ޕާކިސްތާނު ގެ ދަނޑުވެރިކަމުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، އެ ގައުމުގެ ދަނޑުވެރިންގެ 36 ޖަމާއަތެއް އެކުވެގެން އުފައްދާފައިވާ "ޕާކިސްތާން ކިސާން ރާބިތާ ކޮމިޓީ" (ޕީކޭއާރްސީ) އިން އޮކްޓޯބަރު 18 ވަނަ ދުވަހު މުޅި ގައުމުގައި މުޒާހަރާތަކެއް ބޭއްވުމަށް އިއުލާނުކޮށްފި އެވެ.
ޕީކޭއާރްސީން ވަނީ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމުގެ ޚަރަދުތައް އިންތިހާއަށް އުފުލެމުންދާއިރު، ބާޒާރުގެ އަންދާޒާނުކުރެވޭ އަގުތަކުގ ެތެރެއަށް ތެރެއަށް ދަނޑުވެރިން ދޫކޮށްލާފައިވާތީ ސަރުކާރަށް ފާޑުކިޔާފައެވެ. އެ ކޮމިޓީގެ ރައީސް ތާރިގް މަހްމޫދު ވިދާޅުވި ގޮތުގައި، ދަނޑުވެރިކަމަށް ބޭނުންވާ އޮށާއި، ފާޓިލައިޒާއާއި، ސޫފިމަރާ ބޭހާއި އަދި ޑީސަލަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހެއެވެ. ނަމަވެސް، ތަކެތި ހެއްދުމަށްފަހު ބާޒާރަށް ނެރުމުން އެކަށީގެންވާ އަގު ނުލިބި، ދަނޑުވެރިން ވަނީ ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
އެ ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ރިއްފަތު މަގްސޫދުވެސް ވަނީ، އުފެއްދުންތެރިކަމުގެ ހަރަދުތައް ބޮޑުވެ، ހައްދާ ދަނޑުތަކުގެ ނަފާ ލިބޭނެކަމުގެ ޔަގީންކަން ނެތްއިރު، މިހާރު އޮތް ސިޔާސަތުތަކުގެ ދަށުން ޕާކިސްތާނުގެ ދަނޑުވެރިކަމުގެ މުސްތަގުބަލާމެދު ސުވާލު އުފައްދަވާފައެވެ. މީގެއިތުރުން ކޮމިޓީގެ މަރުކަޒީ ސީނިއާ ލީޑަރެއް ކަމަށްވާ ފާރޫގް ތާރިގް ވިދާޅުވީ، ދަނޑުވެރިންގެ ޚިޔާލާއި މަޝްވަރާއެއް ނެތި ސަރުކާރުން ނިންމާ ނިންމުންތަކުގެ ސަބަބުން ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
އޭނާ ވަނީ ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ސަރުކާރުން ސަޕޯޓް ޕްރައިސް އިއުލާނުކުރުމަށް ގޮވާލައްވާފައެވެ. އެއީ ދަނޑުވެރިކަން ކުރުމަކީ އިގްތިސާދީ ގޮތުން ފައިދާހުރި ކަމެއްތޯ ދަނޑުވެރިންނަށް ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ޕީކޭއާރްސީގެ އިންފޮމޭޝަން ސެކްރެޓަރީ ހަސްނައިން ޖަމީލް ފަރީދީ ވަނީ ދަނޑުވެރިންގެ އެދުންތަކުގެ ތަފްސީލީ ލިސްޓެއް ހުށަހަޅުއްވައި، އޮކްޓޯބަރު 18 ގެ އިހުތިޖާޖުތައް ފެށުމުގެ ކުރިން ސަރުކާރުން މަޝްވަރާތައް ފެށުމަށް ގޮވާލައްވާފައެވެ.
އިއްތިހާދުން އެދޭ ކަންތައްތަކުގެ ތެރޭގައި ގޮދަންގެ ސަޕޯޓް ޕްރައިސް ކަނޑައެޅުމުގެ އިތުރުން، އަމިއްލަ ފަރާތްތަކުން ގޮދަން ގަތުން ހުއްޓުވައި، "ޕާސްކޯ" އަދި ޕްރޮވިންޝަލް ފުޑް ޑިޕާޓްމަންޓްތައް މެދުވެރިކޮށް ސަރުކާރުން ގޮދަން ގަތުމުގެ ނިޒާމު އަލުން ހިންގުމަށް އެދިފައެވެ. އަދި ދަނޑުވެރިން އުފައްދާ ގޮދަންގެ މަތިވަރު ސަރުކާރުން ގަންނާނެކަމުގެ ޔަގީންކަން ދިނުމަށްވެސް އެދިފައިވެއެވެ.




