ހުކުރައް ތިއްބައި ވަގަށް ނެގި 500 މީހުންނަށް ވީކިހިނެއް؟

ނައިޖީރިއާގެ ނައިޖަރ ސްޓޭޓްގެ ބޯރގޫ ސަރަހައްދުގެ މިސްކިތްތަކަކަށް ހަތިޔާރުއެޅި ޖަމާއަތަކުން ވަދެ، ހުކުރު ނަމާދުގައި ތިބި ގިނަ އަދަދެއްގެ މީހުން ރަހީނުކުރި ހާދިސާއަށް ތިން ދުވަސް ވެގެންދިޔައިރުވެސް، އޭގެ ތެރެއިން އެއްވެސް މީހަކު މިނިވަންވެފައި ނުވާކަމަށާއި، ރަހީނުކުރި މީހުންގެ އާއިލާތަކަށް އެއްވެސް މުއާމަލާތެއް ނުވަތަ ޝަރުތެއް އަދިވެސް ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ހާދިސާގައި ރަހީނުކޮށްފައިވާ މީހުންގެ ސައްހަ އަދަދެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި ކަށަވަރުކޮށްދީފައި ނުވިނަމަވެސް، ހަތިޔާރުއެޅި މީހުން ވަނީ 500 އަށްވުރެ ގިނަ މީހުން ވަގަށް ނަގާފައިވާ ކަން ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި، ރަހީނުކޮށްފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނޭކަމަށް ޓެރަރިސްޓުން ފަރާތުން ބުނެއެވެ.

ސަރަހައްދީ މަސްއޫލުވެރިއެއް ކަމަށްވާ އުމަރު އަބޫބަކުރު ވިދާޅުވި ގޮތުގައި، ހަމަލާދިން ގުރޫޕުން އެ ސަރަހައްދުގެ ހަތަރު އަވަށަކަށް ވަދެފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ގިނަ މީހުން ރަހީނުކޮށްފައިވަނީ "ދިކާރާ" އަވަށުގެ ބޮޑު މިސްކިތުންނެވެ. އެ އަވަށުގެ މިސްކިތުގެ އިމާމާއި އަވަށުގެ ވެރިޔާވެސް ރަހީނުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

މި ހަމަލާއާއެކު، ހަތިޔާރުއެޅި ގުރޫޕުން ވަނީ އެ ސަރަހައްދުގައި ހުރި ސޯލާ ހަކަތައިން ހިންގާ މުވާސަލާތީ އެންޓެނާތައް ހަލާކުކޮށްލާފައެވެ. މީގެ ސަބަބުން ސަލާމަތީ ބާރުތަކަށް މައުލޫމާތު ބަދަލުކުރުމަށާއި، ރައްދު ހަމަލާ ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ. ސަރަހައްދުގެ ނާމާންކަން ބޮޑުވުމުގެ ސަބަބުން 200 އަށްވުރެ ގިނަ އާންމުން ވަނީ އަވަށްޓެރި ބެނިން ރިޕަބްލިކަށް ފިލައިގެން ގޮސްފައެވެ. އަދި އިތުރު ގިނަ ބަޔަކު ވަނީ ކައިރީގައިވާ ކްވާރާ ސްޓޭޓަށް ހިޖުރަކޮށްފައެވެ.

ނައިޖަރ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ރަހީނުކުރި މީހުން ސަލާމަތްކުރުމަށްޓަކައި ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގެ މަގުތައް ހަލާކުވެފައިވުމާއި، އުމްރާނީ ވަސީލަތްތައް އޮތް ބިކަ ހާލުން ސަލާމަތީ ބާރުތަކަށް ކުރިއަށްދިއުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ރަހީނުކުރި މީހުން ނުރައްކަލަކާ ނުލައި ސަލާމަތްކުރުމަށް ނައިޖީރިއާ ސަރުކާރަށް ގޮވާލާފައެވެ. އެ މުއައްސަސާއިން ފާހަގަކުރި ގޮތުގައި، މި އަހަރުގެ ޖަނަވަރީން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް ނައިޖީރިއާއިން 1,100 އަށްވުރެ ގިނަ މީހުން ރަހީނުކޮށްފައިވެއެވެ. އަދި އިދިކޮޅު ހަތިޔާރުއެޅި ޖަމާއަތްތަކުން ރަހީނުކުރާ މީހުންނަށް އަނިޔާކުރުމާއި، ބަނޑަށް ޖެއްސުމުގެ އިތުރުން ޖިންސީ ގުޅުން ހިންގުމަށް މަޖުބޫރުކުރުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާކަން އެމްނެސްޓީން ވަނީ ފާހަގަކޮށްފައެވެ.

ނައިޖީރިއާގެ އުތުރާއި މެދުތެރޭގެ ސްޓޭޓްތަކުގައި މިފަދަ ސަލާމަތީ ނުރައްކާތައް ވަނީ ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހިއްސާ ކުރައްވާ!