ދުވަސްތަކެއްގެ މަޑުޖެހުމަކަށްފަހު ފަތުރުވެރިކަމަށް ދިރުން

އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި 6.8 އިންސައްތައިގެ ކުރިއެރުމެއް ފަތުރުވެރިކަމަށް ލިބިއްޖެއެވެ. މެދުއިރުމަތީގެ މަސްރަޙާއި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި ލޮޅުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި މަޑުޖެހުމަށްފަހު، މި އޮގަސްޓް މަހުގެ ފުރަތަމަ ދުވަސްތަކުގައި ފަތުރުވެރިން އައި އަދަދު އަލުން އިތުރުވާން ފަށައިފިއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ ފުރަތަމަ އަށް ދުވަހުގެ ތެރޭގައި 55,834 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި އައި 52,275 ފަތުރުވެރިންނާ އަޅާބަލާއިރު 6.8 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޮގަސްޓް 8 ވަނަ ދުވަހުއެވެ. އެއީ އެކަނިވެސް 7,879 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ޖުމްލަ 1.28 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މާކެޓްގެ އެންމެ ކުރީގައި އޮތީ 232,148 (18.1%) ފަތުރުވެރިންނާއެކު ޗައިނާއެވެ. ދެވަނައިގައި 188,543 (14.7%) ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު ވަނީ 101,391 (7.9%) އަށް އަރައި، ލައްކައެއްގެ އިން ގިރާކޮށްފައެވެ.

ދުނިޔޭގެ މަސރަޙަށް އައި ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރިނަމަވެސް، ވޭތުވެދިޔަ އަހަރަށްވުރެ މިއަހަރު އަންނާނެ ފަތުރުވެރިންގެ ޖުމްލަ އަދަދު ދަށްނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!