އެމެރިކާގެ ޓެކްސަސްގައި ހުންނަ އަސްކަރީ މަރުކަޒެއްގައި 13 މީހުން މަރާލި މީހާގެ މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު އާންމުކޮށް ލައިވްސްޓްރީމްކުރާނެ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އިއުލާނުކުރެއްވުމާ ގުޅިގެން، ކޮންގްރެސްގެ މެންބަރުންނާއި ބައިނަލްއަގުވާމީ އިދާރާތަކުން ވަރަށް ބޮޑަށް ފާޑުކިޔައި، އެ ނިންމުން ކުށްވެރިކޮށްފިއެވެ.
ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ޕީޓް ހެގްސެތު ވިދާޅުވީ، ކުރީގެ އާރމީ މޭޖަރ ނިދާލް ހަސަން ބަޑިޖަހައި މެރުމުގެ އަދަބު ދޭ މަންޒަރު އާންމުންނަށް ފެންނަގޮތަށް ލައިވްކުރާނެ ކަމަށެވެ. މިއީ އެމެރިކާގެ އަސްކަރީ ތާރީޚުގައި ވެސް ބޮޑެތި ޚިލާފްތަކެއް އުފެދިފައިވާ ކަމެކެވެ.
ރިޕަބްލިކަން ޕާޓީގެ ސެނެޓަރ ތޯމް ޓިލިސް މީސް މީޑިއާގައި ވިދާޅުވީ، ނިދާލް ހަސަނަށް މަރުގެ އަދަބު ހައްގު ކަމަށާއި، ނަމަވެސް އެ މަންޒަރު އާންމުކޮށް ލައިވްސްޓްރީމްކުރުމަކީ "ހުތުރުކަން ބޮޑު" ކަމެއް ކަމަށެވެ. "އާންމުކޮށް މީހުން މެރުމުގެ މަންޒަރު ދެއްކުމަކީ އަނިޔާވެރި ވެރިކަން ކުރާ ގައުމުތަކުން ކުރާ ކަމެއް. އެމެރިކާގައި މިފަދަ ކަންކަން ހިނގައިގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އާމްޑް ސަރވިސަސް ކޮމިޓީގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ކޮންގްރެސްމަން އޮސްޓިން ސްކޮޓްވެސް ވަނީ މި ނިންމުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
މިދިޔަ 2013 ވަނަ އަހަރުގެ އޮގަސްޓް މަހު އަސްކަރީ ޖޫރީއަކުން ވަނީ، 2009 ވަނަ އަހަރު ފޯޓް ހޫޑްގައި ދިން ހަމަލާގައި 45 މީހުން މެރުމާއި މަރާލަން އުޅުމުގެ ކުށް ނިދާލް ހަސަންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅާފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވަނީ ހަސަންގެ މައްޗަށް ބަޑިޖަހައި މަރުގެ އަދަބު ތަންފީޒުކުރުމުގެ ހުއްދަ ދެއްވާފައެވެ. ހެގްސެތު ވިދާޅުވެފައިވާ ގޮތުގައި މި އަދަބު ދިނުން އޮންނާނީ ޑިސެމްބަރު 3 ވަނަ ދުވަހުގެ މެންދުރު 1:00 ގައި އެމެރިކާގެ އަސްކަރީ މަރުކަޒުގައެވެ.
ނަމަވެސް، ސެނެޓްގެ އާމްޑް ސަރވިސަސް ކޮމިޓީގެ އިސް ޑިމޮކްރެޓިކް މެންބަރު ޖެކް ރީޑް ވަނީ ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަނުން މި ނިންމުން އަލުން ބެލުމަށް ގޮވާލާފެވެ. "މަރުގެ އަދަބެއް ދޭ މަންޒަރު ލައިވްސްޓްރީމްކުރުމަކީ ނާތަހުޒީބު ކަންކަމެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާއި މަސްލަހަތަށް ލިބޭ ބޮޑު ހުތުރެއް،" ރީޑް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ. ޑިމޮކްރެޓިކް ސެނެޓަރ ކްރިސް މާފީ ވެސް ވަނީ މިއީ ޖާހިލީ ޒަމާނުގެ އުސޫލުތަކާ އެއްގޮތްކަމަށް ސިފަކުރައްވައި ފާޑުވިދާޅުވެފައެވެ.
އަސްކަރީ ގަވާއިދުތައް ބުނާގޮތުން، އަސްކަރީ މަރުގެ އަދަބުތައް ބެލުމުގެ ހައްގު ލިބިގެންވަނީ މަދު ބަޔަކަށެވެ. އޭގެ ތެރޭގައި މަރުވި މީހުންގެ އާއިލާ މީހުންނާއި، ކުށްވެރިޔާގެ ގާނޫނީ ވަކީލުންގެ އިތުރުން މަދުވެގެން ދެ ނޫސްވެރިން ހިމެނެއެވެ. 18 އަހަރުން ދަށުގެ އެއްވެސް މީހަކަށް މިފަދަ ކަންކަން ބެލުމުގެ ހުއްދައެއް ނޯވެއެވެ. އާންމުންނަށް މި މަންޒަރުތައް ދެއްކުމަށްޓަކައި ރައީސް ޓްރަމްޕް ޚާއްސަ ހުއްދައެއް ދޭންޖެހޭނެ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
މިކަމާ ގުޅިގެން އދ. އިން ވަނީ އެމެރިކާ ސަރުކާރުގެ ނާތަހުޒީބު ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު އާންމުކޮށް ބްރޯޑްކާސްޓްކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުވުމުގެ އިތުރުން، އަނިޔާވެރިކަން މަނާކުރާ ބައިނަލްއަގުވާމީ އުސޫލުތަކާވެސް ހިލާފު ކަމެއް ކަމަށެވެ.




