ތޫނިސްގެ އުޑުމަތިން ފެނުނު ސިއްރުވެރި ހާދިސާ

މި ހިނގާ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ތޫނިސްގެ އުޑުމަތިން ފެނުނު އާދަޔާޚިލާފު އަލިގަދަ އެއްޗަކާމެދު، ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. މާ ސިންގާ ސިލިންޑަރެއްގެ ބައްޓަމަށް ހުރެ، އެއްވަރަކަށް މަޑު ފެހި އައްޔެއް ފޮނުވަމުންދިޔަ މި އެއްޗަކީ ކޮން އެއްޗެއްކަން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ތޫނިސްގެ ސޫސާގެ އުޑުމަތިން މީގެ ކުރިން އެޕްރީލް 20 ވަނަ ދުވަހު ފެނުނު ވައްތަރުގެ އަލިގަދަ އެއްޗަކަށް ބަލައި، ބައެއް ފަރާތްތަކުން ލަފާކުރީ މިއީ ޖައްވުގެ ތެރެއަށް އެނބުރި އައިސްފައިވާ ފަޒާގެ ކުނީގެ ބައެއް ކަމަށެވެ. ނަމަވެސް، އެޕްރީލް މަހު ފެނުނު އެއްޗަކީ ބައިބައިވެގެން ދިޔަ އެއްޗެކެވެ. އެއާ ޚިލާފަށް މިފަހަރު ފެނުނު އެއްޗަކީ ހުރިހައި ވަގުތެއްގައިވެސް އެއް ބައްޓަމަކަށް އެކުއެކީގައި ދަތުރުކޮށްފައިވާ އެއްޗެކެވެ.

މިކަމާ ގުޅިގެން ތޫނިސްގެ އެސްޓްރޯނޮމިކަލް ސޮސައިޓީން ލަފާކުރި ގޮތުގައި މިއީ މަސްކު ފޮނުވާފައިވާ "ސްޓާލިންކް" ސެޓެލައިޓްތަކެކެވެ.

"ސްޕޭސް އެކްސް" ކުންފުނިން 2026 ވަނަ އަހަރުގެ އޮގަސްޓް 8 ގައި ކެލިފޯނިއާގެ ވަންޑެންބާގް ބޭސްއިން 24 ސެޓެލައިޓްގެ ބެޗެއް ޖައްވަށް ފޮނުވާލާފައިވުމުން، މިއީ އެ ސެޓެލައިޓްތައް ގުރޫޕަކަށް ވެގެން ދަތުރުކުރި ވަގުތު ކަމަށް އެ ޖަމްޢިއްޔާއިން ލަފާކޮށްފައި ވެއެވެ.

އަނެއްޅުން، ސުފާޤިސް ޔުނިވަރސިޓީގެ ޖިއޮލޮޖިކަލް ސައިންސްގެ ޕްރޮފެސަރު ޑޮކްޓަރު ޝުކްރީ ޔަޢީޝް ވަނީ މި ވާހަކަ އެއްކޮށް ދޮގުކުރައްވާފައެވެ.

އޯބިޓަލް ޑޭޓާއާއި ސެޓެލައިޓް ފޮނުވާލި ގަޑިއަށް ރިޢާޔަތްކޮށް އޭނާ އެކުލަވާލި ތަހުލީލުން ދައްކާ ގޮތުގައި، އެ ވަގުތު އެ ސެޓެލައިޓްތައް ހުރީ ތޫނިސްގެ އުޑުމަތީގައެއް ނޫނެވެ. އަދި މިސްރުގެ އެސްޓްރޯނޮމިކަލް ރިސާރޗްގެ އޮފިޝަލެއް ކަމަށްވާ ޑޮކްޓަރު އަޝްރަފް ޝާކިރުވެސް ވަނީ މިއީ ވަކިކުރަން ނޭނގޭ ސިއްރުވެރި ހާދިސާއެއްކަމަށް ވިދާޅުވެފައެވެ.

މިފަދަ ކަންކަމަކީ ހަމައެކަނި ސައިންސްވެރިންނަށް ދޫކޮށްނުލައި، އެއަރ ޑިފެންސް ފަދަ ސެކިއުރިޓީ އިދާރާތަކުން ބަލައި ސާފުކޮށްދޭންޖެހޭ ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރަސްމީ ފަރާތްތަކުން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަނުކުރުމުގެ ސަބަބުން، މި ހާދިސާ އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!