ފެންބޮޑުވުމުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް 1.62 ބިލިއަން ޑޮލަރުގެ ޕެކޭޖެއް އިޢުލާނުކޮށްފި

ފެންބޮޑުވުމުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނޭޕާލާއެކު ގުޅުންތައް އިތުރަށް ބަދަހިކުރުމަށްޓަކައި، 1.62 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕެކޭޖެއް ދިނުމަށް އިންޑިއާއިން ހޯމަ ދުވަހު އިޢުލާނުކޮށްފިއެވެ. އިންޑިއާއިން ވެދޭ އެންމެ ބޮޑެތި އެހީތަކުގެ ތެރޭގައި ހިމެނޭ މި ޕެކޭޖު އިޢުލާނު ކޮށްފައިވަނީ، ނޭޕާލުގެ ބޮޑުވަޒީރު ބާލެންދްރަ ޝާހް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިއުދިއްލީގައި ބޭއްވެވި މަޝްވަރާތަކަށް ފަހުގައެވެ.

މިއީ މިދިޔަ މާރިޗު މަހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޝާހް ނިއުދިއްލީއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އިންޑިއާއިން މި އެހީ ހަމަޖައްސާފައި ވަނީ ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ. އެ ހާދިސާގައި ގާތްގަނޑަކަށް 1,500 މީހުން މަރުވެ، 5,200 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބެލެވެއެވެ. އަދި އެ ފެން ބޮޑުވުމުގައި މަގުތަކާއި ބްރިޖްތަކާއި ސްކޫލްތަކާއި ގެދޮރު އަދި ދިރިއުޅުމުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އިންޑިއާގެ ބޮޑު ވަޒިރު ވިދާޅުވީ މި އިޤްތިޞާދީ ޕެކޭޖުގެ މައިގަނޑު މަޤްޞަދަކީ ނޭޕާލު އަލުން އާރާސްތުކުރުމާއި ދުރުރާސްތާ ތަރައްޤީއަށް އާ ހަކަތައެއް ދިނުން ކަމަށެވެ. "އަޅުގަނޑުމެންގެ ޢަޒުމަކީ އަސަރުކޮށްފައިވާ ޢާއިލާތަކަށް އެމީހުންގެ ދިރިއުޅުން އަލުން ހަމަޖައްސައިދީ، އާ ފުރުސަތުތައް އުފައްދައި، ކުރިއަށް އޮތް ތާނގައި ކާރިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން ނޭޕާލުގައި އިތުރަށް ވަރުގަދަކޮށްދިނުން،" މޯދީ ވިދާޅުވިއެވެ.

ދެ ގައުމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ޕެކޭޖުގެ ދަށުން ކާރިސާއަށް ފަހު އަލުން އާރާސްތުކުރުމާއި އާ އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކަށް 377 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހަމަޖައްސާފައި ވެއެވެ. މީގެ އިތުރުން، ހަކަތައިގެ މަޝްރޫޢުތަކަށް 1.24 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް އިންޑިއާއިން ހަމަޖައްސައިދޭނެއެވެ. ތަރައްޤީގެ އެހީ ފޯރުކޮށްދޭނެ އުސޫލުތަކާއި ވަކިވަކި މަޝްރޫޢުތައް ކަނޑައަޅާނީ ދެ ފަރާތުގެ މަޝްވަރާގެ މަތިން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ އޮގަސްޓު މަހު އައި ފެންބޮޑުވުމުގެ ސަބަބުން ނޭޕާލުގެ ހައިޑްރޯޕަވަރ ދާއިރާއަށް ބޮޑު ގެއްލުމެއް ލިބުނެވެ. އެ ދާއިރާގެ އެތައް މަޝްރޫޢުތަކެއް ހަލާކުވެ، އެ ގައުމުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަމުގެ ގާތްގަނޑަކަށް 10 އިންސައްތަ ވަނީ ގެއްލިފައެވެ. އެކަމާ ގުޅިގެން ކަރަންޓު އެކްސްޕޯޓުކުރުން ހުއްޓާލައި، އެތެރޭގެ ބޭނުންތައް ފުއްދުމަށް އިންޑިއާގެ އެހީއަށް ބަރޯސާވާން ޖެހުނެވެ.

އިންޑިއާ އާއި ޗައިނާގެ މެދުގައި އޮންނަ މި ފަޤީރު ގައުމުގެ ފެންބޮޑުވުމަށް ފަހު އަލުން އާރާސްތުކުރުމަށް ބޭނުންވާ މިންވަރަކީ ނޭޕާލްގެ ޖީޑީޕީގެ ގާތްގަނޑަކަށް 10 އިންސައްތަ ކަމަށް ލަފާ ކޮށްފައި ވެއެވެ. އަދި، ހިލޭ އެހީގެ ގޮތުގައި ބައިނަލްއަޤްވާމީ އެހީ ހޯދުމަށް މިދިޔަ ސެޕްޓެމްބަރު މަހު އދ ގެ ޢާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ޝާހް ވަނީ މިކަން އުނިޔޭގެ ސަމާލުކަމަށް ގެންނަވާފައެވެ. ޤުދުރަތީ ކާރިސާތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި އަބަދުވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި އިންޑިއާ ދެމިއޮތް ކަމަށް ނިއުދިއްލީގައި ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވިއެެވެ.

ނޭޕާލުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާގެ އިތުރުން، އެ ގައުމަށް އެންމެ ގިނަ އެހީ ދޭ އެއް ގައުމު ކަމަށްވާ އިންޑިއާއިން ވަނީ ފެންބޮޑުވުމަށް ފަހު ނޭޕާލަށް ދީލަތިކޮށް އެހީ ދީފައެވެ. ނޭޕާލްގެ ލައްކައަކަށް ވުރެ ގިނަ ނޭޕާލު ރައްޔިތުންނަށް އިންޑިއާގައި ދިރިއުޅެ، މަސައްކަތްކުރުމުގެ ފުރުސަތު ލިބިދީފައި ވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސަޤާފީ، އިޤްތިޞާދީ އަދި ރައްޔިތުންގެ މެދުގައި ޒަމާންވީ ގުޅުންތަކެއް އޮވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ތަޢުލީމާއި ދިރާސާ، ސެޓެލައިޓް މުވާޞަލާތު، އަދި ދެމެހެއްޓެނިވި ސިޓީތައް ތަރައްޤީކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުންތަކުގައި އިންޑިއާ އާއި ނޭޕާލުން ވަނީ ސޮއިކޮށްފައެވެ. އަދި ދެ ގައުމު ގުޅުވައިދޭ ރޭލު ދަތުރުގެ ގުޅުން ދެ ލީޑަރުން ގުޅިގެން ވަނީ އިފްތިތާޙު ކޮށްދެއްވާފައެވެ.

ހިއްސާ ކުރައްވާ!