ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގެ ސިޔާސީ މަސްރަހު ގޯސްވެ، އެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާއެކު ގަވަރުނަރުގެ ވެރިކަން ހިންގަން ފަށައިފިއެވެ. އިދިކޮޅު ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ބާއްވަމުންދާ ވަރުގަދަ މުޒާހަރާތަކާއި ގުޅިގެން ރައީސް އާސިފް އަލީ ޒަރުދާރީ ސޮއިކުރެއްވި ޚާއްސަ ގަރާރަކުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އެ ސަރަހައްދުގެ ވެރުކަން ކުރާ ޕާޓީން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުންނެވެ.
ޕާކިސްތާނުގެ ގާނޫނީ އޮނިގަނޑުގައިވާ ގޮތުން، ގާނޫނުއަސާސީގެ 232 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރެވޭނީ ޚާއްސަ ހާލަތްތަކެއްގައެވެ. އެއީ ޚާރިޖީ އުދުވާނެއްގެ ސަބަބުން ނުވަތަ އެތެރޭގެ ބޮޑު ހަމަނުޖެހުމެއްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައެވެ. އެ މާއްދާގެ ދަށުން ޕްރޮވިންސް ސަރުކާރުގެ ބާރުގެ ދަށުން ކަންކަން ނުބެލެހެއްޓޭ ހާލަތުގައި، އެ ސަރަހައްދެއްގެ ގާނޫނު ހަދާ މަޖިލީހުގެ ގަރާރަކާއެކު ނުވަތަ ރައީސް އަމިއްލަފުޅަށް އިސްނަންގަވައިގެން ކުއްލި ހާލަތު އިޢުލާނުކުރެވެއެވެ. ރައީސް އަމިއްލައަށް މި ފިޔަވަޅު އަޅުއްވައިފިނަމަ، 10 ދުވަހުގެ ތެރޭގައި ގާނޫނުހަދާ މަޖިލީހުގެ ދެ ގޭގެ ތާއީދު ހޯދަންޖެހެއެވެ.
މީގެއިތުރުން، ގާނޫނުއަސާސީގެ 234 ވަނަ މާއްދާގެ ދަށުން ގަވަރުނަރުގެ ވެރިކަން ގާއިމު ކުރަން ވާނީ ޕްރޮވިންސްގެ ގާނޫނީ ނިޒާމު މުޅިން ހުއްޓުމަކަށް އައުމުން، ގަވަރުނަރުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. މިފަދަ ގަރާރެއް މަޖިލީހުގެ ގުޅޭ ޖަލްސާއަކަށް ހުށަހެޅޭނެއިރު، ދެ މަސްދުވަހުގެ ތެރޭގައި އެގަރާރު ފާސް ނުކޮށްފިނަމަ ބާތިލުވާނެއެވެ. އަދި އެންމެ ދިގުވެގެންވެސް ގަވަރުނަރުގެ ވެރިކަން ދެމެހެއްޓޭނީ ގިނަވެގެން ހަ މަސްދުވަހުގެ މުއްދަތަށެވެ. ނަމަވެސް، އާންމުންގެ އަސާސީ ހައްގުތައް ހިފެހެއްޓުމަށް ބާރުލިބޭ 233 ވަނަ މާއްދާގެ ބޭނުން ރައީސް ޒަރުދާރީގެ އަމުރުގައި ހިފާފައިނުވާކަން ފާހަގަކުރެވެއެވެ.
ޕާޚިސްތާންގެ ސިޔާސީ މަސްރަހު އިތުރަށް ގޯސްވެގެން ގޮސްފައިވަނީ އިދިކޮޅު އިސް ލީޑަރުން ހައްޔަރުކުރަން ފެށުމުންނެވެ. ޚައިބަރު ޕްރޮވިންސްގެ އިންފޮމޭޝަން މިނިސްޓަރު ޝަފީ ޖާން ވިދާޅުވި ގޮތުގައި، ޕީޓީއައިގެ ދިގު މާޗުގައި ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުގެ މިހާރު މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ އަދި ޗީފް މިނިސްޓަރުކަމުގައި ހުންނެވި ސުހައިލް އަފްރީދީ ވަނީ ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، ގާނޫނުހަދާ މަޖިލީހުގެ މެންބަރު ޝާހިދު ޚައްތާކު އަދި ޖުނައިދު އަކްބަރު އާއެކު ޕާޓީގެ އިތުރު އިސް ބޭފުޅުންތަކެއްވެސް ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް، ސުހައިލް އަފްރީދީ ހައްޔަރުކުރިކަން ފުލުހުންގެ މުއައްސަސާއިން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޕާކިސްތާނުގެ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކުވެސް، އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ކުރިއަށްދާ މުޒާހަރާތައް ދަނީ މުޅި ގައުމަށް ފެތުރެމުންނެވެ.





