ޣައްޒާއިން ކަފުން ހުސްވެއްޖެ

ފަލަސްޠީނުގެ ޣައްޒާ ގެ ދެކުނުގައިވާ ޚާން ޔޫނުސްގެ ނާޞިރު މެޑިކަލް ކޮމްޕްލެކްސްގެ މޯޗަރީގައި މައްޔިތުން ހިނވައި ކަފުންކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން، ކަފުން ކުރުމުގެ ސާމާނު ހުސްވެފައިވާ ކަމުގެ އިންޒާރު ދީފިއެވެ. އިސްރާއީލުން ޣައްޒާއަށް ތަކެތި އެތެރެކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހާރު ބާކީ ހުރި ކަފުންކޮޅުވެސް މުޅިން ހުސްވާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މޯޗަރީގައި މައްޔިތުން ހިނެވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިބްރާހީމް އިޞްލީޙް ބަޔާންކުރި ގޮތުގައި، މިހާރު ހުރި ކަފުނުން ފުދޭނީ މަދު ދުވަސްކޮޅަކަށެވެ. އެހީދޭ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުންނާއި ކަމާބެހޭ އިދާރާތަކުން އިސްނަގައިގެން އަވަސް ހައްލެއް ނުހޯދައިދީފިނަމަ، މައްޔިތުން ކަފުނާ ނުލައި ވަޅުލަން ޖެހިދާނެ ކަމަށް އޭނާ ބުނެއެވެ.

ކަފުނުގެ އިތުރުން ސާބޫނާއި، ކާފޫރު ފަދަ ހިނަވާގޭގައި ބޭނުންކުރާ އަސާސީ ސާމާނުވެސް ވަނީ މަދުވެފައެވެ.

ޖަމާއަތްތެރިއަކަށް އުޅޭ ޠާފިޝް އަބޫ ޙަޠަބް ބުނި ގޮތުގައި، ހަނގުރާމައިގެ ކުރީގެ މަރުޙަލާތަކުގައިވެސް ކަފުން ނުލިބިގެން ކާޕެޓާއި ކުނަލުގައި އޮޅައި މީހުން ވަޅުލި ޙާލަތްތައް މެދުވެރި ވެފައި ވެއެވެ.

ޣައްޒާގައި މިހާރު މައްޔިތަކު ކަފުންކޮށް ތައްޔާރުކުރުމުގެ ޚަރަދުވެސް ބޮޑު ވެފައި ވެއެވެ. އެގޮތުން މިހާރު ހިނަވައި ކަފުންކޮށް ވަޅުލުމާ ހަމައަށް 300 އެމެރިކާ ޑޮލަރު ހޭދަވާ ކަމަށް ބުނެއެވެ.

ޔަހޫދީ ބޭފުޅުން ދެއްވާ ޖެނޮސައިޑް ހަމަތަކުގައި ދުވާލަކު އެވްރެޖްކޮށް 7 އާއި 8 އާ ދެމެދުގެ އަދަދަކަށް މީހުން ޝަހީދު ކޮށްލެވެއެވެ.

ހިއްސާ ކުރައްވާ!