އިންޑިއާގެ ދިފާއީ ސިނާއަތް ބަދަލުކޮށްލުމަށް 19 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް  

އިންޑިއާގެ ދިފާއީ އުފެއްދުންތެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޓެކްނޮލޮޖީގެ އާ ސްޓާޓްއަޕްތައް މި ދާއިރާއަށް ވެއްދުމަށް ބޮޑު މަޝްރޫއެއް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މިއީ މަރުކަޒީ ސިޔާސަތުތަކެއްގެ ދަށުން ހިންގަމުން އައި ނިޒާމެއް ބަދަލުކޮށް، ޒަމާނީ ޓެކްނޮލޮޖީއާއި ސޮފްޓްވެއާ ނިޒާމުތައް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.

ފާއިތުވި މާލީ އަހަރު 2025-2026 ގައި އިންޑިއާގެ ދިފާއީ އުފެއްދުންތެރިކަން ވަނީ 19 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2020-2021 ވަނަ އަހަރާ އަޅާބަލާއިރު %110 ގެ ކުރިއެރުމެކެވެ.

  • މި އުފެއްދުންތަކުގެ ތެރެއިން 4.5 ބިލިއަން ޑޮލަރަކީ އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ހިއްސާއެވެ.
  • އެ ގައުމުގެ ދިފާއީ ސާމާނު ބޭރު ގައުމުތަކަށް އެކްޕޯޓްކުރާ މިންވަރު 4.1 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.
  • އޭގެ ތރެއިން %45 ހިއްސާކުރަނީ އަމިއްލަ ކުންފުނިތަކުންނެވެ.
  • އިންޑިއާ ސަރުކާރުން އަމާޒުހިފާފައިވަނީ 2029 ވަނަ އަހަރަށް އަންނަންވާއިރަށް އަހަރީ ދިފާއީ އުފެއްދުންތެރިކަން 32 ބިލިއަން ޑޮލަރަށް އިތުރުކުރުމަށެވެ.

ނިއުދިއްލީގައި ބޭއްވި ޚާއްސަ ސަމިޓެއްގައި (ވީމާޝް 2026) ވާހަކަދައްކަވަމުން ދިފާއީ ވުޒާރާގެ އޮފިޝަލުން ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ދިފާއީ ދިރާސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި 24 ލެބޯޓްރީއެއްގެ ވަސީލަތްތައް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ސޮފްޓްވެއާ ސޯސް ކޯޑް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، މިހާތަނަށް 1,100 އަށްވުރެ ގިނަ ޖަމާއަތަކަށް 2,300 އަށްވުރެ ގިނަ ޓެކްނޮލޮޖީ ޓްރާންސްފާ ވަނީ ކޮށްދީފައެވެ.

އިންޑިއާއިން މި މަސައްކަތްކުރަނީ އައިޑެކްސް  އަދި އަދިތީ ސްކީމް ފަދަ ނިޒާމުތައް މެދުވެރިކޮށް އާޓިފިޝަލް އިންޓެލިޖެންޓާއި، ކުއަންޓަމް ކޮމްޕިއުޓިން އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން ސްޓާޓްއަޕްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މި ސްޓްރެޓެޖީގެ ސަބަބުން ކުދި ކުންފުނިތައް ހަމައެކަނި ސާމާނު ފޯރުކޮށްދޭ ފަރާތްތަކަށްވުމުގެ ބަދަލުގައި، އައިޕީ އާއި ޒަމާނީ ޓެކްނޮލޮޖީ އުފައްދާ ބައިނަލްއަގުވާމީ ފެންވަރުގެ ސަޕްލަޔަރުންނަށް ވެގެންދާނެ ކަމަށް ލަފާކުރެއެވެ.

މި ބަދަލުތަކުގެ ސަބަބުން އިންޑިއާގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ސަޕްލައި ޗޭންގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. ސަރުކާރުގެ މި އަމާޒަކީ ދިފާއީ ސިނާއަތް އާ ހަރުފަތަކަށް ގެންގޮސް، ބައިނަލްއަގުވާމީ މައިދާންގައި ވާދަވެރި ގައުމަކަށް ވުމެވެ.

ހިއްސާ ކުރައްވާ!