ޔަމަނުގެ ހޫޘީންގެ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޕާކިސްތާނުގެ އަސްކަރީ އިސްވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރުގެ ބާރުގެ ދަށުން ސައުދީ އަރަބިއްޔާއަށް އިތުރު ސިފައިން ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ. މިއީ 11 އަހަރު ކުރިން ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވުމަށް ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުން ދެކޮޅު ހަދާފައިވަނިކޮށް، އެ މަޖިލީހުގެ ވޯޓަކާ ނުލައި ނިންމާފައިވާ ނިންމުމެއްކަން ފާހަގަކުރެވެއެވެ.
މިދިޔަ އޮގަސްޓް މަހު ސައުދީ އަރަބިއްޔާއާއި ތުރުކީއާއެކު ސޮއި ކުރި ދިފާއީ އެއްބަސްވުމާއެކު ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ސިފައިންގެ ނުފޫޒު އިންތިހާއަށް ބޮޑުވެފައިވާކަން ހާމަވެގެންދެއެވެ. ނިމި ދިޔަ އަހަރު ގެނަސްފައިވާ ގާނޫނީ ބަދަލުތަކުގެ ދަށުން 2030 ވަނަ އަހަރާ ހަމައަށް ޕާކިސްތާނުގެ ސިފައިންގެ މައްޗަށް ކޮމާންޑް ހިންގުމުގެ ބާރު ލިބިފައިވަނީ ފީލްޑް މާޝަލް އާސިމް މުނީރަށެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފައިވަނީ މައްކާ މުއާހަދާއާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ސަރުކާރުގެ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަލް ސިއްރުތަކާ ހެދި ކެބިނެޓާއި މަޖިލީހުގެ ބައިވެރިވުމާ ބެހޭގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެއާއެކު، ޕާކިސްތާނުގެ ސިފައިން ހޫޘީންނާ ދެކޮޅަށް ސީދާ ހަނގުރާމައިގައި ބައިވެރިވާނެ ކަމެއް އަދި ސާފެއް ނޫނެވެ.
ސައުދީ އަރަބިއްޔާއާއި ތުރުކީގެ ދިފާއީ އިސްވެރިންނާއެކު ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު، އަސްކަރީ ގާބިލުކަން އަވަހަށް ފޯރުކޮށްދޭނެ ކަމަށް ޕާކިސްތާނުން އިއުލާނުކޮށްފައިވީ ނަމަވެސް، އެގައުމުން ފޮނުވާ ސިފައިންގެ އަދަދާއި އަދި ޕާކިސްތާން ސިފައިން ކުރާނެ މަސައްކަތްތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
2015 ވަނަ އަހަރު ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ޔަމަނަށް ސިފައިން ފޮނުވުމާ ދެކޮޅު ހެއްޖެވެ.






