ޔުކްރޭން ހަނގުރާމައަށް އެފްރިކާއިން ކުލީ ސިފައިން ހޯދަންފަށައިފި

ޔުކްރޭން ގައި ކުރަމުންދާ ހަނގުރާމައިގައި ގެއްލެމުންދާ ސިފައިންގެ އަދަދު މަދު ކުރުމަށްތަކައި ބުރުންޑީ އާއި ޒިމްބާބްވޭ ފަދަ އާފްރިކާގެ ގައުމުތަކުން ކުލީ ސިފައިން ހޯދުމުގެ މަސައްކަތް ރަޝިޔާއިން ފުޅާކޮށްފި ކަމަށް ޔުކްރޭންގެ އިންޓެލިޖެންސް ދިރާސާތަކާ ހަވާލާދީ ބްލޫމްބާގްއިން ރިޕޯޓުކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ކެންޔާ އާއި ދެކުނު އާފްރިކާ ފަދަ ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުން ރަޝިޔާ ސިފައިންގެ ތެރެއަށް ވަނުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ.

ޔުކްރޭންގެ ދިރާސާތަކުން ހާމަވާ ގޮތުގައި، ބުރުންޑީގެ 700 އެއްހާ މީހުންނާއި ޒިމްބާބްވޭގެ 530 މީހަކު ވަނީ ރަޝިޔާ އަށް ކުލީ ސިފައިންގެ ގޮތުގައި އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ސަރަހައްދީ ހަނގުރާމައިގެ މައިދާން ގައި ހަރަކާތްތެރިވާ އާފްރިކާގެ 5,400 އަށްވުރެ ގިނަ މީހުން ރަޝިޔާގެ އަސްކަރީ ޚިދުމަތާ ގުޅިފައިވާކަން ފާހަގަކުރެވިފައި ވެއެވެ.

ކެމަރޫން، އަދި ޑިޮމޮކްރެޓިކް ރިޕްބްލިކް އޮފް ކޮންގޯ ސިއެރާ ލިއޯން އަދި ސޫދާން ފަދަ ގައުމުތަކުންވެސް ކުލީ ސިފައިން ރެކްރޫޓްކުރާ މިންވަރު ވަނީ މަތިވެފައެވެ. އދ އިން ނެރުނު އާ ރިޕޯޓެއްގައި ބުނެފައިވަނީ، އޮޅުވާލުމާއި މަޖުބޫރުކޮށްގެން 29 ގައުމަކުން މީހުން ގެންގޮސްގެން ރަޝިޔާ ސިފައިންގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ.

މި މައުލޫމާތުތައް އާންމުވެފައިވަނީ މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަޝިޔާ-އާފްރިކާ ސަމިޓް ގެ ކުރީ ދުވަހުއެވެ. މި ސަމިޓުގައި ރަޝިޔާގެ ރައީސް ވްލާދިމީރު ޕޫޓިން އަމާޒުކުރައްވަނީ އެފްރިކާ ބައްރާއެކު އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ފުޅާކުރެއްވުމަށެވެ. އެފްރިކާގެ ރައްޔިތުން ޣައިރުގާނޫނީ ގޮތެއްގައި ސިފައިންގެ ތެރެއަށް ރެކްރޫޓްކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ޕޫޓިން ގެ ސަރުކާރުން ތަކުރާރުކޮށް ދޮގުކުރި ނަމަވެސް، މި މައްސަލައިގެ ސަބަބުން އެފްރިކާގެ ބައެއް ގައުމުތަކުގެ ސަރުކާރުތަކާއެކު ވަނީ ޚިލާފުތައް އުފެދިފައެވެ.

ހިއްސާ ކުރައްވާ!