އިސްރާއީލުގެ އިންތިޚާބުގެ ކުރިން އީރާނަށް ހަމަލަ ދޭން އުޅެނިކޮށް އެމެރިކާއިން ހުއްޓުވި ކަން އެނގިއްޖެ

ޔަހޫދީންގެ ޤައުުގައި އޮކްޓޫބަރު 27 ގައި ބޭއްވި އާންމު އިންތިޚާބުގެ ކުރީ ދުވަހު، އީރާނާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ހިންގުމަށް ނަތަންޔާހޫ އާއި މޮސާޑުގެ ވެރިޔާ ރޯމަން ގޯފްމަން ރޭއްވި ނަމަވެސް، އެމެރިކާއަށް އެކަން ހުއްޓާލުމަށް އިންޒާރު ދިނުމާ ގުޅިގެން އެ އޮޕަރޭޝަން ހުއްޓުވާފައިވާ ކަމަށް އިސްރާއީލުގެ ޗެނަލް 12 ނޫހުން ރިޕޯޓުކޮށްފިއެވެ.

އިސްރާއީލުގެ ސިފައިންގެ ސެންސަރުޝިޕް ގަވާއިދުތަކުގެ ތެރެއިން ޝާއިއުކުރި މި ރިޕޯޓުގައިވާ ގޮތުން، ނަތަންޔާހޫ ރޭވި މި އޮޕަރޭޝަނަށް އިސްރާއީލުގެ ސަލާމަތީ އިދާރާތަކުގެ އިސް އޮފިޝަލުންނާއި ސިފައިންގެ ވެރިޔާ އީޔާލް ޒާމީރު ތާއީދެއް ނުކުރައްވައެވެ. ސަލާމަތީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރީ މިފަދަ ހަމަލާއެއްގެ ސަބަބުން މުޅި ސިޔާސީ މަސްރަހު އިތުރަށް ގޯސްވެ، ތާވަލާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެން ދާނެތީއެވެ.

މި ރޭވުން ކުރިއަށް ގެންދަނިކޮށް، އިސްރާއީލުގެ ސަލާމަތީ އޮފިޝަލަކަށް ހެދުނު ގޯހަކުން މި މައުލޫމާތު ވަނީ ވޮޝިންގޓަންއަށް ލީކުވެފައެވެ. އެއާއެކު އެމެރިކާއިން ވަނީ ސީދާ އިސްރާއީލުގެ ވެރިންނަށް ފިއްތުންތައް ކުރިމަތިކުރުވައި، އަވަސް ފިޔަވަޅުތަކެއް އަޅައިގެން އެ އޮޕަރޭޝަން މުޅިން ހުއްޓުވާފައެވެ.

މި ރިޕޯޓުތައް ބޮޑުވަޒީރުގެ އޮފީހުން ވަނީ މުޅިން ދޮގުކޮށްފައެވެ. ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އިންތިޚާބުގެ ކުރިން އީރާނަށް ހަމަލާއެއް ދިނުމަކީ އެޖެންޑާގައި އޮތް ކަމެއް ނޫން ކަމަށް ބޮޑުވަޒީރު ސާފުކޮށް ބުނެފައިވާ ކަމަށެވެ.

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އެހޫދް ބަރާކްވެސް ވަނީ ނަތަންޔާހޫ ސިފައިންގެ ވެރިޔާއަށް ނޭނގި މޮސާޑު މެދުވެރިކޮށް އީރާނާ ދެކޮޅަށް ނުރައްކާތެރި ހަމަލައެއް ދޭން ރާވަމުންދިޔަ ކަމަށް ތުހުމަތުކުރައްވާފައެވެ. އިންތިޚާބުގެ ކުރިންވެސް ނަތަންޔާހޫ އާއި ސިފައިންގެ ވެރިޔާ ޒާމީރުއާ ދެމެދު އީރާނުގެ މައްސަލައިގައި ބޮޑެތި ޚިޔާލު ޚިލާފުވުންތަކެއް އުފެދި، މުޅި ސަރުކާރުގެ ތެރޭގައި މަސްރަހު ހޫނުވި ކަމަށް ޚަބަރުތައް ފެތުރުނެވެ.

މި ޚަބަރުތައް ފެންމަތިވެފައި މިވަނީ އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ޤަޠަރު މެދުވެރިކޮށް ޑިޕްލޮމެޓިކް މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު ދެކެވޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ޑިޕްލޮމެޓިކް ހައްލަކަށް ފުރުޞަތު ދޭން ބޭނުންވާ ކަމަށެވެ.

ހިއްސާ ކުރައްވާ!