ބަސްމަގު: ސައިންސާއި ޤުރުއާނުގެ އަލީގައި

ކައުނުގައި ލެއްވިފައިވާ ކޮންމެ އެއްޗަކީވެސް އެއ‍ެ‍އް އެއްޗެއްގެ ޒާތުގައި ފުރިހަމަ ނިޒާމަކުން އިންތިޒާމުވެގެންވާ މަޚުލޫޤާތުތަކެވެ.  ސައިންސްވެރިން ހާމަކުރާގޮތުގައި، ދޫނިސޫފާސޫފި ގޮވާ ގޮވެލިތަކަކީ ހަމައެކަނި އެސޮރުމެެން ލައްވާ ރީތި އަޑުތަކެއް ނޫނެވެ؛ އެއީ އިންސާނުންގެ ބަހުރުވައާ ވަރަށް ބޮޑަށް އެއްގޮތްވާ، ވަޒަން ކުރެވިގެންވާ ޤާނޫނުތަކެއްގެ މައްޗަށް ބިނާވެ އިންތިޒާމުވެގެންވާ ބަހުރުވަ ތަކެކެވެ.

ސައިންސާއި ޤުދުރަތުގެ ނިޒާމު

ޒަމާނީ ސައިންސުގެ އަލީގައި ހޯދާފައިވާ ހޯދުންތަކުން ދައްކާގޮތުގައި، ދޫނިތަކުގެ ލަވަޔާއި އަޑުތަކުގައި ޚާއްޞަ ޤާނޫނުތަކެއް ވެއެވެ. އިންސާނުން ވާހަކަދައްކާ އިރު ބަހުގެ ހަމަތަކާއި ޖުމްލައިގެ އޮށްޓަރު ބައްޓަންކުރާ ފަދައިން، ދޫނިތަކުގެ އަޑުތަކުގައިވެސް ތަކުރާރުވުމާއި، މަޑުމައިތިރިވުމާއި، އަދި ޚާއްޞަ ބާވަތެއްގެ "ޤަވާއިދުތަކެއް" އެކުލެވިގެން ވެއެވެ. މިއީ ތަބީޢީ ގޮތުން ވުޖޫދުވެގެން އައި ކަމެއް ކަމަށް ބުނުމަށްވުރެ، މިއީ މަތިވެރި ހިކުމަތަކުން ލައްވާފައިވާ ފުރިހަމަ ހުނަރެއް ކަމަށް ބުނުން ބުއްދިއަށް ފަސޭހަވެގެންވެއެވެ.

ކާއިނާތުގެ ތަސްބީޙަ

އިސްލާމްދީން އަންގަވާފައިވާ ގޮތުގައި، މި ބިމުގައިވާ އެންމެހާ ތަކެއްޗަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ތަސްބީޙަކިޔައި، އެކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިވަމުންދާ ތަކެއްޗެވެ. އިންސާނުންނަށް އެ ތަކެތީގެ ބަސް ނުދެނެތިބި ކަމުގައިވިޔަސް، ކޮންމެ އެއްޗަކަށްވެސް އެ އެއްޗެއްގެ އަމިއްލަ "ބަހުރުވައެއް" ލައްވާފައިވެއެވެ.
މާތް ﷲ ގެ ވަޙީބަސްފުޅުގައި އަންގަވާފައިވެއެވެ.

تُسَبِّحُ لَهُ ٱلسَّمَـٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًۭا ٤٤

ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް تسبيح ކިޔަތެވެ. އަދި އެކަލާނގެއަށް حمد އާއެކުގައި، تسبيح ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ تسبيح އެއް ނުވިސްނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حليم ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ. (سورة الإسراء: 44)

މި އާޔަތުން ދޭހަތުކޮށްދެނީ ކޮންމެ މަޚްލޫޤަކީވެސް އެ އެއްޗެއްގެ ޒާތުގައި މާތް ﷲ އަށް އަޅުކަންކޮށް، އެކަލާނގެއަށް ޙަމްދުކުރުމުގައި ދެމިތިބޭ އެއްޗެއްކަމެވެ. ދޫނިސޫފާސޫފީގެ އަޑުތަކުން ފެންނަ މިފަދަ އިލްވެރި އަދި ހިސާބީ ނިޒާމުތަކަކީ، އެ ތަކެއްޗަށް އެކަންކަން ހަވާލުކުރައްވާފައިވާ މަތިވެރި ފަރާތެއް ވާކަމުގެ އެންމެ ބޮޑު ހެއްކެވެ.

