މެދުތެރޭ އެމެރިކާގެ ސަރަހައްދުގައި އިންޑިއާގެ ޑިޕްލޮމެޓިކް ހަރަކާތްތައް ފުޅާކުރުމުގެ ސްޓްރެޓީޖީގެ ދަށުން، ކޮސްޓަރިކާގެ ވެރިރަށް ސެން ހޮސޭގައި އިންޑިއާގެ އާ ރެޒިޑެންޓް މިޝަނެއް ހުޅުވައި ރަސްމީކޮށް މަސައްކަތް ފަށައިފިއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އާ ޑިޕްލޮމެޓިކް މަރުކަޒު އޮޕަރޭޝަނަލް ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ނިއުދިއްލީއާއި ސެން ހޮސޭއާ ދެމެދު އޮންނަ ގުޅުން ފާއިތުވި އަހަރުތަކުގައި ވަނީ ކުރިއެރުމެއް ހޯދާފައެވެ. މިގޮތުން ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ބޭސްވެރިކަމުގެ ސިނާއަތްތަކުގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމަށް ދެ ސަރުކާރުންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ކޮސްޓަރިކާގައި އިންޑިއާގެ ރެޒިޑެންޓް މިޝަނެއް ޤާއިމުކުރެވުމާ ގުޅިގެން، މެދުތެރޭ އެމެރިކާ ސަރަހައްދުގައި އިންޑިއާގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާވެ، ދެ ގައުމުގެ ސިޔާސީ އަދި އިގުތިސާދީ ގުޅުންތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ. އަދި މި މިޝަނުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ސިޔާސީ މަޝްވަރާތައް އަވަސްވެ، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.




