ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އެންމެ ފަހުގެ ޖެނެރޭޝަންގެ ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަރުކާގެ 2 މަތިންދާބޯޓު ގެނައުމަށް ކެނެޑާގެ ޑީ ހެވިލަންޑް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ރާއްޖޭގެ އެއަރލައިނަކުން މި ފެންވަރުގެ ޒަމާނީ ބޯޓުތަކެއް އޯޑަރުކުރި ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސް ފާހަގަކުރެއްވި ގޮތުގައި، 2014 ވަނަ އަހަރު އެންމެ 2 ބޯޓާއެކު ފެށި ސީޕްލޭންގެ ޚިދުމަތް މިއަދު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ބައިވެރިންނާއެކު ފެންވަރު ރަނގަޅު ވައިގެ ޚިދުމަތަކަށް ބަދަލުކޮށްފައެވެ. މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި މިހާރުވެސް 11 ޓްވިން އޮޓަރ ބޯޓު އޮތްއިރު، އެ ކުންފުނިން ދަނީ ރިސޯޓްތަކަށާއި މީހުން ދިރިއުޅޭ ރަށްތަކަށް އިތުބާރު ހުރި، އަވަސް ޚިދުމަތްތަކެއް ކެންޑިނޭޅި ފޯރުކޮށްދެމުންނެވެ.
އިޔާސް އިތުރަށް ވިދާޅުވި ގޮތުގައި، މިއަހަރުގެ ފެބްރުއަރީ 1 އިން ފެށިގެން ފުރޮޅުލީ ޓްވިން އޮޓަރ މަތިންދާބޯޓުގައި ޝެޑިއުލް ކޮމާޝަލް ދަތުރުތައް ރާއްޖޭގައި ފެށި ފުރަތަމަ އެއަރލައިނަކީވެސް މޯލްޑިވިއންއެވެ. އަދި އާ 2 ބޯޓު ފްލީޓަށް އިތުރުކުރުމުގެ އެއްބަސްވުމަކީ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައި ލިބުނު ތާރީޚީ ކުރިއެރުމެކެވެ.
"މި މަތިންދާބޯޓަކީ ރާއްޖޭގެ މާޙައުލާ ގުޅޭގޮތަށް ޚާއްޞަކޮށް އުފައްދާފައިވާ ބޯޓެއް. އެހެންކަމުން އަޅުގަނޑުމެންގެ އޮޕަރޭޝަންތަކުގައި މި ބޯޓު ބޭނުންކުރުމަށްޓަކައި، ކުރިން ގެނައި ބޯޓުތަކަށް ގެންނަންޖެހުނު އިތުރު ބަދަލުތައް މި ބޯޓަށް އަންނާކަށް ނުޖެހޭނެ،" އިޔާސް ވިދާޅުވިއެވެ.
މިއީ 2018 ވަނަ އަހަރުގެ ފަހުން މޯލްޑިވިއަންގެ ޓްވިން އޮޓަރ ފްލީޓަށް މަތިންދާބޯޓު އިތުރުކުރާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނާއި ކެނެޑާގެ ޑީ ހެވިލަންޑް ކުންފުންޏާ ދެމެދު އޮތް ބަދަހި ގުޅުން މި އެއްބަސްވުމުން އިތުރަށް ރަމްޒުކޮށްދެއެވެ.




