ވަގަށް ފެން ނެގުމާއި، ފެން މީޓަރުތަކަށް އޮޅުވާލައިގެން ނުވަތަ ހަލާކުކޮށްލައިގެން ފެން ބޭނުންކުރުމަކީ އިސްލާމްދީނުގައި މުޅިން ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ޖޯޑަންގެ ދީނީ ފަތުވާ ނެރޭ އެންމެ މަތީ އިދާރާ އިފްތާ ކައުންސިލް އިން، ކަނޑައަޅައިފިއެވެ.
އެ އިދާރާއިން ނެރުނު ފަތުވާއެއްގައި ބުނެފައިވަނީ، ދައުލަތުގެ ނުވަތަ އަމިއްލަ ކުންފުނިތަކުގެ ފެންވިއުގަތަކުން ވަގަށް ފެން ނެގުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި، އެއީ އާންމު ރައްޔިތުންގެ ހައްގަކަށް އަރައިގަތުން ކަމަށެވެ.
އިފްތާ ކައުންސިލުން ފާހަގަކުރި ގޮތުގައި، ފެނަކީ އެންމެހައި ދިރޭތަކެތީގެ އަސާސް ކަމަށްވާއިރު، ހާއްސަކޮށް ޖޯޑަން ފަދަ ފެނުގެ ވަސީލަތްތައް ދަތި ގައުމެއްގައި ފެން އިސްރާފުކުރުމާއި ވަގަށް ނެގުން ހުއްޓުވުމަކީ ފަރުދީ އަދި އިޖުތިމާއީ ޒިންމާއެކެވެ.
ކުންފުނިތަކުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ސާފުފެން ފޯރުކޮށްދެމުންދާއިރު، އެ ފެނަށް ފައިސާ ނުދައްކައި ވައްކަން ކުރުމަކީ "ޣުލޫލް" ނުވަތަ ވައްކަމުގެ ތެރޭގައި ހިމެނޭ ނުބައި އަމަލެކެވެ. އަދި އިސްލާމީ ޝަރީއަތުގައި އާންމު ފެނުގެ ވަސީލަތްތައް ބޭނުންކުރުމަށް އޮންނަ އުސޫލުތަކަކީ މިފަދަ ގޮތަކަށް ޕައިޕްލައިންތަކުން ވަގަށް ފެން ނެގުމަށް ހުއްދަދޭ އުސޫލުތަކެއް ނޫންކަން އިދާރާއިން ސާފުކޮށްދިނެވެ.
މި ފަތުވާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މާޒީގައި މިފަދަ އަމަލެއް ހިންގާފައިވާ މީހަކުނަމަ، އެކަމަށް ތައުބާވުމުގެ އިތުރުން ވަގަށް ނެގި ފެނުގެ މާލީ އުޖޫރަ އެ ފެން ފޯރުކޮށްދިން ކުންފުންޏަކަށް ދައްކަންޖެހޭނެއެވެ.
އާންމު މުދަލަށް އަރައިގަތުމަކީ އާޚިރަތްދުވަހު ގަދަފަދަ އަޒާބު ލިބޭނެ ކަމެއްކަން ހަނދާންކޮށްދެމުން، އިފްތާ ކައުންސިލުން ވަނީ ކޮންމެ މުސްލިމަކުވެސް ތެދުވެރިކަމާއެކު އާންމު ވަސީލަތްތަކަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.






