ސްޕޭސްއެކްސްގެ ބާނީ އީލޮން މަސްކުގެ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް "ސްޓާލިންކް" އިންޑިއާގައި ފެށުން ލަސްވަމުންދާ މައްސަލައިގައި، އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަންބާނީގެ ރިލައިަންސް އިންޑަސްޓްރީޒްއާއި ވެރިކަންކުރާ ބާރަތީޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާ ދެމެދު އޮތް މާލީ އަދި ސިޔާސީ ގުޅުންތަކަށް ފާޑުކިޔައި މަސްކު އާންމުކޮށް ހަމަލާތައް ދޭން ފަށައިފިއެވެ.
މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި މަސްކު ކުރެއްވި ޕޯސްޓްތަކެއްގައި ވަނީ، ރިލައިަންސްއާ ގުޅުންހުރި ކުންފުނިތަކުން ބީޖޭޕީގެ ސިޔާސީ ކެމްޕޭންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެ ޝާއިއުކޮށްފައިވާ ބައިނަލްއަގުވާމީ އަދި އިންޑިއާގެ ނޫސް ރިޕޯޓުތަކުގެ ސްކްރީންޝޯޓްތައް ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި ރިލައިަންސްގެ ފަންޑު ލިބޭ ކުންފުންޏަކުން ފޭސްބުކް މެދުވެރިކޮށް ބީޖޭޕީގެ ކެމްޕޭން ވަރުގަދަކުރި ގޮތުގެ ރިޕޯޓްތަކާއި، ރިލައިަންސްއާ ގުޅުންހުރި "ކްވިކް ސަޕްލައި" ކުންފުނިން ދީފައިވާ ސިޔާސީ އެހީތަކުގެ ވާހަކަތައް ބޭޒާރު ކޮށްފައެވެ.
މަސްކު ތުހުމަތުކުރައްވާ ގޮތުގައި، އިންޑިއާގެ ސެޓެލައިޓް ކޮމިއުނިކޭޝަންސް ބާޒާރުގައި ސްޓާލިންކަށް ޚިދުމަތް ދިނުމުގެ ހުއްދަ ލިބުން ލަސްވަމުންދަނީ، އަނބާނީގެ ވިޔަފާރި މޮނޯޕޯލީ ހިމާޔަތްކުރުމަށްޓަކައި ސަރުކާރުން ހުރަސްތަކެއް ކުރިމަތިކުރުވަމުންދާތީއެވެ. އިންޑިއާގެ ޓެލެކޮމް ބާޒާރުގައި ރިލައިަންސް ޖިއޯއިން ބޮޑު ހިއްސާއެއް ކޮންޓްރޯލް ކުރަމުންދާއިރު، ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ފެށުމަށް ސްޓާލިންކުން ދަނީ ގޭޓްވޭތައް ގާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ ރެގިއުލޭޓަރީ އުސޫލުތަކުން ވަކި ފަރާތަކަށް ޖެހެމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ. އިންޑިއާގެ ކަމާބެހޭ ވުޒާރާތަކުން ބުނެފައިވަނީ ސެޓެލައިޓް ކޮމިއުނިކޭޝަންސްގެ ހުއްދައަށް އެދިފައިވާ އެންމެހާ ކުންފުނިތަކަށްވެސް އަމަލުކުރެވޭނީ އެއް އުސޫލަކުން ކަމަށާއި، ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު ޝަރުތުތައް ފުރިހަމަކުރުމުން ނޫނީ އެއްވެސް ފަރާތަކަށް އޮޕަރޭޝަނަލް ހުއްދަ ނުލިބޭނެ ކަމަށެވެ



