ޕާކިސްތާންގެ އިގްތިސާދު ޑިފޯލްޓް ވުމަކުން ސަލާމަތް ކޮށްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފުގެ ސަރުކާރުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރަމުން އައި ކާމިޔާބީއަކީ ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމުގެ މަސައްކަތެވެ. ބައިނަލްއަގުވާމީ މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމްތަކުގެ އެހީއާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރެވުނެވެ. އަދި އެކަން ސަރުކާރުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަ އެވެ.

ޕާކިސްތާނު ސަރުކާރުން އެޅި ފިޔަވަޅު ތަކުން އިގްތިސާދު ސަލާމަތް ކުރެވުނެވެ. ނަމަވެސް ގައުމުގެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެއިން އެދެވޭ އަސަރެއް ނުކުރާ ކަމަށް މީޑިއާއާއިމުހައްލިލުން ފާހަގަ ކުރެއެވެ.

އިގްތިސާދީ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުމާ ދެމެދުގައި ވަނީ ވަރަށް ބޮޑު ތަފާތެއް އޮތް ކަމަށް މިހާރުގެ ހާލަތްތަކުން ދައްކައެވެ.

  • އިގްތިސާދީ ހަމަޖެހުމަކީ ކުރު މުއްދަތެއްގެ މާލީ ނިޒާމު ހަމައަކަށް އަޅުވައި، ދަރަނި އަދާކުރުމާއި ސަރުކާރުގެ ޒިންމާތައް އަދާކުރެވޭނެ މަގު ތަނަވަސްކުރުމެވެ.
  • އިގްތިސާދީ ކުރިއެރުމަކީ އުފެއްދުންތެރިކަން އިތުރުވުމާއި، ސިނާއަތްތައް ފުޅާވުމާއި، އާމްދަނީ މަތިވުމާއި، ވަޒީފާގެ ފުރުސަތުތައް އުފެދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމެވެ.

ގައުމަކަށް އިގްތިސާދީ ކުރިއެރުމެއް ނެތި، ހަމައެކަނި އިގްތިސާދީ ހަމަޖެހުން ހޯދިދާނެއެވެ. ޕާކިސްތާނުގެ ފާއިތުވި ތަޖުރިބާއިން ފެންނަނީ މި މަންޒަރެވެ. ޕާކިސްތާނުގެ އައިއެމްއެފް ޕްރޮގްރާމްތަކުގެ މައިގަނޑު މަގުސަދަކަށްވީ އިގްތިސާދީ ބަދަލުތަކެއް ގެނައުމަށްވުރެ ބޮޑަށް ގައުމު ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުމެވެ. ދަރަނި އަދާނުކުރެވި، އިންވެސްޓަރުންގެ އިތުބާރު ގެއްލި، ކަރަންސީގެ އަގު ވެއްޓިގެން ދިއުމަކީ އިގްތިސާދަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

ފާއިތުވި ހަތަރު އަހަރު ދުވަހުގެ ސަރުކާރުގެ ހަރަދުތަކުގެ އޮނިގަނޑުން ފެންނަނީ:

  • ޕާކިސްތާނުގެ ޖުމްލަ ޚަރަދު 90 ޓްރިލިއަން ރުޕީއަށް އަރާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 33 އިންސައްތަ ހަރަދުކޮށްފައިވަނީ ދަރަނި އަދާކުރުމަށެވެ. އަދި 28.2 އިންސައްތަ ފައިސާ ޕްރޮވިންސް ސަރުކާރުތަކަށް ދޫކޮށްފައިވާއިރު، ސިފައިންނަށް 9.1 އިންސައްތަ އަދި ޕެންޝަނަށް 7.4 އިންސައްތަ ވަނީ ކަނޑައަޅާފައެވެ. ދައުލަތުގެ ކުންފުނިތަކުގެ ގެއްލުންތައް ފޫބެއްދުމަށް 10 އިންސައްތަ ޚަރަދުކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ އެންމެ 4.6 އިންސައްތައެވެ.

މިކަމުން އެނގެނީ ދައުލަތުގެ ބޮޑު ބައެއް ހަރަދުވެގެންދަނީ އާ އިންފްރާސްޓްރަކްޗާ ބިނާކުރުމަށްވުރެ، އިދާރީ ކަންކަމާއި ދަރަނި ދެއްކުމަށް ކަމަށެވެ. އަދި މިއީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު އިންފްރާސްޓްރަކްޗަރއަށް ޕާކިސްތާނުން ހޭދަ ކުރާ މިންވަރު މަދެވެ.

އިންޑިއާފަދަ ގައުމުތަކުން އިންފްރާސްޓްރަކްޗާއާއި ޚިދުމަތްތައް ތަރައްގީ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުން ދެއެވެ. ޕާކިސްތާނަށް މިވަނީ ކުރިއަށް އޮތް ތަނަށް އިންވެސްޓްކުރުމުގައި ބޮޑެތި ހުރަސްތަކާ ކުރިމަތިލާންޖެހިފައެވެ.

އަނެއްކޮޅުން ދަރަނީގެ ބުރަ ބޮޑުވުމަކީވެސް ޕާކިސްތާންގެ އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

  • 2022 ވަނަ އަހަރު 47 ޓްރިލިއަން ރުޕީސްގައި ހުރި ދަރަނި، 2026 ވަނަ އަހަރަށް އައިއިރުވަނީ ގާތްގަނޑަކަށް 83 ޓްރިލިއަން ރުޕީއަށް މައްޗަށް ގޮސްފައެވެ.
  • ދަރަނި އިތުރުވުމުގެ ސަބަބުން އިންޓަރެސްޓަށް ދައްކަންޖެހޭ ފައިސާ އިތުރުވެ، ތަރައްގީގެ މަޝްރޫއުތަކަށް ލިބޭ ފައިސާ ވަނީ މަދުވެފަ އެވެ.

ގައުމު ބަނގުރޫޓުވުމުން ސަލާމަތްވުމަކީ މުހިންމު ކަމެއް ނަމަވެސް، ރައްޔިތުންގެ އާމްދަނީއާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށް، އަލުން ތަރައްގީގެ މަގަށް ރުޖޫއަވުމަށްޓަކައި އުފެއްދުންތެރި އިންވެސްޓްމަންޓްތަކާއި ސްޓްރެޓެޖީކް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފާހަގަ ކުރެވެއެވެ.

ހިއްސާ ކުރައްވާ!