ސަރުކާރުން ރައްޔިތުން މަރާތީ އެކަމާ ދެކޮޅަށް މަމްދާނީ ނިކުންނަވައިފި

އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އޭޖެންޓުން އާންމުންނަށް ބިރުދައްކައި، ނުރައްކާ ކުރަމުންދާއިރު އެކަމާ ދެކޮޅަށް ފިޔަވަޅު ނާޅައި ހިމޭނުން ނުހުންނަވާނެ ކަމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެ އެވެ.

މޭޔަރު މަމްދާނީ މިހެން ވިދާޅުވީ، އިމިގްރޭޝަން އޭޖެންޓުން އާންމުން ހައްޔަރުކުރުމަށް ހިންގާ ހަރުކަށި އޮޕަރޭޝަންތަކާ ދެކޮޅަށް ނިއުޔޯކް ސިޓީގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ ވަރުގަދަ އިހުތިޖާޖުތަކެއް ކުރަން ފެށުމާ ގުޅިގެންނެވެ. މީސް މީޑިއާ ގައާއި އާންމު އެއްވުންތަކުގައި އަޑުއުފުއްލަވަމުން މަމްދާނީ ވަނީ، ފެޑެރަލް އިމިގްރޭޝަން އޭޖެންޓުން ނިއުޔޯކް ސިޓީގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ބިރުވެރިކަން އުފައްދަމުންދާ ދިއުން ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އިހުތިޖާޖުތައް ފެށިގެން ދިޔައީ އައިސްގެ އޭޖެންޓުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ގާނޫނީ ލިޔެކިޔުން ނެތް ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް، އެ މީހުންގެ އާއިލާތަކާ ވަކިކުރުމާ ގުޅިގެންނެވެ. އިންސާނީ ހައްގުތަކަށް ކަމާބެހޭ ޖަމާއަތްތަކުންނާއި އާންމުން ވަނީ އައިސް އޭޖެންޓުންގެ މި އަމަލުތަކަކީ އިންސާނިއްޔަތާ ޚިލާފް، އަދި މުޖުތަމައުގެ ހަމަޖެހުން ނަގާލާ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ އައިސްގެ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމަށާއި، ނިއުޔޯކް ސިޓީއަކީ އެންމެންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ގޮވާލާފައެވެ.

"އަޅުގަނޑުމެންގެ މުޖުތަމައުތަކަށް އައިސް އޭޖެންޓުން ބިރުދައްކައި، ނުރައްކާ ކުރަމުންދާއިރު އަޅުގަނޑުމެން ހިމޭނުން ބަލާކަށް ނުތިބޭނަން،" އިހުތިޖާޖުގެ ބައިވެރިންނާ މުޚާތަބުކުރައްވަމުން މޭޔަރު މަމްދާނީ ވިދާޅުވިއެވެ. "ނިއުޔޯކަކީ އަބަދުވެސް ރައްކާތެރިކަން ހޯދަން އަންނަ މީހުންނަށް މަރުހަބާ ކިޔާ ސިޓީއެއް. ފެޑެރަލް ސަރުކާރުގެ އިދާރާތަކުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ނުފޫޒު ފޯރުވައި، ބިރުވެރިކަން ފެތުރުމުގެ ފުރުސަތެއް ސިޓީގެ ސަރުކާރަކުން ނުދޭނެ."

މި މައްސަލައިގައި ފެޑެރަލް ސަރުކާރާއި ނިއުޔޯކް ސިޓީގެ ސަރުކާރާ ދެމެދު އޮތް ސިޔާސީ ނުތަނަވަސް ކަން ވަނީ އިތުރަށް ބޮޑުވެފައެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ބުނަމުންދަނީ އައިސްގެ އޭޖެންޓުން ކުރިއަށްގެންދަނީ ގައުމުގެ އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމުގެ ގާނޫނީ އޮޕަރޭޝަންތަކެއް ކަމަށާއި، އެކަމަށް ހުރަސްއެޅުމުގެ ހައްގެއް ސިޓީގެ އޮފިޝަލުންނަށް ނޯންނާނެ ކަމަށެވެ.

ނަމަވެސް، މޭޔަރު މަމްދާނީ އާއި ސިޓީގެ އިސް މަސްއޫލުވެރިން ވަނީ ސިޓީގެ ފުލުހުން (އެންވައިޕީޑީ) އިން އައިސްގެ އޮޕަރޭޝަންތަކަށް އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަން ތަކުރާރުކޮށްފައެވެ. އަދި އައިސްގެ އޭޖެންޓުންގެ އަމަލުތަކުން އާންމުން ރައްކާތެރިކުރުމަށްޓަކައި ގާނޫނީ ގޮތުން ކުރެވެން ހުރި ހައި ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން މަމްދާނީ ވަނީ ދެއްވާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މޭޔަރު މަމްދާނީގެ ނިންމެވުމަށް މަރުހަބާ ކިޔައި، އެމެރިކާގެ އެހެން ސިޓީތަކުންވެސް އައިސްގެ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އިސްނަގައި، އާންމު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލާފައެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގެ ބްރޮންކްސް ސަރަހައްދުގައި އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އޮފިޝަލުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އޭޖެންޓަކު ބަޑިން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި އެވެ.

ފެޑެރަލް ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބަޑީގެ ހަމަލާގައި ޒަޚަމްވި މީހާއަށް ސަރަހައްދީ ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ. އަދި ހާދިސާ ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ.

އައިސް އާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓުތަކެއްގައި ބުނެފައިވަނީ، މި ހާދިސާ ހިންގާފައިވަނީ އޮކްޓޯބަރު 8 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު އެމެރިކާގެ އިރުމަތީ ގަޑިން ގާތްގަނޑަކަށް 4:00 ހާއިރު އެވެ. މި ހާދިސާ ހިނގީ ކުރިން ބޮޑެތި ވައްކަމުގެ ކުށްތައް ސާބިތުވެ، އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ ޑޮމިނިކަން ރިޕަބްލިކްގެ ރައްޔިތަކު ހައްޔަރުކުރުމަށް އައިސްގެ ސިފައިންނާއި އޮފިޝަލުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި ހާދިސާއާ ގުޅިގެން ނިއުޔޯކްގެ ކަމާބެހޭ އިދާރާތަކުން މަސްރަހު ބަލަހައްޓަމުންދާއިރު، އައިސްގެ އޭޖެންޓުން އާންމު މުޖުތަމައުތަކުގައި ހިންގާ ހަރުކަށި އޮޕަރޭޝަންތަކާ ދެކޮޅަށް ސިޓީގެ ބައެއް ސަރަހައްދުތަކުގައި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ނަމަވެސް، ފެޑެރަލް އޮފިޝަލުން ބުނަނީ މި އޮޕަރޭޝަނަކީ ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކުށްވެރިން ހައްޔަރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

ސިއްހީ އަދި ގާނޫނީ އިދާރާތަކުން ބުނާ ގޮތުގައި، ހަމަލާގައި ޒަޚަމްވި މީހާގެ ސިއްހީ ހާލަތާއި ހާދިސާ ހިންގި ގޮތުގެ އިތުރު ތަފްސީލު ތަހުގީގު ނިމުމުން އާންމުކުރެވޭނެއެވެ.

ހިއްސާ ކުރައްވާ!