ޕާކިސްތާންގައި ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރާ މިންވަރު މަދުވެއްޖެ

ހިނގަމުންދާ މާލީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕާކިްތާންގެ ބަޖެޓު 0.8 އިންސައްތައިގެ ސާޕްލަސްއެއްގައި އޮތް ނަމަވެސް، މާލީ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ޕަބްލިކް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޕީއެސްޑީޕީ) ގެ ދަށުން ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދު ކޮށްފައިވަނީ ބަޖެޓުގެ އެންމެ 10 އިންސައްތަކަން  ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ޕާކިސްތާނުގެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، 2026-27 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ޕީއެސްޑީޕީގެ ދަށުން ކޮށްފައިވާ ޖުމްލަ ޚަރަދަކީ 103.87 ބިލިއަން ރުޕީސްއެވެ. މިއީ މުޅި އަހަރަށް ކަނޑައެޅިފައިވާ 1 ޓްރިލިއަން ރުޕީސްގެ ބަޖެޓުގެ އެންމެ 10.4 އިންސައްތައެވެ.

ޕްލޭނިންގ ކޮމިޝަނުން ފުރަތަމަ ހަތަރު މަހުގެ ތެރޭގައި 412.3 ބިލިއަން ރުޕީސް ދޫކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް، ޢަމަލީ ގޮތުން ޚަރަދުކުރި މިންވަރު އުޅެނީ އޭގެ ތިންބައިކުޅަ އެއްބަޔަށްވުރެވެސް ދަށުގައެވެ.

އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި އިޤްތިޞާދީ ކުރިއެރުމަށް ސީދާ އަސަރުކުރާ މިފަދަ މަޝްރޫޢުތަކަށް ފައިސާ ޚަރަދުނުކުރެވި މަޑުޖެހިފައިވާއިރު، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ފައިސާ ބޭނުންކޮށްފައިވަނީ މަދު މިންވަރަކަށެވެ.

ސަރުކާރުގެ 33 ވުޒާރާއަކާއި އިދާރާތަކުން ޖުމްލަ ޚަރަދުކޮށްފައިވަނީ 74.65 ބިލިއަން ރުޕީސްއެވެ. މިއީ އެ ފަރާތްތަކަށް ކަނޑައެޅުނު 682 ބިލިއަން ރުޕީސްގެ ބަޖެޓުގެ 11 އިންސައްތައެވެ.

އިންފްރާސްޓްރަކްޗަރ އާ ގުޅޭ މުހިންމު ދާއިރާތައް ކަމަށްވާ ނޭޝަނަލް ހައިވޭ އޮތޯރިޓީ (އެންއެޗްއޭ) އާއި ކަރަންޓުގެ ދާއިރާއަށް ކަނޑައެޅުނު 313 ބިލިއަން ރުޕީސްގެ ތެރެއިން ޚަރަދުކުރީ އެންމެ 29 ބިލިއަން ރުޕީސް  9.3 އިންސައްތައެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ކަނޑައަޅާފައިވާ މާލީ އަމާޒުތަކަށް ވާސިލުވުމަށްޓަކައި، އާމްދަނީ ލިބޭ މިންވަރު ދަށްވެއްޖެ ޙާލަތެއްގައި ތަރައްޤީގެ ބަޖެޓުން އުނިކޮށްގެން މާލީ ހަމަޖެހުން ދެމެހެއްޓުމަށް ފިނޭންސް މިނިސްޓްރީން ވަނީ ޚާއްސަ އުސޫލެއް އެކުލަވާލާފައެވެ.

މި އުސޫލުގެ ދަށުން ފުރަތަމަ ކުއާޓަރުގައި ބަޖެޓުގެ 15 އިންސައްތަ ދޫކުރަންޖެހޭއިރު، ޕްލޭނިންގ ކޮމިޝަނުން 303 ބިލިއަން ރުޕީސް ދޫކުރުމުގެ ހުއްދަ ދިން ނަމަވެސް، ސަރުކާރުގެ އިދާރާތަކަށް އެ ފައިސާ ޢަމަލީ މަސައްކަތްތަކަށް ބޭނުންކުރެވިފައެއް ނުވެއެވެ.

ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި 1 ބިލިއަން ރުޕީސްއަށްވުރެ އިތުރަށް ޚަރަދު ކޮށްފައި ވަނީ އެންމެ އަށް ވުޒާރާއަކުންނެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ 18.7 ބިލިއަން ރުޕީސް (18 އިންސައްތަ) ޚަރަދުކުރި ވޯޓަރ ރިސޯސަސް ޑިވިޜަނުންނެވެ. އަދި ނޭޝަނަލް ހެލްތު ސަރވިސަސް ޑިވިޜަނުން ވަނީ އެ ފަރާތަށް ކަނޑައެޅި 16 ބިލިއަން ރުޕީސްގެ ތެރެއިން 6.6 ބިލިއަން ރުޕީސް (41 އިންސައްތަ) ޚަރަދުކޮށް، ކަނޑައެޅުނު އަމާޒަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ.

ނަމަވެސް، މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ ބޮޑު ޤައުމެއްގެ ގޮތުގައި ޕާކިސްތާނު އޮތްއިރު، ކްލައިމެޓް ޗޭންޖް ޑިވިޜަނަށް ކަނޑައެޅުނު 2.5 ބިލިއަން ރުޕީސްގެ ތެރެއިން ޚަރަދުކުރެވުނީ އެންމެ 259 މިލިއަން ރުޕީސްއެވެ. އަދި ނޭޝަނަލް ފުޑް ސެކިއުރިޓީ މިނިސްޓްރީން 4.2 ބިލިއަން ރުޕީސްގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ 1.5 އިންސައްތައަށްވުރެ ކުޑަ މިންވަރެކެވެ.

ކޮމަރސް، ކޮމިއުނިކޭޝަން، ޕެޓްރޯލިއަމް އަދި ޕްރައިވެޓައިޒޭޝަން ފަދަ 6 ވުޒާރާއަކުން ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތަކަށް އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!