ޔޫރަޕުގެ ބާޒާރުތަކަށް ޔަހޫދީ ވަޒަންވެރިންގެ އުފެއްދުންތައް އެތެރެވާ މައްސަލަ ބޮޑުވެއްޖެ

ހިފާފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކުގައި އިސްރާއީލުން ޤާއިމުކޮށްފައިވާ ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިންގެ އުފެއްދުންތައް، އޮޅުވާލައިގެންނާއި އެކިއެކި ނިޒާމުތައް މެދުވެރިކޮށް ވަގަށް ޔޫރަޕުގެ ބާޒާރުތަކަށް ވައްދަމުންދާކަން ހާމަވެއްޖެއެވެ. މި މައްސަލައާ ގުޅޭގޮތުން ގްލޯބަލް އެކޯ ލިޓިގޭޝަން ސެންޓަރުން "އިމްޕޯޓިންގ އޮކިއުޕޭޝަން" ގެ ނަމުގައި ވަނީ ޚާއްޞަ ރިޕޯޓެއް އާންމުކޮށްފައެވެ.

މި ރިޕޯޓުގައި މައިގަނޑުގޮތެއްގައި އަލިއޅުވާލާފައިވަނީ ޔޫރަށް ޔަހޫދީން އޮލުވާލައިގެން އެކްސްޕޯޓު ކުރާ ކާނގެ ބާވަތްތަކާާއި ލުނބޮއާއި އޮރެންޖާއި މޭވާއާއި، ފަތްޕިލާވެއްޔާއި، އަދި އެހެނިހެން ދަނޑުވެރިކަމުގެ އުފެއްދުންތަކަށެވެ. އެކްސްޕޯޓްކުރާ ފަރާތްތަކުން މި ތަކެތި ޔޫރަޕަށް ފޮނުވަނީ ޙަޤީޤަތް ވަންހަނާކުރުމަށް ތަފާތު ތިން މަގަކަށް ބަހާލައިގެންނެވެ.

  • ޔަހުދީ އެކްސްޕޯޓްކުރާ ފަރާތްތަކުން ޙަޤީޤީ އެޑްރެހާއި ޕޯސްޓަލް ކޯޑު ހިމެނިނަމަވެސް، އުފެއްދި ޤައުމުގެ ގޮތުގައި ލިޔަނީ ހަމައެކަނި "އިސްރާއީލު" އެވެ. މީގެ ސަބަބުން ކަސްޓަމްސް އޮތޯރިޓީތަކަށް އެއީ ޔަހޫދީ ބަސްތީތަކުން އުފައްދާ އެއްޗެއްކަން ދެނެގަތުމަށް ދަތިވެއެވެ.
  • ތަކެތި އުފެއްދި ޙަޤީޤީ ތަނުގެ ބަދަލުގައި، އިސްރާއީލުގެ އެތެރޭގެ އެޑްރެސްތައް ބޭނުންކޮށްގެން އެ ތަކެއްޗަކީ އެ ޤައުމުގެ އާދައިގެ ސަރަޙައްދުތަކުގައި އުފެއްދި ތަކެތި ކަމަށް ދައްކައެވެ.
  • ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިންގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގެ ކުރިން، އިސްރާއީލުގެ އެތެރޭގައި ހައްދާ ތަކެއްޗާ އެއްކޮށްލައިގެން ޕެކްކުރެއެވެ. އޭގެފަހުން މުޅި ޝިޕްމަންޓަށް ދޫކުރަނީ އިސްރާއީލުގެ އުފެއްދުމެއްކަމުގެ ލިޔެކިޔުމެވެ.

މިމައްސަލ؛ަ ހައްލު ކުރުމަށް ޔޫރަޕުގެ ޤައުމުތަކުގެ ފިޔަވަޅުތައް

މި މައްސަލައާ ގުޅިގެން ޔޫރަޕުގެ ބައެއް ޤައުމުތަކުން ވަނީ ވަކިވަކިން ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ނެދަރލޭންޑްސްއިން ވަނީ ޔަހޫދީ ބަސްތީތަކާއި ވަޒަންވެރިންގެ އުފެއްދުންތައް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 22 ސެޕްޓެމްބަރު 2026 ގައެވެ.

ހަމައެއާއެކު، އަޔަރލޭންޑްގެ ޕާލަމެންޓުން ވަނީ 2026 މޭ މަހު ބިލެއް ފާސްކުރުމަށްފަހު، ޖުލައި މަހު އެފަދަ އުފެއްދުންތައް އެތެރެކުރުން މަނާކުރާ ރަސްމީ ޤާނޫނެއް ފާސްކޮށްފައެވެ.

ސްޕޭން އަދި ބެލްޖިއަމްއިންވެސް ވަނީ މިފަދަ އުފެއްދުންތައް އެތެރެކުރުން ހުއްޓުވުމަށް ކަމާބެހޭ ފިޔަވަޅުތައް އަޅާފައެވެ.

ހިއްސާ ކުރައްވާ!