މިއަހަރުގެ ޖޫން 7 ވަނަ ދުވަހު ކެމަރޫންގެ ރައީސް ޕޯލް ބިޔާ ވެރިރަށް ޔާވުންޑީ ދޫކުރައްވައި ޔޫރަޕަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ އޮފީހުން ސިފަކުރި ގޮތުގައި "ކުރު އަމިއްލަ ދަތުރުފުޅެއް" ގައެވެ. ނަމަވެސް އެ ދަތުރުފުޅު ދިގުލައިގެން ގޮސް މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ރަސްމީ ސަބަބެއް އަންގައިނުދީ ރައީސަކު ގައުމުން ބޭރުގައި މިހާ ގިނަ ދުވަހު ހުންނެވުމަކީ ސުވާލުތައް އުފެދޭ ކަމެކެވެ. ޚާއްޞަކޮށް، ގައުމުން ބޭރުގައި 66 ދުވަސް ހޭދަކުރެއްވުމުގެ އިތުރުން، އޭނާގެ އުމުރުން 93 އަހަރުވެ، 44 އަހަރު ވަންދެން ވެރިކަމުގައި ދެމިއިނެވުމުން މި ކަންބޮޑުވުންތައް އިތުރުވެއެވެ.
ޖިއޮގްރަފީއާއި ތާރީޚު
މެދުތެރޭ ހުޅަނގު އެފްރިކާގައި އޮންނަ، ގާތްގަނޑަކަށް 30 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަދި ބޮޑުމިނުގައި ބައި މިލިއަން އަކަކިލޯމީޓަރު ހުންނަ ކެމަރޫނުން ފްރާންސުގެ އިސްތިއުމާރުން މިނިވަންކަން ހޯދީ 1960 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުއެވެ. އެއީ ޖަރުމަނާއި ބްރިޓަން އަދި ފްރާންސުން އެ ގައުމު އިސްތިއުމާރުކޮށްގެން އުޅުނުތާ އެތައް އަހަރަކަށް ފަހުގައެވެ.
މިނިވަންވި ފަހުން ކެމަރޫންގައި ވެރިކަން ކުރެއްވީ އެންމެ ދެ ރައީސުންނެވެ. ފުރަތަމަ ރައީސް އަޙްމަދު އަހިޖޯ 1960 އިން 1982 އަށް ވެރިކަން ކުރެއްވުމަށްފަހު، ސިއްޙީ ހާލަތު ހުރި ގޮތުން އިސްތިއުފާ ދެއްވިއެވެ. އެއާއެކު ގާނޫނުއަސާސީގެ މާއްދާއެއްގެ ދަށުން އޭރުގެ ބޮޑުވަޒީރު ޕޯލް ބިޔާ ވެރިކަމާ ހަވާލުވެވަޑައިގަތެވެ.
އޭގެ ފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރައްވައިގެން ބިޔާ ވަނީ ސިޔާސީ ތަފާތު މަރުޙަލާތަކުގައި ގައުމުގެ ވެރިކަން ދަމަހައްޓަވާފައެވެ. އެންމެ ފަހުން އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ ފާއިތުވި އަހަރުއެވެ. އެ އިންތިޚާބާ ގުޅިގެން އާންމުންގެ އިހުތިޖާޖުތައް ފެންމަތިވި އިރު، އެކަމުން ދެއްކުވައިދިނީ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ޒުވާނުންނާއި ދުވަސްވީ ވެރިޔާއާ ދެމެދު އޮތް ހިތްހަމަނުޖެހުންތަކެވެ.
ސްވިޒަލޭންޑްގައި
ފާއިތުވި ހަފުތާގައި ކެމަރޫން ސަރުކާރުން ކަށަވަރުކޮށްދިން ގޮތުގައި، ދުނިޔޭގައި މިހާރު ހުންނެވި އުމުރުން އެންމެ ދުވަސްވީ އިންތިޚާބީ ވެރިޔާ ހުންނެވީ ސްވިޒަލޭންޑުގައެވެ. އަދި އޭނާ ދިރިހުރި ކަމަށާއި އެނބުރި ގައުމަށް ވަޑައިގަތުން ކައިރިވެފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް ވަކި ތާރީޚެއް ހާމައެއް ނުކުރެއެވެ.
"ލާ ނޫވެލް ޓްރިބިއުން" ނޫހުން ރިޕޯޓުކުރި ގޮތުގައި، 2024 ވަނަ އަހަރުގެ ފިނި މޫސުމުގައިވެސް ރައީސް ބިޔާ 42 ދުވަސް ވަންދެން ގައުމުން ބޭރުގައި ހުންނެވިއެވެ.
އޭޕީ އެޖެންސީން ފާހަގަކުރި ގޮތުގައި، ރައީސް ބިޔާ އާންމުކޮށްވެސް ޔޫރަޕަށް ހަފުތާތަކެއްގެ ދިގު ދަތުރުފުޅުތައް ކުރައްވައި، ވެރިކަމުގެ ކަންކަން ޕާޓީގެ އިސްވެރިންނާއި އާއިލާގެ މެންބަރުންނާ ހަވާލުކުރައްވައެވެ. ނަމަވެސް މި ފަހަރު އޭނާގެ ސިއްޙީ ހާލަތާމެދު އުފެދިފައިވާ ޝައްކުތައް ވަރަށް ގިނައެވެ..
