މިފްކޯއަށް މަސްކިރުވާ ދޯނިފަހަރަށް ކްރެޑިޓް އުސޫލުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ ކުންފުންޏާއި ފިއުލް ސަޕްލައި މޯލްޑިވްސް އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިފްކޯ ހެޑް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސްއެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު އާޝާނެވެ.
އިންތިޒާމު ހަމަޖެހިފައިވާ ގޮތް:
- ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ޤާއިމުކޮށްފައިވާ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން މިއަދުން ފެށިގެން މި އިންތިޒާމު ލިބެން ހުންނާނެއެވެ.
- މަސްކިރުވުމަށްފަހު ލިބޭ ބިލު ހިފައިގެން ގޮސް ދޯނިފަހަރަށް ތެޔޮ އެޅޭނެ ކަމަށާއި، ތެލަށްވާ ފައިސާ ކަނޑާނީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޫކުރާ ފައިސާގެ ތެރެއިންނެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މިފްކޯގެ ސީއީއޯ މަސްވެރިންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މަސްވެރިންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މި އާ ނިޒާމާއެކު މަސްވެރިންނަށް ކަނޑަށް ނުކުތުމުގައި ދިމާވާ ތެލުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.





