ޕާކިސްތާނުގެ ރިއަލް އިފެކްޓިވް އެކްސްޗޭންޖް ރޭޓް (ރީއަރ) ވަނީ 110 އަށް އަރާފައެވެ. އެކަމާ ގުޅިގެން އިގްތިސާދީ މާހިރުން ވަނީ މިހާރު ރުޕީސްގެ އަގު "މަޞްނޫޢީ ގޮތެއްގައި" ސަރުކާރުން ހިފަހައްޓަމުންދާ ކަމަށެވެ. ލާހޯރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސް (ލަމްސް) ގައި ސިޔާސަތާއި ސޮސިއޮލޮޖީ ކިޔަވައިދެއްވާ ޖާވީދު ލިޔުއްވާފައިވާ ތަހުލީލީ ލިޔުމެއްގައި، ޕާކިސްތާނުގެ އިޤްތިޞާދުގެ ދެމެހެއްޓެނިވި ކުރިއެރުމުގެ މިންވަރު މިހާރު ހުރީ އަހަރަކު ގާތްގަނޑަކަށް 4 އިންސައްތައިގައި ކަމަށް ލަފާ ކުރައްވައެވެ. އޭގެ ތެރެއިން 2.5 އިންސައްތަކީ އާބާދީ އިތުރުވުމުގެ ސަބަބުން އަންނަ ކުރިއެރުމެއް ކަމަށް ފާހަގަ ކުރައްވާފައިވެއެވެ.
ރީއަރ އަކީ ވިޔަފާރީގެ ބައިވެރިންނާ އަޅާބަލާއިރު އަގުތަކަށް އަންނަ ބަދަލުތަކަށް ބަލައި ނޮމިނަލް އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތައް ބަލާ މިންގަނޑެކެވެ. ނަމަވެސް، އެއީ އިޤްތިޞާދީ ހާލަތު ވަޒަންކުރުމަށް އޮތް ހަމައެކަނި މިންގަނޑެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ޑރ. ޢިޝްރަތު ޙުސައިން ގެނެސް ދެއްވި ތަހުލީލެއްގައި ވިދާޅުވެފައިވާ ގޮތުގައި، ރީއަރގެ ބޭނުމަކީ ވަކި މިންވަރެއްގެ ތެރޭގައި އަގު ހަމަޖައްސާފައި ބޭއްވުމެވެ. އަދި ޕާކިސްތާންގެ ބެލެންސް އޮފް ޕޭމަންޓްސްގެ ދެމެހެއްޓެނިކަމާއި، ވިޔަފާރި ނޫން ގޮތްގޮތުން ލިބޭ ބޭރު ފައިސާ އާއި، ކޮލިޓީ އާއި ޓެކްނޮލޮޖީ އާއި އުފެއްދުންތެރިކަމުގެ ޒަރީޢާއިން ވާދަކުރުމުގެ ޤާބިލުކަމާ ބެހޭ މާ ގިނަ މަޢުލޫމާތެއް ރީއަރ އިން ނުލިބޭ ކަމަށް ޑރ. ޙުސައިން ފާހަގަކުރައްވާފައިވެއެވެ.
ޕާކިސްތާންގެ މިހާރުގެ އިޤްތިޞާދީ މަސްރަހަށް ބަލާއިރު، ކަރަންޓު އެކައުންޓުގައި ކުޑަ ސާޕްލަސްއެއް އޮވެއެވެ. އަދި މަރުކަޒީ ބޭންކުން ޑޮލަރު ވިއްކުމުގެ ބަދަލުގައި ކޮންމެ މަހަކު ވެސް އޯޕަން މާކެޓުން ޑޮލަރު ގަންނަމުން ދެއެވެ. ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން ދިއުމުގެ އިތުރުން އިންޓަބޭންކް އަދި އޯޕަން މާކެޓް ރޭޓުގެ ފަރަޤު ކުޑ ކޮށްލެވެއެވެ. އެހެންވެ ރުޕީސްއަށް މިހާރު ހުރި ރޭޓުގައި ކުއްލި މައްސަލައެއް ނެތްކަން އިޝްރަތު ހުސައިން ދެކެވަޑައިގަންނަވައެވެ.
ރުޕީސްގެ އަގު މިހާރު ހުރި ހިސާބުގައި ހިފެހެއްޓިފައިވަނީ، އެކްސްޕޯޓުން ލިބޭ ކުރިއެރުމުންނާއި ބޭރުގައި އުޅޭ މީހުން ފޮނުވާ ފައިސާ އިތުރުވުމާއި، ހަޤީޤީ އިންޓްރެސްޓް ރޭޓް ޕޮޒިޓިވް ވުމާއި، އިމްޕޯޓަށް ޚާއްސަ އިދާރީ ފިޔަވަޅުތަކެއް އަޅާފައިވުމުގެ އިތުރުން، އެހެން ފައިސާތަކާ އަޅާބަލާއިރު ޑޮލަރުގެ ނިސްބަތް އޮތް ގޮތުގެ ސަބަބުންނެވެ.
