ހައްޔަރުކުރި ގާނޫނީ ވަކީލުން އިންޑިއާގެ އުއްތަމަ ފަނޑިޔާރު މަސައްކަތް ކުރެއްވުމުން ދޫކޮށްލައިފި

އިންޑިއާގެ ސުޕްރީމް ކޯޓު ސަރަހައްދުން އިހުތިޖާޖުކުރަނިކޮށް ހައްޔަރުކުރި 60 އަށްވުރެ ގިނަ ގާނޫނީ ވަކީލުން، އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ގެ ސީދާ ތަދައްޚުލްވެވަޑައިގަތުމާ ގުޅިގެން މިނިވަންކޮށްފިއެވެ.

ސީޖޭޕީން ރާވާފައިވާ އިހުތިޖާޖަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓު ކައިރިން ސީނިއާ ވަކީލުންނާއި އަންހެން ވަކީލުން ހިމެނޭހެން 50 އާއި 60 އާ ދެމެދުގެ އަދަދެއްގެ ވަކީލުން ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދިޔަ އެވެ. ވަކީލުން ހައްޔަރުކުރުމާ ގުޅިގެން ސުޕްރީމް ކޯޓު ބާ އެސޯސިއޭޝަން (އެސްސީބީއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އުއްތަމަ ފަނޑިޔާރުގެ އެހީތެރިކަމަށް އެދި ސިޓީއެއް ފޮނުވާފައެވެ.

ބާ އެސޯސިއެޝަންގެ އިލްތިމާސާ ގުޅިގެން އުއްތަމަ ފަނޑިޔާރު ވަނީ، ހައްޔަރުކުރި ގާނޫނީ ވަކީލުން ވަގުތުން ދޫކޮށްލުމަށް ކަމާބެހޭ ފާރާތްތަކަށް އަންގަވާފައެވެ. ސުޕްރީމް ކޯޓު އެޑްވޮކޭޓްސް-އޮން-ރެކޯޑް އެސޯސިއޭޝަންގެ ރައީސް އެޑްވޮކޭޓް ދޭވްވްރަތު ވަނީ، އުއްތަމަ ފަނޑިޔާރުގެ އަމުރަށް ފުލުހުން ވަކީލުން ދޫކޮށްލާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ނިއުދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އިހުތިޖާޖަކާ ގުޅިގެން، މުޅި ސިޓީގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، މަގުތައް ބަންދުކޮށް އަދި މެޓްރޯ ސްޓޭޝަންތަކުގެ ޚިދުމަތްތައް ސަރުކާރުން ހުއްޓުވާފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިން ސުޕްރީމް ކޯޓުގެ ސަރަހައްދަށް އެއްވިޔަ ނުދިނުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ދިއްލީގެ އިތުރުން މިއަދު މުމްބާއީގައި ވެސް މުޒާހަރާތައް އޮތެވެ. ޝިވާޖީ ޕާކު ސަރަހައްދުން ހައްޔަރު ކުރި 400 މީހުންގެ ތެރޭގައި ފިލްމީ ތަރިއ އިމްރާން ޚާންވެސް ހިމެނެއެވެ.

ހިއްސާ ކުރައްވާ!