ޖިނާޙުގެ ތަޞައްވުރާއި އަމަލީ ޙަޤީޤަތާ ދެމެދު ބޮޑު ފަރަގެއް

ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާޙު، އެ ޤައުމުގެ އެންމެހައި ރައްޔިތުންނަށް ދީނީ ތަފާތުކުރުމެއްނެތި ހަމަހަމަ ޙައްޤުތަކެއް ކަށަވަރުކޮށްދެއްވުމަށް ގޮވާލެއްވި ތާރީޚީ ތަޤުރީރަށް އަހަރުތަކެއް ފުރިގެންދިޔައިރު، އެ ވައުދު ފުއްދައިދިނުމަށް އެދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަރާޗީގެ މަޒާރޭ ޤާއިދު ކައިރިއަށް އެއްވެ، ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

1947 ވަނަ އަހަރުގެ އޮގަސްޓު 11 ގައި ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޖިނާޙު ވަނީ، އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަޅުކަންކުރާ މިސްކިތްތަކަށާއި ފައްޅިތަކަށް ދިއުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ދީނާއި، އަމިއްލަ ޒާތާއި، ޢަޤީދާއަކީ ދައުލަތުގެ ކުރިމަތީގައި މީހާގެ ދަރަޖަ ކަނޑައަޅާނެ ކަންކަން ނޫން ކަމަށާއި، ޤާނޫނުގެ ސިޔާދަތާއި، އިންސާފާއި، އަޤީދާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށް ސިފަކުރެއްވިއެވެ.

"މައިނޯރިޓީ ރައިޓްސް މާޗް" ގެ ނަމުގައި ބޭއްވި މި ހަރަކާތް އިންތިޒާމުކުރި ފަރާތްތަކުން ވަނީ ދައުލަތަށް 11 އެދުމެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި:

  • ގަދަކަމުން ދީން ބަދަލުކުރުވުމާ ދެކޮޅަށް ފިޔަވަޅު އެޅުމާއި،
  • ދީނަށް ފުރައްސާރަ ކުރުމުން ކުށްވެރިކުރުމުގެ ގާނޫނުތައް ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓުވުމާއި،
  • ސިޔާސީ ދާއިރާގައި މައިނޯރިޓީންގެ ހިއްސާ އިތުރުކުރުމާއި،
  • ޣައިރު މުސްލިމުންނަށްވެސް ރައީސްކަމާއި ބޮޑުވަޒީރުކަމުގެ މަޤާމަށް ކުރިމަތިލެވޭގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކުރުން ހިމެނެއެވެ.

ނަމަވެސް، މި ހިނގާލުން ބޭއްވުމަށް ބޭނުންވާ ސަރުކާރުގެ ހުއްދަ ލިބުން ލަސްވެގެންދިއުމަކީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ އަސާސީ ޙައްޤަށް އޮތް ހުރަހެއްގެ ގޮތުގައި އެކްޓިވިސްޓުން ދެކެއެވެ.

ޖިނާޙު އެކުލަވައިލެއްވި ހަމަހަމަ ރައްޔިތުކަމުގެ އުޞޫލާއި، މިއަދުގެ ޕާކިސްތާނުގެ އަމަލީ ޙަޤީޤަތާ ދެމެދު ބޮޑު ފަރަގެއް އޮތް ކަމށް ބުނެ މިއަދު މީޑިއާގެ އެޑިޓޯރިއަލްތައް ވެސް ލިޔެފައި ވެއެވެ. ދީނީ މައިނޯރިޓީތަކަށް އަދިވެސް ވަކި ވަކި ފަރުދުންގެ އަނިޔާވެރިކަމާއި، އަޅުކަންކުރާ ތަންތަނަށް ދެވޭ ހަމަލާތަކާއި، އިޖުތިމާއީ އަދި އިޤްތިޞާދީ ގޮތުން އެކަހެރިކުރުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން، ދީން ޙިމާޔަތްކުރުމަށް ހަދާފައިވާ ޤާނޫނުތަކުގެ ނާޖާއިޒު ފައިދާނަގައި، ދޮގު ތުހުމަތުތައް ކުރުން ވަނީ އާންމުވެފައި ކަމަށްވެސް ބުނެފައި ވެއެވެ.

ޤައުމީ މައިނޯރިޓީ ޙައްޤުތަކުގެ ދުވަހަކީ ހަމައެކަނި ރަސްމީ ތަޤުރީރުތަކަކުން ފާހަގަކޮށްލާ ދުވަހަކަށް ވެގެންނުވާނެ ކަމަށާއި ޖިނާޙުގެ ތަޞައްވުރަށް ޕާކިސްތާނުން ޙަޤީޤީ ސޫރައިގައި އިޙްތިރާމެއް ކުރާނީ، ކޮންމެ ދީނެއްގެ މީހަކަށްވެސް އެމީހެއްގެ ކަރާމާތާއި، ރައްކާތެރިކަމާއި، ސިޔާސީ ޙައްޤުތައް ޤާނޫނުގެ ތެރެއިން ފުރިހަމައަށް ކަށަވަރުކޮށްދީގެން ކަމަށް ވެސް ބުނެފައި އެކަންކަން ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.

ހިއްސާ ކުރައްވާ!