ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަދިއާލާ ޖަލުގައި ބަންދުކޮށް، އެޤައުމުގެ ސަރުކާރާއި އިދާރާތަކުން އޭނާއާ ދެކޮޅަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލައިގެން މައްސަލަތައް ކުރިއަށް ގެންދެއެވެ. އިމްރާން ޚާންގެ މައްޗަށް ދައުލަތުގެ ސިއްރުތައް ހާމަކުރުމުގެ ތުހުމަތާއި، ޚިޔާނާތުގެ މައްސަލަތަކުގެ އިތުރުން ސިޔާސީ އިދިކޮޅު ހަރަކާތްތަކާ ގުޅުވައިގެން 100 އަށްވުރެ ގިނަ ދައުވާ އުފުލާފައިވެއެވެ.
މި ދައުވާތަކަކީ ސިޔާސީ މަޤްޞަދުގައި އުފުލާފައިވާ ދޮގު ދައުވާތަކެއް ކަމަށް އިމްރާން ޚާންގެ ސަޕޯޓަރުންނާއި ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީ.ޓީ.އައި) އިން ބުނެއެވެ. އެފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިމްރާން ޚާންގެ މަގުބޫލުކަން ކަނޑުވާލުމަށާއި ސިޔާސީ މައިދާނުން އޭނާ އެކަހެރިކުރުމަށްޓަކައި ޕާކިސްތާނުގެ އަސްކަރިއްޔާއާއި މިހާރުގެ ސަރުކާރުން ގުޅިގެން ނުފޫޒު ފޯރުވަނީއެވެ.
އިމްރާން ޚާން ޖަލުގައި ބަންދުކުރުމާ ގުޅިގެން ޕާކިސްތާނުގެ އާންމު ރައްޔިތުންގެ މެދުގައި ނުރުހުން ބޮޑުވެ، ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މި ހާލަތުގެ ސަބަބުން އެޤައުމުގެ މާލީ މާކެޓްތަކަށް ނޭދެވޭ އަސަރުކޮށް، އިންފްލޭޝަން މަތިވެ، ބޭރުގެ އިންވެސްޓްމަންޓްތައް ވަނީ މަޑުޖެހިފައެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންނާއި ހުޅަނގުގެ ބައެއް ޤައުމުތަކުންވެސް ވަނީ ޕާކިސްތާނުގެ އިންސާނީ ޙައްޤުތަކުގެ ހާލަތާއި ޝަރުޢީ ނިޒާމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ގޮވާލަނީ އިމްރާން ޚާނަށް އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކޮށްދިނުމަށާއި، ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށެވެ.






