ޗައިނާއިން ރޭލު ދަތުރުގެ އައު ރެކޯޑެއް ހަދައިފި

ދަތުރުފަތުރުގެ ދާއިރާގައި އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތައް އާ އުސްމިންތަކަކަށް ވާސިލުވެއްޖެއެވެ. ޗައިނާގެ ހޫބެއި ޕްރޮވިންސުގެ ޑޮންގްހޫ ލެބޯޓްރީގައި، އެއް ކިލޯމީޓަރުގެ ދިގު މިނުގެ ޓެސްޓް ޓްރެކެއްގައި ކުރިއަށް ގެންދިޔަ ތަޖުރިބާތަކުން، މެގްލެވް ޓްރެއިނެއް ވަނީ ގަޑިއަކު 800 ކިލޯމީޓަރުގެ ބާރުމިނުގައި ދުވެ، މީގެ ކުރިން އެ ޤައުމުން ހަދާފައިވާ ރިކޯޑުތައް މުގުރާލާފައެވެ. މި ހަލުވި ދަތުރުގައި ރޭލު 800 ކިލޯމީޓަރުގެ ބާރުމިން ހާސިލުކުރީ އެންމެ 5.3 ސިކުންތުގެ ތެރޭގައެވެ.

މި ޓެކްނޮލޮޖީގެ އެންމެ ޚާއްޞަ ސިފައަކީ، ދަގަތްފާނުގެ ބާރުގެ އެހީގައި ޓްރެއިން ފުރޮޅުތަކާ ނުލައި ދަގަނޑު މަތީގައި އުފުލިފައި އޮވެގެން ދަތުރުކުރުމެވެ. މިގޮތަށް ދަތުރުކުރުމުން، ޓްރެއިނާއި ޓްރެކާ ދެމެދު އުފެދޭ ފްރިކްޝަން މުޅިންހެން ނެތިދެއެވެ. މިއީ ޓްރެއިން މިހާ ހަލުވި މިނެއްގައި ދަތުރުކުރުމަށް މަގުފަހިކޮށްދޭ އެންމެ މުހިންމު ސަބަބެވެ.

ދަތުރުގެ ފުރިހަމަކަމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް މި ޓެސްޓުގައި ވަނީ ބޮޑު އިސްކަމެއް ދީފައެވެ. 800 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރަމުން ދިޔަ ޓްރެއިން، އޭގެ ޒަމާނީ ބްރޭކިން ސިސްޓަމް ބޭނުންކޮށްގެން، ގާތްގަނޑަކަށް 200 މީޓަރުގެ ތެރޭގައި ރައްކާތެރިކަމާއެކު ހުއްޓުވަން ކުރި މަސައްކަތް ވަނީ ކާމިޔާބުވެފައެވެ.

މި ކާމިޔާބީއަކީ 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޗައިނާއިން ކުރަމުން އައި ދިގު ދަތުރުގެ ނަތީޖާއެކެވެ. އެ ފަހަރު 7 ސިކުންތުގެ ތެރޭގައި ގަޑިއަކު 650 ކިލޯމީޓަރުގެ ބާރުމިން ހާސިލުކުރެވުނުއިރު، އެއަށްފަހު 700 އަދި 798 ކިލޯމީޓަރުގެ ރިކޯޑުތައް ވެސް ވަނީ ގާއިމުކޮށްފައެވެ. މި ތަޖުރިބާތަކުގައި ހައި ޕަވަރ އެނާޖީ ސަޕްލައި، އިލެކްޓްރޯމެގްނެޓިކް ޕްރޮޕަލްޝަން، އަދި އެމަޖެންސީ ބްރޭކިން ފަދަ މުހިންމު ޓެކްނޮލޮޖީތައް ވަނީ ކާމިޔާބުކަމާއެކު ޓެސްޓުކޮށްފައެވެ.

މިހާރު ދުނިޔޭގެ ބައެއް ޤައުމުތަކުގައި، ޚާއްޞަކޮށް ޗައިނާއާއި ޖަޕާނުގައި ބޭނުންކުރާ މެގްލެވް ޓްރެއިންތަކުގެ ސްޕީޑު ހުންނަނީ ގަޑިއަކު 320 އާއި 350 ކިލޯމީޓަރާ ދެމެދުގައެވެ. ނަމަވެސް، ޗައިނާގެ މި އައު ތަޖުރިބާއިން ދައްކައިދެނީ، ކުރިއަށް އޮތް ތަނުގައި ދަތުރުފަތުރުގެ ނިޒާމު މުޅިން އެހެން ހަރުފަތަކަށް ގެންދެވޭނެކަމެވެ.

ހިއްސާ ކުރައްވާ!