ޕާކިސްތާންގެ މިހާރުގެ އުފެއްދުންތެރިކަން އުޅެނީ 4 އިންސައްތައިގައެވެ. އަދި އިގްތިސާދީ މާހިރުން ގެންދަނީ އެކްސްޕޯޓުގެ ވާދަވެރިކަން އިތުރުކުރުމަށްޓަކައި ފައިސާގެ އަގު މަޑުމަޑުން ދަށްކުރުމަށް ބާރުއަޅަމުންނެވެ. އެކްސްޕޯޓުން ބާރުލިބިގެން ކުރިއެރުން ހޯދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއެކު، ފައިސާގެ އަގު ދަށްކުރުމާއި އިމްޕޯޓު ހުޅުވާލުމަކީ އެންމެ ހަމަޖެހޭ ގޮތް ކަމަށް ބެލެވެއެވެ. ނަމަވެސް، ފާއިތުވި 20 އަހަރު ތެރޭގައި ސަރުކާރުގެ ލިޔެކިޔުންތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ރިޕޯޓުތަކުގައި މި ލަފާ ތަކުރާރުކޮށް ދީފައިވާއިރު، އެކަން އެއްކޮށް ތަންފީޒު ކޮށްފައި ނުވުމަކީ ސިޔާސީ އިޤްތިޞާދުގެ މައްސަލައެކެވެ. ސަރުކާރުން ޢަމަލީ ގޮތުން އެކްސްޕޯޓަރުންނަށް ވުރެ އިމްޕޯޓަރުންނަށް އިސްކަންދީ، އަދި އެކި ދުވަސްވަރު އިގްތިސާދު ހހަމައަކަށް އެޅުވުމަށް އެކި މަގު އިޚުތިޔާރު ކުރެއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ވިޔަފާރީގެ ތެރެއަށް ފައިދާހުރި ގޮތެއްގައި ވަނުމުގެ ފުރުސަތު ޕާކިސްތާނަށް އެއްކޮށް ގެއްލިފައިވުމަކީ ވެސް އޮތް ނުރައްކަލެކެވެ. 20 ވަނަ ޤަރުނުގެ މެދުތެރެއިން ފެށިގެން ތަރައްޤީވަމުން އަންނަ ގައުމުތަކުގެ އިޤްތިޞާދީ ތަރައްޤީގެ ސްޓްރެޓެޖީ ތިން މަރުހަލާއެއް ހުރަސްކޮށްފައިވާއިރު، 1990 ގެ އަހަރުތަކުން ފެށިގެން އެކްސްޕޯޓު ސްޓްރެޓެޖީ މެދުވެރިކޮށް ގްލޯބަލް ވެލިއު ޗެއިންތަކާ ގުޅުމަށް ޕާކިސްތާނުން ކުރި މަސައްކަތްތަކުގައި ލިބުނު ކާމިޔާބީ ވަރަށް ކުޑައެވެ. ޓެކްސްޓައިލް ދާއިރާގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނު ނަމަވެސް، އިންސާނީ ވަސީލަތް ތަރައްޤީނުވުމާއި، ހަކަތައިގެ ދާއިރާގެ މައްސަލަތަކާއި، ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އަގުހެޔޮ މަސައްކަތްތެރިން ލިބުމުގެ ޤުދުރަތީ ފައިދާ ޕާކިސްތާނަށް ވަނީ ގެއްލިފައެވެ.
ހަމައެހެންމެ، ޤައުމުތަކުގެ އެތެރޭގެ ސިނާޢަތްތަކަށް އިސްކަންދިނުމާއި، ޓެރިފްތައް އިތުރުވުމާއި، ޖިއޮޕޮލިޓިކަލް ބައިބައިވުންތަކުގެ ސަބަބުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ މުސްތަޤްބަލު ވެސް އޮތީ ނާމާން ހާލަތެއްގައެވެ. އެހެންކަމުން، ޕާކިސްތާނުގެ މަސައްކަތްތެރިންނާއި ރައުސުލްމާލު އެކުލަވާލައިގެން ވަޒީފާ އުފައްދައި، ފަޤީރުކަން ނައްތާލުމަށް މިހާރު އޮތް 4 އިންސައްތައިގެ ކުރިއެރުމުން އަރައިގަތުމަށް އެހެން ސްޓްރެޓެޖީއެއް އޮތްތޯ ޖާވީދު ވަނީ ސުވާލު ކުރައްވާފައެވެ.





