އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވަމުންދާ ކަމަށް ޔަހޫދީ ރެޖީމުން އޭނާއަށް ދިން އިންޒާރާ ގުޅިގެން ބިރުން ޓްރަމްޕް ވަނީ އޭނާ ތުރުކީން ދަތުރު ކުރި ފްލައިޓް ބަދަލުކޮށް ދަތުރު ސިއްރުކޮށްފައެވެ. ނޭޓޯގެ ސަމިޓަށް ޓްރަމްޕް ތުރުކީއަށް ވަޑައިގަތުމަށްފަހު އެހެން ބޯޓެއްގައި އެ ނބުރި ވަޑައިގަތް މައްސަލަ މީޑިއާގައި ރިޕޯޓުކޮށް ގިނަ ސުއާލުތަކެއް އުފައްދާފައި ވެއެވެ.
ވޮޝިންގްޓަން ޕޯސްޓް ނޫހުގައިވާ ގޮތުން، ތުރުކީގެ އަންކާރާގައި ކެމެރާތަކުގެ ކުރިމަތީގައި ޓްރަމްޕް އެނބުރި ވަޑައިގަތް ދަތުރު ފެށްޓެވީ ކުރީގެ އެއާ ފޯސް ވަން ބޯޓުގައެވެ. ނަމަވެސް މިހާރު އެނގިފައުވާ ގޮތުގައި ބިރުން ޓްރަމްޕް ދަތުރު ކުރެއްވީ ސިފައިންގެ މުދާ އުފުލާ ކާގޯ ބޯޓެއްގައެވެ.
އެ ބޯޓަކީ ސީ 32އޭ މަރުކާގެ ބޯޓެކެވެ. ޓްރަމްޕް ވަނީ އެއާފޯސް ވަންއަށް މީޑިއާގެ ކުރިމަތީގައި ވަންނެވުމަށްފަހު ފަހަތުން އެއާޕޯޓުގައި ކާބޯތަކެތި އުފުލަން ބޭނުންކުރާ ޓްރަކެއް ބޭނުންކޮށްގެން ސިއްރުން ކުޑަ ބޯޓަށް ވަނަންވައި ދަތުރު ކުރައްވާފައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޓްރަމްޕާއެކު ދަތުރުކުރި ނޫސްވެރިންނާއި ވައިޓް ހައުސްގެ ބައެއް މުވައްޒަފުންނަށްވެސް ނޭނގި އެވެ. އެމީހުން ހީކުރީ، ރައީސް އިންނެވީ އެއާ ފޯސް ވަން ބޯޓުގައި ކަމަށެވެ.
ޓްރަމްޕާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ދަތުރުކުރެއްވި އެ ކާގޯ ބޯޓު ވަނީ އިނގިރޭސިވިލާތުގެ މިލްޑެންހޯލް އެއާބޭސްއަށް ޖައްސާފައެވެ. އަދި އެ ބޯޓު ދަތުރު ކުރީ ބޯޓުގެ ސިގްނަލްދޭ މުވާސަލާތީ ނިޒާމުތައް ނިވާލައިގެން، ރީޗް 18ގެ ސިއްރު ކޯލްސައިންގެ ދަށުންނެވެ.
އަދި އިނގިރޭސިވިލާތަށް ވަނުމަށްފަހު، ޓްރަމްޕް ވަނީ މީހުންނަށް ނޭނގޭ ގޮތަށް އަލުން ރިޔާސީ ބޯޓަށް ވަދެވަޑައިގެން، އެ ހިސާބުން ބޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާފައެވެ.
އީރާނާ ގުޅުންހުރި ފަރާތްތަކުން ޓްރަމްޕް އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެމެރިކާގެ ސީކްރެޓް ސާވިސްއަށް ލިބުމާ ގުޅިގެން، ޤަޠަރުން ހަދިޔާކުރި ބޯޓު ބަދަލުކުރަން ޖެހުނު ކަމަށް ނިއުޔޯކް ޓައިމްސް އިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.






