ކެންޔާގެ ނާސްތާ ފަދިރީއަށް 190 ކުޑަކުދިން މެރުމުގެ ކުށް ސާބިތުވެއްޖެ

ކެންޔާގެ މޮމްބާސާގެ ހައިކޯޓުން، އަމިއްލައަށް ވަކާލާތުކުރި "ގުޑް ނިއުސް އިންޓަނޭޝަނަލް ޗާޗް" ގެ އިސްވެރިޔާ ޕޯލް މެކެންޒީ އާއި އޭނާގެ 28 ބައިވެރިއަކު، 190 ކުޑަކުދިންނާއި ބޮޑު މީހަކު ގަސްދުގައި މަރާލިކަމުގެ ކުށް ސާބިތުވާކަމަށް ނިންމައިފިއެވެ.

އަށް ގަޑިއިރަށްވުރެ ދިގުލައިގެން ދިޔަ ކޯޓު އަޑުއެހުމަކަށްފަހު، ގާޒީ ދިއާނާ ކަވެދްޒާ މޮޗާޗޭ އިއްވެވި ހުކުމުގައި، ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ދައުވާލިބޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. މި ހާދިސާއަކީ "ޝަކާހޯލާ ފޮރެސްޓް މެސަކަރ" ގެ ނަމުން މަޝްހޫރުވެ، މުޅި ސަރަހައްދުގެ ސިޔާސީ އަދި އިޖުތިމާއީ ހާލަތު ނުތަނަވަސްކުރުވި ޖަރީމާއެކެވެ.

ޕްރޮސެކިއުޓަރުން ކޯޓުގައި ބަޔާންކުރި ގޮތުގައި، މެކެންޒީ ވަނީ އޭނާގެ ބާރުގެ ދަށުގައިވާ 325 ހެކްޓަރުގެ ސަރަހައްދުގައި، މީހުން ބަނޑަށް ޖައްސައިފައެވެ. މީގެ ތެރޭގައި އެންމެ ފުރަތަމަ ކުޑަކުދިން، އޭގެފަހުން ޒުވާނުން އަދި އެއަށްފަހު އަންހެނުންނާއި ފިރިހެނުން ސުވަރުގެއަށް ދިއުމަށް  މަރުވާންޖެހޭނެ ކަމަށް ވަނީ އެމީހުންނަށް އަންގާފައެވެ. އޮޓޮޕްސީ ރިޕޯޓުތަކުން ދައްކާގޮތުގައި ގިނަ ކުދިން މަރުވެފައިވަނީ ބަނޑަށް ޖެހިގެންނާއި، ނޭވާހުއްޓިގެން އަދި ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

މި މައްސަލައިގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި 400 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ވަޅުލާފައިވަނިކޮށް ހޯދާފައެވެ. ކޯޓުގައި މައުލޫމާތު ދެމުން، އަނިޔާލިބުނު އާއިލާއެއްގެ މެންބަރަކު ބުނެފައިވަނީ، މިއީ މުޅި މުޖުތަމައަށް އިބުރަތަކަށްވާނެ ފަދަ ހުކުމެއް އަންނާނެ މައްސަލައެއް ކަމަށެވެ. މެކެންޒީގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

ހިއްސާ ކުރައްވާ!