ޗައިނާގެ ސަރަޙައްދުން ބޭރުގައި ދިރިއުޅޭ އުއިގުއިރު ނަސްލުގެ މީހުންނަށް އަމާޒުކޮށް ޗައިނާ ސަރުކާރުން ހިންގާ ބިރުދެއްކުމުގެ ސިޔާސަތުތައް ދެނެގަތުމަށް ތައްޔާރުކުރި އައު ދިރާސާއަކަށް ކެމްޕޭން ފޯރ އުއިގުއިރްސް (ސީ.އެފް.ޔޫ) ޖަމުޢިއްޔާއިން މަރުޙަބާ ކިޔައިފިއެވެ.
ވިކްޓިމްސް އޮފް ކޮމިއުނިޒަމް މެމޯރިއަލް ފައުންޑޭޝަންގެ ސީނިއާ ފެލޯ އަދި ޗައިނާގެ ދިރާސަތާކާ ބެހޭ އިސްވެރިޔާ އެރޮން ސެންޒާއި، އެ މަރުކަޒުގެ ދިރާސާވެރިޔާ މުއެތަރ ޠޯހާ މި ދިރާސާ އެކުލަވާލައްވާފައިވަނީ އުއިގުއިރު ދަރިކޮޅުގެ މީހުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އަލިއަޅުވާލަމުންނެވެ.
"އާސްމާނަށް އުދުއްސައިގެން ދިޔަ ނަމަވެސް، ކަލޭގެ ފައިގައި ހިފައި ހިފަހައްޓާނަން" މި ނަމުގައި ނެރެފައިވާ މި ދިރާސާގައި، ބެއިޖހިން އިން ބޭރު ޤައުމުތަކުގައި ތިބޭ ދިރާސާވެރިންނާއި، ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، ހެކިންނަށް އަމާޒުކޮށް ހިންގާ ލާއިންސާނީ ޢަމަލުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ޗައިނާގެ ނުފޫޒު ފެތުރުމުގެ އުކުޅުތައް މިހާރު ވަނީ އާދައިގެ އިންޒާރުތަކަށްވުރެ މާ ބޮޑަށް ފުޅާވެފައެވެ. އެގޮތުން ބިރުދެއްކުމާއި މަޖުބޫރުކުރުމުގެ އިތުރުން، އިނާމުދީގެން މީހުން ލޮއްސުމާއި މަޢުލޫމާތު އޮޅުވާލައިގެން ޤާނޫނީ ހައިސިއްޔަތު ހޯދުމުގެ ތިން މައިގަނޑު އުކުޅެއް ބެއިޖިންގއިން ގެންގުޅޭކަމަށް ދިރާސާއިން ދައްކައެވެ.
އުތުރު އެމެރިކާއާއި، ވިލާތާއި، ތުރުކީގައި ދިރިއުޅޭ އުއިގުއިރުންނާ ސުވާލުކޮށް އަދި ޗައިނާ ސަރުކާރުގެ އެތެރޭގެ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް އެކުލަވާލި މި ރިޕޯޓުން، ބޭރު ޤައުމުތަކުގައި ތިބެގެން ކުރާ ސިޔާސީ އަދި އިޖުތިމާޢީ މަސައްކަތްތަކަށް ހުރަސްއެޅޭ މިންވަރު ސާފުކޮށްދެއެވެ.
ކެމްޕޭން ފޯރ އުއިގުއިރްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ރުޝާން އައްބާސް ވިދާޅުވީ، އުއިގުއިރުންނަށް ކުރިމަތިވާ އަނިޔާވެރިކަން ޗައިނާގެ ބޯޑަރުތަކުން ނިމުމަކަށް ނާންނަ ކަމަށެވެ. އޭނާގެ އާއިލާއަށް ކުރިމަތިވެފައިވާ ދަތިޙާލަތަށް އަލިއަޅުއްވާލައްވަމުން، އުއިގުއިރު ރައްޔިތުންނަށް ދިމާވެފައިވާ ބިރުވެރިކަމުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.






