އަންޖުއާން ޖަޒީރާގައި ހިންގާ ކެސިނޯ ނެޓްވޯކާ ދެކޮޅަށް އިނގިރޭސިވިލާތުގެ އެހީއަށް އެދެފި

އިންޑިއާ ކަނޑުގައި އޮންނަ ކޮމޮރޯސް އިއްތިހާދުގެ ޖަޒީރާ އެއް ކަމަށްވާ އަންޖުއާންގެ ނަން ނުބައިގޮތުގައި ބޭނުންކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގަމުންދާ އޮންލައިން ޖުވާކުޅޭ ޣައިރުގާނޫނީ ވިއުގައަކާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ކޮމޮރޯސް ސަރުކާރުން އިނގިރޭސިވިލާތުގެ ތަހުގީގީ އިދާރާތަކާއި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އިންޑިއާ ކަނޑުގެ އަމާންކަން ދެމެހެއްޓުމަށާއި، މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް ފަންޑުކުރުން ހުއްޓުވުމަށް ކޮމޮރޯސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭގޮތަށް ހިންގާ މި ނެޓްވޯކުން ދަނީ އަންޖުއާންގެ ސަރުކާރުގެ ނަމުގައި ޣައިރުގާނޫނީ ލައިސަންސް ވިއްކަމުންނެވެ. މި ހުއްދަތައް ދޫކުރަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ފިންޗްލީ ސަރަހައްދުގައި ހުންނަ "ޝަރމް ގްރޫޕް" އާއި "އޭސީއެސް ގްލޯބަލް ކަސްޓޯޑިއަން" ނަމަކަށްކިޔާ އާއިލީ ކުންފުންޏަކުން ކަން ވަނީ ތަހުގީގުތަކަށް ހާމަވެފައެވެ.

ކޮމޮރޯސްގެ މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައިވާ ގޮތުން، "އަންޖުއާން އޮފްޝޯ ފައިނޭންޝަލް އޮތޯރިޓީ" ގެ ނަމުގައި ވަގަށް އޮންލައިން ކެސިނޯތަކަށާއި، ކްރިޕްޓޯކަރަންސީ ވިޔަފާރިތަކަށް ލައިސަންސް ދޫކުރުމަކީ މުޅިން ބާތިލު އަދި ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ކަމެކެވެ. މިއީ ކޮމޮރޯސް ޖަޒީރާ ތަކުގެ ނަން ބޭނުންކޮށްގެން ގާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއް ކަމަށާއި، މި މައްސަލައިގައި އިނގިރޭސިވިލާތުގެ ރައްޔިތުންތަކެއް ބައިވެރިވާކަން ކަށަވަރުވެފައިވާތީ ބައިނަލްއަގުވާމީ އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމާއި ފުލުހުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.

އަންޖުއާންގެ ނަމުގައި ދޫކޮށްފައިވާ 1,500 އަށްވުރެ ގިނަ ލައިސަންސްގެ ދަށުން ހިންގާ އޮންލައިން ކެސިނޯތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގެ ކެސިނޯތައް ހިމެނެއެވެ. މީގެ ތެރޭގައި ލެސްޓާ ސިޓީ ފުޓްބޯޅަ ކްލަބްގެ ސްޕޮންސަރެއްގެ ގޮތުގައި އުޅުނު "ބީސީ.ގޭމް" އާއި، އެމީހުން އިޝްތިހާރުކުރާ "ބެޓްބޯލްޓް" އަދި "ސްލޮޓްސްޗާރމް" ފަދަ ވެބްސައިޓްތައް ހިމެނެއެވެ.

އިނގިރޭސި ކޯޕަރޭޓް ރެކޯޑުތަކުން ދައްކާގޮތުން، މި ލައިސަންސްތައް ވިއްކުމުގެ ފަހަތުގައިވަނީ ސޯސްކީ އާއިލާގެ އެލިއަޓް ސޯސްކީ އާއި އޭނާގެ ދަރިފުޅުއެވެ. "އަންޖުއާން ކޯޕަރޭޓް ސާވިސަސް" ގެ ނަމުގައި 19,000 އިނގިރޭސި ޕައުންޑަށް ލައިސަންސް ދޫކުރާ މި ކުންފުނީގެ ބޭންކު އެކައުންޓުގައި ހުރި ފައިސާގެ އަދަދު 2025 ވަނަ އަހަރުގެ ތެރޭގައި ވަނީ 13,000 ޕައުންޑުން 614,000 ޕައުންޑަށް އިތުރުވެފައެވެ. މިއީ ކެރީބިއަންގެ ކުރޫސާއޯ ފަދަ ސަރަހައްދުތަކުގައި ގަވާއިދުތައް ވަރުގަދަކުރުމުން، ރައްކާތެރިކަން ހޯދުމަށް އަންޖުއާންގެ ނަން ބޭނުންކުރި ކެސިނޯތަކުގެ ސަބަބުން އައި ބަދަލެއް ކަމަށް މާހިރުން ދެކެއެވެ.

ހިއްސާ ކުރައްވާ!