2026 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން މުޅި ރާއްޖޭގައި ހިންގި ވަރުގަދަ އޮޕަރޭޝަންތަކެއްގައި 144.3 ކިލޯގްރާމަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 1,856 ފުޅި ބަނގުރާ އަތުލައިގަނެ، 1,875 މީހަކު ހައްޔަރުކޮށްފިއެވެ. ޖަނަވަރީ 1 އިން ޖުލައި 31 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މަސައްކަތްތަކަކީ މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށް ފުލުހުން ފަށާފައިވާ ސްޓްރެޓީޖިކް ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި، މާލެއާއި އަތޮޅުތެރެ ހިމެނޭހެން ޖުމްލަ 1,141 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި 23,249 މީހުންނާއި 7,309 ތަން ބަލައިފާސްކުރިއެވެ. ތަހުގީގުކުރެވުނު 1,533 މައްސަލައިގެ ތެރެއިން 634 މައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މީގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެކަނިވެސް މަގުމަތީގެ އަގުން 121.2 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާއިރު، ޑްރަގް ޓްރެފިކިންގެ 88 އިންސައްތަ މައްސަލަ ވަނީ ދައުވާކުރަން ފޮނުވާފައެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ހިންގާ އޮޕަރޭޝަންތަކާއި ފައިސާގެ މުއާމަލާތްތަކާ ގުޅޭ ތަހުގީގުތައް ސީދާ ގުޅުވާލައިގެން ކުރިއަށްދާ މި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިއުގަތައް މުޅިން ރޫޅާލައި، އެކަމުގެ އަސްލު ނައްތާލުމެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި އަތޮޅުތަކުގެ ފުލުހުން ގުޅިގެން 17 އަތޮޅެއްގައި ހިންގި 260 އިންޓެލިޖެންސް-ލެޑް އޮޕަރޭޝަނުން 298 މީހަކު ހައްޔަރުކުރިއެވެ. އޮޕަރޭޝަންތަކުގެ ނަތީޖާއާ މެދު ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު މުސްލިމް ފާހަގަކުރެއްވި ގޮތުގައި، ތަފާސްހިސާބުތަކުން އަދަދުތައް އިތުރުވުމަކީ ސީދާ ކުށްކުރުން އިތުރުވުން ނޫން ކަމަށާއި، އެއީ އޮޕަރޭޝަނަލް މަސައްކަތްތައް ވަގުތާއި ހާލަތަށް ބަލައި ވަރުގަދަކުރުމުގެ ނަތީޖާއެވެ.
މަސްތުވާތަކެތީގެ ވިއުގަތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް ފައިސާއާ ގުޅުންހުރި 25 ތަހުގީގެއް ކުރިއަށްދާއިރު، ބޮޑެތި 3 ނެޓްވޯކެއްގެ މައްސަލަވެސް އަންނަނީ ބަލަމުންނެވެ. އެއާއެކު، މަސްތުވާތަކެތީގެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގެ ދަށުން، މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރި 6 ގެއެއް ކަމަސްވާ މ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލް، މ. ސެވަން އެންޑް ހައުސް، މ. ކަނޑުފިނިގެ، އަދި މ. ލޭންޑްއޮފްގާޑަން ވަނީ ބަންދުކޮށް، މޮނިޓަރ ކުރަން ފަށާފައެވެ. މީގެ އިތުރުން، މައްސަލަތަކުގައި ޝާމިލުވާ 116 ބިދޭސީއަކު ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށް، ފަރުވާއަށް ބޭނުންވާ 37 މީހަކު ވަނީ ކަމާބެހޭ އިދާރާތަކަށް ހަވާލުކޮށްފައެވެ.





