ސަރަޙައްދީ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަ ކުރުމަށް، ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއާއި ސްރީލަންކަން އެއަރލައިންސްއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، އެއް ޓިކެޓެއް ގައި ދަތުރުވެރިންނަށް ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެއެވެ.
ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަސިންޖަރުންނަށް، އެއް އިލެކްޓްރޯނިކް ޓިކެޓަކުން ސްރީލަންކަން އެއަރލައިންސް އާއި މޯލްޑިވިއަންގެ ދަތުރުތައް އެއްކޮށް ބުކް ކުރެވޭނެއެވެ.
ސްރީލަންކަން އެއަރލައިންސްގެ ބައިނަލްއަގުވާމީ ވިއުގައާއި މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް ގުޅުވާލުމުން، ރާއްޖޭގެ އެކަހެރި ރަށްތަކަށާއި މަގުބޫލު ފަތުރުވެރި މަންޒިލްތަކަށް ދަތުރުފަތުރު ކުރުމުގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެއެވެ. އެއަރލައިނުން ބުނި ގޮތުގައި މި ގޮތަށް ހަމަޖެއްސުމުގެ ސަބަބުން ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށާއި ވިޔަފާރި ދަތުރުވެރިންނަށް މުޅި ރާއްޖޭގައި ދަތުރުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސްރީލަންކަން އެއަރލައިންސްއިން މިހާރުވެސް ދުވާލަކު ތިން ދަތުރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަދި ހަފުތާއަކު ދެ ދަތުރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ޓްރެވަލް އެޖެންޓުންނަށާއި، ޓުއަރ އޮޕަރޭޓަރުންނަށާއި، ކޯޕަރޭޓް ޓްރެވަލް ޕްލޭނަރުންގެ އިތުރުން ވަކިވަކި ދަތުރުވެރިންނަށް ބުކިން ހެދުމުގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެއަރލައިނުން ބުނެއެވެ. އަދި މި ބައިވެރިވުމާއެކު މާލެއާއި ގަމަށް ކުރާ ދަތުރުތަކުގައި ފަސިންޖަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށްވެސް އުންމީދު ކުރެވެއެވެ.
ކޯޑްޝެއަރ އެއްބަސްވުންތަކާއެކު ސްރީލަންކަން އެއަރލައިންސްއިން މިހާރު ދުނިޔޭގެ 63 ގައުމެއްގެ 130 މަންޒިލަކަށް ޚިދުމަތް ފޯރުކޮށްދެއެވެ. ސްރީލަންކާގެ ގައުމީ އެއަރލައިނުން އެއަރބަސް އޭ330-200/300 އަދި އޭ320/321 މަރުކާގެ ބޯޓުފަހަރު ބޭނުންކޮށްގެން ދުނިޔޭގެ 33 މަންޒިލަކަށް ސީދާ ދަތުރުތައް ބާއްވައެވެ.





