ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ތަރައްގީކޮށް ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން، އެއަރބަސް މަރުކާގެ ޒަމާނީ ދެ ބޯޓު ހޯދުމަށް އެ ކުންފުނިން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މި އާ ބޯޓުތަކާއެކު ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ވަނީ އަމާޒުހިފާފައެވެ.
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ފްލީޓަށް އިތުރުކުރުމަށް ބޭނުންވަނީ އެއަރބަސް އޭ220-300 މަރުކާގެ ދެ ބޯޓެވެ. މި ބޯޓުތައް ހޯދުމަށް ހަމަޖެހިފައިވަނީ އޮޕަރޭޓިން ލީސްގެ އުސޫލުންނެވެ. މިކަމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މި މަޝްރޫޢާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 15 ވަނަ ދުވަހުގެ 14:00 އެވެ. ސަޕްލަޔަރުންގެ ފަރާތުން ލިބޭ ސުވާލުތަކަށް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޖަވާބު ފޮނުވާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަނުން މިވަގުތުވެސް ޝެޑިއުލް ދަތުރުތައް ކުރަމުންދަނީ ބައިނަލްއަގުވާމީ 4 ގައުމެއްގެ 7 މަންޒިލަކަށެވެ. އޭގެ ތެރޭގައި އިންޑިއާގެ 2 ސިޓީއަކާއި، ބަންގްލަދޭޝްގެ ޑާކާއާއި، ޗައިނާގެ 3 ސިޓީއެއްގެ އިތުރުން އޮސްޓްރޭލިއާގެ މެލްބަން ހިމެނެއެވެ.