ކެމަރޫންގެ އިދިކޮޅު ފަރާތްތަކުން ވަނީ ނައިބު ރައީސަކު ނެތި ރައީސް މިހާ ދިގު މުއްދަތަކަށް ގައުމުން ބޭރުގައި ހުންނެވުމަށް ފާޑުކިޔާފައެވެ. އަދި ސަމާސާ ރާގަކަށް އިދިކޮޅުން ބުނީ ގައުމު ހިންގަނީ "އޮޓޯޕައިލަޓް" އުސޫލުން ކަމަށެވެ.
އިދިކޮޅު ލީޑަރު އީސާ ތަޝީރޯމާ ބަކާރީ ތުހުމަތު ކުރެއްވި ގޮތުގައި، ރައީސްގެ ހާލުކޮޅު "ރަނގަޅު ނޫން" ކަމަށް ކެމަރޫންގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މި ދިގު މުއްދަތުގެ ގެއްލުމުން ދައްކުވައިދެނީ ބާރުގެ ބޭނުންކޮށްގެން ވެރިކަމުގައި ދެމިއިންނެވުމަށް ކުރައްވާ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. ބަކާރީ މިހެން ދެއްކެވީ ގޭމްބިއާގައި އަރުވާލެވިގެން ހުންނަވައި ފޮނުއްވި މެސެޖެއްގައެވެ. އޭނާއަކީ ކުރިން ރައީސްގެ އަރިސް ބޭފުޅެއްގެ އިތުރުން ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އިންތިޚާބުގައި ބިޔާއާ ވާދަކޮށް ނާކާމިޔާބުވުމުން، އޭނާ ވަނީ އިންތިޚާބުގެ ނަތީޖާއާމެދު ސުވާލު އުފައްދަވައި އޮޅުވާލުންތައް ހުރި ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޢަސްކަރީ ބަދަލުތައް
ރައީސް ޕޯލް ބިޔާގެ އަމުރުފުޅަށް ސިފައިންގެ އިސް ވެރިންގެ މަގާމުތަކަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން، ރައީސް ގެއްލިފައިވާ މައްސަލައަށް އިތުރު ސަމާލުކަމެއް ވަނީ ލިބިފައެވެ. އެގޮތުން ގައުމުގެ ޢަސްކަރީ 5 ރީޖަންގެ ތެރެއިން 4 ރީޖަންގެ ކޮމާންޑަރުން ބަދަލުކޮށް، އިސް އޮފިސަރުންތަކަކަށް ރޭންކުގެ ކުރިއެރުން ދެއްވިއެވެ.
މި ބަދަލުތައް ގެނައި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް މަގާމުން ބަދަލުކުރި އެއް ކޮމާންޑަރަކު ނިޔާވެފައިވާ އިރު، އަނެއް ކޮމާންޑަރަކު ވަނީ ރިޓަޔަރުވެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މި ބަދަލުތަކުން ދައްކުވައިދެނީ ގައުމުން ބޭރުގައި ހުންނެވި ނަމަވެސް ރައީސް ގާނޫނުއަސާސީން ލިބިދޭ ބާރުތައް ބޭނުންކުރައްވަމުން ގެންދަވާ ކަމެވެ.
ރައީސް ދިގު މުއްދަތަކަށް ގައުމުން ބޭރުގައި ހުންނަވާ ހާލަތްތަކުގައި ކަންކުރާނެ ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތުމުން တަގްނޭ ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި އެއީ ގައުމުގެ މުއައްސަސާތަކުގެ ނިޒާމުގައި ހުރި އުނިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރޭޑިއޯ އޮރިއެންޓުން ރިޕޯޓުކުރި ގޮތުގައި، ވެރިކަން ކުރާ ޕާޓީއާއި ޢަސްކަރިއްޔާ އަދި ރައީސް ބިޔާގެ އާއިލާގެ މެދުގައި ބާރުގެ ނުފޫޒު ހޯދުމުގެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެ ރޭޑިއޯއިން ގައުމުގެ ހާލަތު ސިފަކުރީ މިފަދައިންނެވެ: "ގާނޫނީ ގޮތުން ވެރިކަމުގެ ހުސްކަމެއް އިއުލާނުކޮށްފައެއް ނެތެވެ. ނަމަވެސް ސިޔާސީ ޔަގީންކަމެއް ނެތް ހުސްކަމެއް އެބައޮތެވެ. ނުވަތަ ވެރިޔާ ނެތް ހިނދެއްގައި ވެރިކަމުގެ ތަޅުދަނޑި އޮތީ ކާކުގެ އަތުގައިކަމާމެދު އޮތީ ނޭނގުމެކެވެ."







