ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވައި އެކްސިޑެންޓް ހިންގި މީހަކީ ބަންދުން ވަގަށް ދޫކޮށްލާފައިވާ މީހެއް 

ހުޅުމާލޭގައި މިދިޔަ ބުދަ ދުވަހުގެ މެންދަމު ތިން މީހުން އަރުވައިގެން، "ވަންވޭ" އާ އިދިކޮޅަށް ބާރު ސްޕީޑުގައި ސައިކަލު ދުއްވައި ހިންގި ނުރައްކާތެރި އެކްސިޑެންޓް ހިންގައި ސައިކަލު ދުއްވަން އިނީ، މަކަރާއި ހީލަތުގެ މައްސަލައެއްގައި ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވަނިކޮށް، މުއްދަތު ހަމަނުވަނީސް ފުލުހުން ވަގަށް ދޫކޮށްލާފައިވާ މީހެއްކަން ހާމަވެއްޖެއެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިނީ ހ. ލާމިޔާ، އަޙްމަދު އުވައިސްއެވެ. މަކަރާއި ހީލަތުގެ މައްސަލައެއްގައި މި މަހުގެ 1 ވަނަ ދުވަހު އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވަނިކޮށް، އެންމެ ހަފުތާއެއްވެސް ނުވަނީސް އޭނާ މިނިވަންވެ މަގުމައްޗަށް ނުކުމެ ސައިކަލު ދުއްވަން އިނުމުން، އޭނާ ދޫކޮށްލެވުނު ގޮތާމެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ފުރަތަމަ ނެރުނު ބަޔާނުގައި ސައިކަލު ދުއްވި މީހާގެ ވަނަވަރު ރަސްމީކޮށް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް، އޭނާއަކީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށާއި، ލައިސަންސާ ނުލައި ގަވާއިދާ ޚިދާފަށް ހަރަކާތްތެރިވެފައިވާ ފަރާތެއްކަން ވަނީ ފަހުން ކަށަވަރުކޮށްދީފައެވެ.

މި އެކްސިޑެންޓުގެ ސަބަބުން ޖުމްލަ ފަސް މީހަކަށް ވަރަށް ބޮޑަށް އަނިޔާވެގެން އިންދިރާ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދީފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އަދިވެސް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. އަދި ބާކީ ތިބި މީހުންގެ ތެރެއިން ދެ މީހަކަށް ވޯޑުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ހިމެނޭކަން ފާހަގަކުރެވެއެވެ.

ބަންދުގައި ތިބޭ އެއްދޮރުން ވައްދައި އަނެއް ދިޮރުން ނެރުމަކީ މީގެ ކުރިންވެސް ހިންގާފައިވާ ޖަރީމާއެކެވެ!

މީހުން މިފަދަ ގޮތްގޮތަށް މުއްދަތު ހަމަވުމުގެ ކުރިން މުޖުތަމައުގެ ތެރެއަށް ދޫވެ، ނުރައްކާތެރި އަމަލުތައް ހިންގުމުގެ މައްސަލައަކީ ރައްޔިތުންގެ ކަންޑޮޑުވުން ބޮޑުވާ އަދި މުއައްސަސާއާ މެދު އިތުބާރު ގެއްލޭ ކަމެކެވެ.

ހިއްސާ ކުރައްވާ!