ރަޝިޔާއިން ތެލާއި ގޭސް ގަތުމނާ ގުޅިގެން އިންޑިއާއަށް ހަރުކަށި ފިޔަވަޅުތައް އަޅައި، ސަތޭކަ އިންސައްތައާ ހަމައަށް ޓެރިފް ބޮޑުކުރާނެ ކަމަށް ބުނެ އިންޑިއާއަށް އިންޒާރު ދެއްވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން އާއެކު ޑީލެއް ހައްދަވައި ރަޝިޔާއިން ޑީސަލް އެތެރެކުރަން ނިންމެވުމާ ގުޅިގެން އިންޑިއާއިން ފާޑު ކިޔައިފިއެވެ.
ޓްރަމްޕްގެ ނިންމެވުމާއެކު، އެމެރިކާއިން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުތައް ހާމަވެ، އިންޑިއާއާއި އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތަކަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށް އިންޑިއާ މީޑިއާއިން ބުނެއެވެ.
އެމެރިކާގައި ތެލުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ކުރިއަށް އޮތް މިޑްޓާރމް އިންތިޚާބަށް އަމާޒުކޮށް ޓްރަމްޕް ވަނީ ރަޝިޔާއިން ޑީސަލް ގަންނަން ނިންމަވާފައެވެ. އަދި އެކަން އިއުލާނު ކުރައްވައި ޓްރަމްޕް ވަނީ ޕޫޓިންއަށް ޝުކުރު އަދާކުރައްވާފައެވެ.
މިދިޔަ މަހު ޓްރަމްޕް ވަނީ "ލިންޑްސީ ގްރޭހަމް ސެންކްޝަނިންގ ރަޝިޔާ އެންޑް އީރާން އެކްޓް" ގާނޫނަކަށް ހައްދަވައި، ރަޝިޔާއިން ތެޔޮ ގަންނަ އިންޑިއާއާއި ޗައިނާ ފަދަ ގައުމުތަކާ ދެކޮޅަށް ބޮޑެތި ޓެރިފްތައް ނެގުމުގެ ބާރު ހޯއްދަވާފައެވެ. މިއާއެކު ނިއުދިއްލީ އާއި ވޮޝިންގޓަންއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އެމެރިކާއިން ފިއްތުންތައް ބޮޑު ކުރަމުން ދަނިކޮށް، އެމެރިކާއިން އަމިއްލައަށް ރަޝިޔާއާއެކު ތެލުގެ މުއާމަލާތްތައް ފެށުމުން، ޓްރަމްޕްގެ ސިޔާސަތުތަކުގެ މުނާފިގު ކަމާމެދު އިންޑިއާއިން ވަނީ ސުވާލުު އުފައްދާފައެވެ.