ސައިންޓިސްޓުން ވަނީ، ބޮޑެތި ދޫނިތަކުގެ ކިބައިން އުނދަގޫ ލަވަތައް ދަސްކުރުމުގެ ޤާބިލުކަން ލިބިފައިވާ، ޒެބްރާ ފިންޗް ދޫނިތަކުގެ ލަވަތައް ދިރާސާކޮށްފައެވެ.
ސައިންސް އެޑްވާންސް ޖާނަނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި، ދޫނިތައް އެ މީހުންގެ ރާގުތައް އިންތިޒާމުކުރަނީ ކަނޑައެޅިފައިވާ ސިލްސިލާތަކެއްގެ މައްޗަށެވެ. މިއީ އިންސާނުން މޮށެއުޅޭ ބަސްތަކާ ވެސް އެއްގޮތް ކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމެކެވެ. ސަބަކީ ބައެއް ދޫނީގެ ރާގުތަކުގެ ސިލްސިލާތައް ވަރަށް ގިނައިން ތަކުރާރުވެގެންދާއިރު، އެހެން ބައެއް ރާގުތައް މަދުވުމެވެ. މި ނަމޫނާއަށް ސައިންޓިސްޓުން ނަން ދީފައި ވަނީ ޒިފްގެ އުސޫލު ގެގޮތުގައެވެ. އަދި މިއީ އިންސާނުންގެ ބަސްމޮށުމުގައިވެސް ފެންނަ ކަމެކެވެ.
ޒިފްގެ އުސޫލުން ބަލާއިރު މަދު (ރާގުތަކެއް) ބަސްތަކެއް ވަރަށް ގިނަ ފަހަރަށް ދޫނިތައް ބޭނުންކުރާއިރު، ގިނަ އަދަދެއްގެ އެހެން ބަސްތައް ބޭނުންކުރާ މިންވަރު މަޑުމަޑުން ދަށްވެގެންދެއެވެ.
މީގެ މާނައަކީ ދޫނިތަކުގެ ތެރޭގައި އިންސާނުން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެެެއކުމަށް ބަހެއް އޮތް ވާހަކައެއް ނޫނެވެ. ނަމަވެސް، މިއިން ދައްކުވައިދެނީ ދޫނިތަކުގެ ޖީުތަކުގެ މެދުގައި އެއް ޖީލުން އަނެއް ޖީލަށް ދަސްކޮށްދީ އަދި ފޯރުކޮށްދޭ މުވާޞަލާތީ ނިޒާމުތައް ބައްޓަންކުރުމުގައި އެއްގޮތް ސިފަތަކެއް ހުރިކަމެވެ.
ޖަޕާނުގައި އެކި ޢުމުރުފުރާތަކުގެ ދޫނިތަކުން ނަގާފައިވާ ރެކޯޑިންގްތައް ދިރާސާކުރުމުގައި މި ޓީމުން ހަމަ މި އުޞޫލަށް ބަލާފައި ވެއެވެ އަދި ކުދި ދޫނިތައް ރާގުލައްވަން ކުރާ ފުރަތަމަ މަސައްކަތްތަކުގައިވެސް އެއްގޮތް ނަމޫނާތައް ފެންނަމުންދާކަން ހޯދާފައިވެއެވެ.
މި ދިރާސާއަކީ މި ޓީމުގެ ބައެއް މެންބަރުން ކުރިން ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. އެގޮތުން ކަނޑު އަޑީގައި ބޮޑުމަހުގެ ރާގުލެއްވުމުގައިވެސް މިފަދަ ނަމޫނާތައް އެކުލެވިގެންވާކަން ހާމަވެފައިވެއެވެ.
އެޑިންބަރާ ޔުނިވަރސިޓީގެ ފިލޯސަފީ، ސައިކޮލޮޖީ އަދި ލޭންގުއޭޖްގެ ޕްރޮފެސަރެއް ކަމަށްވާ، މި ދިރާސާގައި ބައިވެރިވެވަޑައިގެންނެވި ސައިމަން ކަރްބީ ވިދާޅުވީ، ވާހަކަދައްކަން ބަހެއް ލިބިފައިވާކަން އެނގޭ ހަމައެކަނި މަޚުލޫގަކީ އިންސާނުން ނެވެ. ނަމަވެސް ޘަޤާފީ ގޮތުން ފޯރުކޮށްދޭ މުވާޞަލާތީ ނިޒާމުތައް ތަރައްޤީކުރުމުގެ ޤާބިލުކަން އެހެނިހެން މަޚުލޫގުތަކުން ހިއްސާކުރާ ކަމަށް އެނާ ފާހަގަ ކުރައްވައެވެ.
ސައިންސާއި ދީނަކީ އެކަތި އަނެއްކައްޗާ ފުށުއަރާ ދެ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، ސައިންސުން ހޯދާ ހޯދުންތަކުން ސާބިތުކޮށްދެނީ ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ޙަޤީޤަތްތަކެވެ. ދޫނިތަކުގެ ލަވަޔާއި އަޑުތަކުގައިވާ މިފަދަ ތަފާސްހިސާބުގެ ނިޒާމުތަކަކީ، ކާއިނާތުގެ އެންމެ ކުދިކުދި މަޚުލޫޤުން ފެށިގެން އެންމެ ބޮޑެތި މަޚްލޫޤުންނާ ހަމައަށް ހުރިހާ އެއްޗެއްވެސް ހިންމަވަމުން ގެންދަވަނީ މާތް ﷲ ގެ ފުރިހަމަ ޢިލްމާއި، ޙިކުމަތާއި، އަދި ބާރުގަދަކަން ދައްކުވައިދޭ ފުރިހަމަ ދަލީލެކެވެ.
ހިއްސާ ކުރައްވާ!