ކޮލޮމްބިއާއިން ސޫރީޔާގެ ޖޯލާން އިސްރާއީލަށް ލިބިގެންވާ ކަމަށް ގަބޫލުކޮށްފި

ކޮލޮމްބިއާގެ ސަރުކާރުން ސޫރިޔާގެ ޖޯލާންގެ އުސްބިންތަކުގެ މައްޗަށް އިސްރާއީލުގެ ސިޔާދަތީ ބާރު އޮތްކަން ބަލައިގަތުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން އެކަމާ މެދު ނުރުހުން ފާޅު ކޮށްފިއެވެ.

ކޮލޮމްބިއާގެ ހުޅަނގަށް އައި 7.4 ރެކްޓާ މިންގަނޑުގެ ނުރައްކާތެރި ބިންހެލުމެއްގައި 111 މީހުން މަރުވެ، 87 މީހުންނަށް އަނިޔާވެ، އަދި ކާލީ، ޕެރޭރާ އަދި މަނިޒާލެސް ހިމެނޭހެން އެތައް ސިޓީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން ދިހަވަރަކަށް އިމާރާތް ވެއްޓި، 1600 އަށްވުރެ ގިނަ އިމާރާތަށް ގެއްލުންވެ، އިތުރު ބިންހެލުންތަކެއް އަތުވެދާނެކަމުގެ ބިރަށްޓަކައި ރައްޔިތުން ގޭގެއިން ނުކުމެ ބޭރުގައި ތިބެންޖެހި، ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.

ރައީސް އަބެލާޑޯ ޑީ ލާ އެސްޕްރިއެއްލާ ވެރިކަމާ ހަވާލުވެވަޑައިގެންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރިމަތިވި މި ފުރަތަމަ ބޮޑު އިމްތިހާނުގައި، ބިންހެލުން އައިތާ ގާތްގަނޑަކަށް 3 ގަޑިއިރު ފަހުން (ހެނދުނު 10:57 ގައި) ކޮލަމްބިއާގެ ޚާރިޖީ ވުޒާރާއިން ވަނީ އިޒްރޭލުން ހިފާފައިވާ ޖޯލާންގެ އުސްބިމުގެ މައްޗަށް އިސްރާއީލުގެ ސިޔާދަތީ ބާރު އޮތްކަން އިއުލާނުކޮށްފައެވެ.

އެ ވުޒާރާއިން ބުނީ މި ނިންމުން ނިންމީ މެދުއިރުމަތީގެ ސަރަހައްދީ ހަމަނުޖެހުންތަކާއި، އިސްރާއީލުގެ ސެކިއުރިޓީއަށް އެތަނުގެ އޮތް  މުހިންމުކަމަށް ބަލައި، އަދި ބޭރުގެ ނުރައްކާތަކުން ދިފާއުވުމުގެ ހައްގު އިސްރާއީލަށް އޮތުމުން ކަމަށެވެ.

މިއާއެކު 2019 ވަނަ އަހަރު އެމެރިކާއިން ނިންމި ނިންމުމަށްފަހު، ޖޯލާންގެ ސިޔާދަތީ ބާރު ޔަހުދީ ދައުލަތަށް އޮތްކަން ރަސްމީކޮށް ބަލައިގަތް އދ.ގެ ދެވަނަ މެންބަރު ގައުމަކަށް ކޮލޮމްބިއާ ވެގެންދިޔައީއެވެ.

ނަމަވެސް، ޤައުމު ބޮޑު ހިތާމައެއްގައި އޮއްވައި 3 މިލިއަނަށްވުރެ ގިނަ ވިއުސް ލިބުނު މި އިއުލާނާ ގުޅިގެން ސެނެޓުގެ ކުރީގެ މެންބަރު ކްލޯޑިއާ ލޯޕޭޒް ހެރްނާންޑޭޒް، އަދި އެކްޓިވިސްޓް މާރިއާ ފެރްނާންޑާ ކަރާސްކާލް ރޯހާސް، އަދި ތާރީޚު އިލްމުވެރިޔާ ޖޯޖް ސިމާން ފަދަ އެތައް ބަޔަކު ވަނީ ހާލުގައިޖެހުނު މީހުންނަށް އެހީތެރިވުމުގެ ބަދަލުގައި ސަރުކާރުން ޖިއޯޕޮލިޓިކަލް މައްސަލަތަކަށް އިސްކަންދިނުމުން ނުރުހުން ފާޅުކޮށްފައެވެ.

އަދި ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ ރިސާޗަރު އަރްލީން ބީ. ޓިކްނާ ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ސެކިއުރިޓީ ކައުންސިލްގެ ޤަރާރުތަކާ ޚިލާފު ނިންމުމެއް ކަމަށާއި، މީގެ ސަބަބުން ޤައުމުގެ އަބުރަށް ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށެވެ.

މި ފިޔަވަޅަކީ ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައާ ގުޅިގެން އިސްރާއީލާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލައި ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވި ކުރީގެ ރައީސް ގުސްތާވޯގެ ސިޔާސަތާ މުޅިން ޚިލާފަށް، އާ ރައީސް ޑީ ލާ އެސްޕްރިއެއްލާ އިސްރާއީލާއެކު އަލުން ގުޅުން ޤާއިމުކުރުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން އެޅުއްވި ފިޔަވަޅެކެވެ.

1967 ވަނަ އަހަރުގެ ހަނގުރާމައިން ފެށިގެން އިސްރާއީލުން ހިާފައިވާ ސޫރިޔާގެ ޖޯލާންގެ އުސްބިންތަކަކީ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ 497 ވަނަ ޤަރާރުގެ ދަށުން ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާފައިވާ، އަދި އެމެރިކާއާއި ކޮލޮމްބިއާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ޤައުމަކުންވެސް އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ސޫރިޔާގެ ބިމެއްގެ ގޮތުގައި ދެކޭ ތަނެކެވެ.

ހިއްސާ ކުރައްވާ!