ސަޢުދީ އަރަބިއްޔާއާއި، ތުރުކީއާއި، ޕާކިސްތާނުގެ ލީޑަރުން މިއަދު މައްކާގެ ދިފާޢީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިށްފައިވަނީ މައްކާ ގައި ސަޢުދީ ވަލީޢަހުދު އަމީރު މުޙައްމަދު ބިން ސަލްމާނާއި، ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަޙްބާޒު ޝަރީފް ބައިވެރިވެވަޑައިގެން ބޭއްވެވި ތިން ޤައުމުގެ އިސްވެރިންގެ މަހާސިންތާގައެވެ.
ތިން ޤައުމުން ގުޅިގެން ނެރުނު ބަޔާންގައި ބުނެފައިވަނީ، "މި ތިން ޤައުމުގެ މެދުގައިވާ ޒަމާންވީ ތާރީޚީ ގުޅުމާއި، އިސްލާމީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުންތަކުގެ މައްޗަށް ބިނާކޮށް، އަދި މަސްލަޙަތުތަކާއި ގާތް ދިފާޢީ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް"، ސަޢުދީ ވަލީޢަހުދު އަމީރު މުޙައްމަދު ބިން ސަލްމާނާއި، ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަޙްބާޒު ޝަރީފް ވަނީ "މައްކާގެ ދިފާޢީ އެއްބަސްވުން" ގައި ސޮއިކުރައްވާފައެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި، މި އެއްބަސްވުމުގެ މަޤްޞަދަކީ ކޮންމެފަދަ ޢުދުވާނަކާ ދެކޮޅަށް ވެސް ގުޅިގެން ދިފާޢުވުމުގެ ޤާބިލުކަން އިތުރުކުރުމެވެ. އަދި މި އެއްބަސްވުން ބުނާގޮތުން، މި ތިން ޤައުމުންކުރެ ޤައުމަކަށް އަމާޒުކޮށްދެވޭ ކޮންމެ އަސްކަރީ ހަމަލާއަކީ އެ ހުރިހާ ޤައުމަކަށް ދެވޭ ހަމަލާއެއް ކަމަށް ބެލެވޭނެ ކަމަށެވެ. މީގެއިތުރުން، ދިފާޢީ ދާއިރާއިން 3 ޤައުމުގެ މެދުގައިވާ އެއްބާރުލުން ހުރިހާ ގޮތަކުން ތަރައްޤީކުރުމަށް ވެސް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.
ބަޔާނުގައިވާ ގޮތުން، މައްކާގެ ދިފާޢީ ސަމިޓުގައި ސަޢުދީ އަރަބިއްޔާއާއި، ތުރުކީއާއި، ޕާކިސްތާނާ ދެމެދު އޮތް ޚާއްޞަ ގުޅުމާއި، 3 ފަރާތުގެ މަސްލަޙަތު ހުރި މުހިންމު އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.





