ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ޖައްމޫ އެންޑް ކަޝްމީރުގައި އަމާންކަމާއެކު މުޒާހަރާކުރި މީހުންނާ ދެކޮޅަށް ފިޔަވަޅުއެޅި މައްސަލައިގައި ކަމާބެހޭ ފަރާތްތައް ޒިންމާދާރުކުރުވުމަށް އދ އިން ގޮވާލައިފިއެވެ. އަދި އަމާންކަމާއެކު އެއްވެއުޅުމުގެ އަސާސީ ހައްގުތަކަށް އިހުތިރާމްކުރުމަށްވެސް އދ އިން ވަނީ ތާކީދުކޮށްފައެވެ.
އެ ސަރަހައްދުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން، އދގެ ސެކްރެޓަރީ ޖެނެރަލްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ފަރްހާން ހައްގު ވިދާޅުވީ އަމާންކަމާއެކު އިހުތިޖާޖުކުރުމުގެ ހައްގަށް އެންމެހައި ފަރާތްތަކުން އިހުތިރާމްކުރަންޖެހޭނެ ކަމަށެވެ.
ފަރްހާން ހައްގު ވިދާޅުވި ގޮތުގައި އދ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޯލްކާ ޓާކް ކުރައްވާ މަސައްކަތްތަކަށް ސެކްރެޓަރީ ޖެނެރަލް ތާއީދުކުރައްވައެވެ. އަދި ވޯލްކާ ޓާކް ނެރުއްވި އިލްތިމާސްތަކަށް ކަމާބެހޭ ފަރާތްތަކުން އަމަލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސުލްހަވެރިކަމާއެކު މުޒާހަރާކުރި މީހުންނާ ދެކޮޅަށް ފިޔަވަޅުއެޅި މައްސަލައިގައި، މުޒާހަރާގެ ބައިވެރިންނަށް ލިބުނު އެކި އަނިޔާތައް ތަހުގީގުކުރަންޖެހޭނެ ކަމަށް ފަރްހާން ހައްގު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ސުލްހަވެރިކަމާއެކު މުޒާހަރާކުރުމުގެ ފުރުސަތު ކަމާބެހޭ ފަރާތްތަކުން ދޭންޖެހޭނެ ކަމަށާއި، މުޒާހަރާކޮށްގެން އަނިޔާވި މީހުންގެ މައްސަލައިގައި ޒިންމާދާރުކުރުވަންޖެހޭނެ ކަމަށެވެ.
އދ އިން މައުލޫމާތުދޭ ގޮތުގައި، މިދިޔަ ޖޫން މަހުން ފެށިގެން ހިންގި މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކުގެ މީހުން ހިމެނޭހެން އެތައް ބަޔަކު ވަނީ މަރުވެފައެވެ. ރިޕޯޓުކޮށްފައިވާ އެންމެހައި މަރުގެ މައްސަލަތައް އިންސާފުވެރިކަމާއެކު އަވަހަށް ތަހުގީގުކުރުމަށް ހައިކޮމިޝަނަރު ގޮވާލެއްވިއެވެ.
މީގެއިތުރުން، މުޒާހަރާ އިންތިޒާމުކުރި ޖައްމޫ ކަޝްމީރު ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ (ޖޭކޭޖޭއޭއޭސީ) ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ބޭންކުރުމުންވެސް ތާކް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވިޔަފާރިވެރިންނާއި، ދަތުރުފަތުރުގެ ހިދުމަތްދޭ މީހުންނާއި، ދަރިވަރުންނާއި، ވަކީލުން ހިމެނޭ މި ޖަމާއަތް މަނާކޮށް، އޭގެ ބައެއް ލީޑަރުން ވަނީ ހައްޔަރުކޮށްފައެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް އަމަލުކުރުމަށް ގޮވާލައްވަމުން، ހައްޔަރުކޮށްފައިވާ ލީޑަރުންނަށް ގާނޫނީ ވަކީލުންނާއި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ހައިކޮމިޝަނަރު އެދިވަޑައިގަތެވެ. އަދި އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދިނުމަށްވެސް އޭނާ ގޮވާލެއްވިއެވެ.






