ނިއުދިއްލީގެ ޖަންތަރު މަންތަރުގައި މުޒާހަރާކުރުން މަނާކޮށްފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ގިނަ އަހަރުތަކެއް ވަންދެން ސަރުކާރާއި ގާނޫނުހަދާ މަޖިލީހަށް އަޑުއިއްވުމަށްޓަކައި މުޒާހަރާކުރާ މައި ސަރަހައްދެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޖަންތަރު މަންތަރުގައި މުޒާހަރާކުރުން މަނާކޮށް، އެކަމަށް ޚާއްސަ އާ ތިން ސަރަހައްދެއް ބީޖޭޕީ ސަރުކާރުން ކަނޑައަޅައިފިއެވެ.

އިންޑިއާގެ ވޯޓުލާ މީހުންގެ ރަޖިސްޓްރިއާއި އިލެކްޝަންސް ކޮމިޝަނަރު ގަޔަނޭޝް ކުމާރާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން ދިއްލީގެ ޕޮލިސް ކޮމިޝަނަރު އިއްޔެ ނެރުއްވި އަމުރެއްގައިވާ ގޮތުން، ޖަންތަރު މަންތަރުގެ ބަދަލުގައި މުޒާހަރާކުރުމަށް ހަމަޖައްސާފައިވަނީ ސެންޓްރަލް ދިއްލީގައިވާ ރާމްލީލާ މައިދާނާއި، އުތުރު ދިއްލީގެ ބުރާރީ ގްރައުންޑްގެ އިތުރުން ޝާހްދަރާގައި އޮންނަ ސީބީޑީ ގްރައުންޑެވެ. މި ނިންމުމަކީ އާންމުންނަށް އިހުތިޖާޖުކުރުމުގެ ހައްގު ލިބޭނެ އެކަށީގެންވާ ސަރަހައްދުތަކެއް ކަމަށް ކަނޑައެޅީ އިންޑިއާގެ ހޯމް އެފެއާޒް މިނިސްޓްރީން އެކުލަވާލި ކޮމިޓީއކުުންނެވެ.

މި ބަދަލު އައިސްފައިވަނީ އިހުތިޖާޖުކުރުމަށް އެކަށީގެންވާ އާ ސަރަހައްދެއް ކަނޑައެޅުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އޮކްޓޯބަރު 9 ވަނަ ދުވަހު ކަމާބެހޭ އިދާރާތަކަށް އެންގުމާ ގުޅިގެންނެވެ. އުއްތަމަ ފަނޑިޔާރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން ފާހަގަކުރެއްވި ގޮތުގައި، ފެނާއި ފާޚާނާ އަދި ސިއްހީ ޚިދުމަތް ފަދަ އަސާސީ ވަސީލަތްތައް ހުރި އެކަށީގެންވާ ސަރަހައްދެއް މުޒާހަރާތަކަށް ޚާއްސަކުރުމަކީ މުހިންމު ކަމެކެވެ.

ފުލުހުންގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ޖަންތަރު މަންތަރު މަގުގައި 1,000 އަށްވުރެ ގިނަ މީހުން އެއްވުމުން އެ ސަރަހައްދުގެ މަގުތައް ތޮއްޖެހި، ސަލާމަތީ ގޮތުން ބޮޑެތި ނުރައްކާތަކާ ކުރިމަތިވެއެވެ. ޚާއްސަކޮށް އެ ސަރަހައްދަކީ ސަރުކާރުގެ މުހިންމު އިމާރާތްތަކާއި ނާޒުކު ތަންތަން ހުންނަ ސަރަހައްދަކަށްވާތީ، މުޒާހަރާކުރާ މީހުންގެ ތެރެއަށް ވަދެ ސަލާމަތީ ނުރައްކަލެއް ކުރިމަތިކުރުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ބުނެއެވެ.

އިންޑިއާ ސަރުކާރުން ވަނ ޖެންޒީއާއި ކޮކޮރޮޗް ޖަނަތާ ޕާޓީން އިންތިޒާމު ކުރާ މުޒާހަރާތައް ކޮންޓްރޯލު ކުރުމުގެ ގޮތުން އެ ސަރަހައްދަށް ވަދެވޭ މަގުތަކާިއ މެޓްރޯ ސްޓޭޝަން ބަންދުކޮށް ިއންޓަރނެޓް ކަނޑައި ހަދާފައެވެ.

އަލަށް ކަނޑައެޅި ސަރަހައްދުތަކުގެ ތެރެއިން ރާމްލީލާ މައިދާނަކީ 50,000 މީހުންގެ ޖާގަ އޮތް ތަނެކެވެ. އަދި އެންމެ ބޮޑު ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ބުރާރީ ގްރައުންޑުގައި 50,000 އަށްވުރެ ގިނަ މީހުންނަށް އެއްވެވޭނެއެވެ. ޝާހްދަރާގެ ސީބީޑީ ގްރައުންޑަކީ 12 އޭކަރުގެ ބޮޑު ސަރަހައްދެކެވެ.

ޖަންތަރު މަންތަރަކީ ދުނިޔޭގެ ޑިމޮކރެޓިކް ގައުމުތަކުގައި ކަން ހިނގާ ގޮތަށް، މިހާތަނަށް އެތާނގައި މުޒާހަރާ ކުރުމަށް އަގެއް ދައްކަން ޖެހުނު ތަންތަނެއް ނޫނެވެ، އަދި ދުރާލާ ބުކު ކުރާކަށްވެސް ނުޖެހެއެވެ.

ނަމަވެސް އައު ސަރަހައްދުގައި ކޮންޓްރޯލުތަކެއް ކަނޑައަޅާފައި ވެއެވެ.

  1. އާ ސަރަހައްދުތައް ބުކްކުރަން ޖެހެއެވެ.
  2. އައު ސަރަހައްދުގައި މުޒާހރާ ބާއްވަން ކުލި ދައްކަންޖެހެއެވެ.
  3. އެގޮތުން ރާމްލީލާ މައިދާން ބުކްކުރުމަށް 66,080 ރުޕީސް
  4. ބުރާރީ އާއި ސީބީޑީ ގްރައުންޑަށް ގާތްގަނޑަކަށް 90,000 ރުޕީސް ދައްކައިގެން ތަން ބުކު ކުރަން ޖެހެއެވެ.
  5. ސަރުކާރުން އަދި މުޒާހަރާތަކަށް ޚާއްސަ އަގުތަކެއް ވަކިން ކަނޑައަޅާފައެއް ނުވެއެވެ.

މީގެ ކުރިން 2011 ވަނަ އަހަރު އަންނާ ހަޒާރޭ އިސްވެ ހުންނަވައިގެން ކޮންގްރެސްގެ މަންމޯހަން ސިންގ ގެ ސަރުކާރު ވައްޓާލުމަށް ހިލޭ ސާބަހަށް މަސައކަތް ކުރާ ޖަމާއަތެއް އަޑީގައި އޮވެގެން ހިންގި ހިންގި "އިންޑިއާ އެގެންސްޓް ކޮރަޕްޝަން" ހަރަކާތުގައި މީހުން ގިނަވުމުގެ ސަބަބުން މުޒާހަރާތައް ޖަންތަރު މަންތަރުން ރާމްލީލާ މައިދާނަށް ބަދަލުކުރަންޖެހުނެވެ.

އަލަށް ކަނޑައެޅުނު ސަރަހައްދުތަކުގައި ސެކިއުރިޓީ ޕޯސްޓްތަކާއި ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ހިއްސާ ކުރައްވާ!